ފުލުސް އިދާރާގެ ތަފާސް ހިސާބު ފޮތް ދައްކާ ގޮތުން ހަތް އަތޮޅުގައި 31 ގޭންގެއް ހިންގަ އެވެ. އޭގެ ތެރެއިން ބައެއް ގޭންގުތަކުގެ ހަރަކާތްތައް މަޑުޖެހިފައި ވިޔަސް ކުށްކުުރުމުގައި ފާހަގަކުރެވޭ 20 ގޭންގެއް ވެއެވެ. ގޭންގު ކުށްތަކުގައި 31 މީހަކު ވަނީ މަރާލާފައެވެ. އޭގެ ތެރެއިން ހަ މީހެއްގެ މަރު އައީ ދެކުނުގެ ހަތް އަތޮޅުގެ ރަށްތަކުންނެވެ.
މާލެއިން ދެކުނު، ދ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅާއި ގއ. ގދ. އަދި ދެކުނުގެ ދެ ސިޓީ ކަމަށްވާ ފުވައްމުލަކާއި އައްޑު އަތޮޅުގައި 31 ގޭންގެއް ހަރަކާތްތެރިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނެފި އެވެ. ފުލުހުން މި މައުލޫމާތު ހަމަ ކުރީ ރާއްޖޭގެ އެންމެ ބޮޑު ރަށް، ލ. ގަމުގައި މިއަދު ފެށި "ވިޔަވަތި ރާއްޖެ" ކޮންފަރެންސްގައިި ދިން ޕްރެޒެންޓޭޝަނެއް މެދުވެރިކޮށެވެ.
ހަތް އަތޮޅުގެ ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ރައީސުންނާއެކު ކުރިއަށް ގެންދާ ކޮންފަރެންސްގައި ފުލުހުން ވަނީ އެ އަތޮޅުތަކުގައި ގޭންގު ހަރަކާތް ހުރި ގޮތުގެ ތަފްސީލު ހިއްސާ ކޮށްފަ އެވެ.
ފުލުހުންގެ ތަފާސް ހިސާބު ފޮތް ދައްކާ ގޮތުން ހަތް އަތޮޅުގައި 31 ގޭންގެއް ހިންގަ އެވެ. އޭގެ ތެރެއިން ބައެއް ގޭންގުތަކުގެ ހަރަކާތްތައް މަޑުޖެހިފައި ވިޔަސް ކުށްކުުރުމުގައި ފާހަގަ ކުރެވޭ 20 ގޭންގެއް ވެއެވެ. އޭގެ ތެރެއިން 13 ގޭންގެއް ނިސްބަތް ވަނީ އައްޑޫ ސިޓީއަށެވެ. އެ ސިޓީގައި ނުވަ ގޭންގެއްގެ ހަރަކާތްތައް ފުޅާވެފައި ބޮޑެވެ.
ފުވައްމުލަކުގައި އަށް ގޭންގެެން ހަރަކާތްތެރިވާއިރު ތިން ގޭންގެއްގެ ހަރަކާތްތެެރިކަން ބޮޑެވެ. ގދ. ތިނަދޫގައި ދެ ގޭންގެއް އަދި ވިލިނގިލީގައި ގޭންގެއް އޮވެ އެވެ. ތ. ތިމަރަފުށީގައި ވެސް ދެ ގޭންގެއް ހަރަކާތްތެރިވާ ކަމަށް ފުލުސް ކަރުދާހުން ދައްކައެވެ. ކޮންފަރެންސް ކުރިއަށްދާ ގަމުގައި ފަސް ގޭންގެއް ހިންގާއިރު އޭގެ ތެރޭން ތިން ގޭންގެއްގެ ހަރަކާތެރިކަން ބޮޑެވެ.
ފުލުހުން ހާމަ ކުރި މައުލޫމާތުތައް ބުނާ ގޮތުން ވެރިރަށް މާލެ އާއި އަތޮޅުތަކުގައި ހަރަކާތްތެރިވާ ގޭންގުތަކުގައި ދ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅާއި ގއ. ގދ. އަދި ދެކުނުގެ ދެ ސިޓީއަށް ނިސްބަތްވާ 1،506 ގޭންގް ސްޓާރުން އުޅެއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ އެކި ގޭންގުތަކަށް ނިސްބަތްވާ 901 ގޭންގް ސްޓާރުންނާއި މި ހަތް އަތޮޅުގައި އުޅޭ 605 ގޭންގް ސްޓާރުންނެވެ.
ހަތް އަތޮޅުގައި ހިންގާ 31 ގޭންގުގައި 700 ވުރެ ގިނަ ގޭންގް ސްޓާރުން ހިމެނެ އެވެ. އަދި 100 ވުރެ ގިނަ ކުޑަކުދީން ގޭންގުތަކާއި ގުޅި ކުށްކުރުމުގައި އުޅޭ ކަަމަށް ރިކޯޑް ކުރެވިފައި ވެއެވެ.
ވަކިވަކި އަތޮޅަށް ބަލާއިރު ގޭންގުތަކަށް ނިސްބަތްވާ 250 ގޭންގް ސްޓާރުންނަކީ އައްޑޫ ސިޓީގެ އެކި ރަށްތަކަށް ނިސްބަތްވާ މީހުންނެވެ. ގޭންގުތަކުގައި ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ 160 ގޭންގް ސްޓާރުން އުޅެއެވެ. ހުވަދޫގެ ދެ އަތޮޅުގެ ތެރެއިން ގދ ގެ 223 ގޭންގް ސްޓާރުން އަދި ގއ، ގެ 112 ގޭންގް ސްޓާރުން، ގޭންގުތަކުގައި އުޅެއެވެ.
މި އަތޮޅުތަކުގެ ތެރެއިން ގޭންގު ހަރަކާތް އެންމެ ކުޑައީ ދ. އަތޮޅުގަ އެވެ. އެ އަތޮޅުގައި ގޭންގު ހަރަކާތްތަކުގައި އުޅޭ ކަމަށް ރެކޯޑް ފޮތުގައި އޮތީ 15 ގޭންގް ސްޓާރުންނެވެ. ތ. އަތޮޅުގެ އެކި ރަށްތަކަށް ނިސްބަތްވާ 103 ގޭންގް ސްޓާރުން، ގޭންގުތަކާއި ގުޅި ކުށަށް އަރައިގަތުމުގައި އުޅެ އެވެ.
ރާއްޖޭގައި ގޭންގު ހަރަކާތް ފުޅާވެ، ބޮޑުވެ ގޭންގުތަކުގެ މެދުގައި ހިނގާ ހަމަނުޖެހުންތަކާއި މާރާމާރީތައް ވަނީ ގިނަވެފަ އެވެ. ދެހާސް ހަތް ވަނަ އަހަރުން ފެށިގެން ގޭންގު ކުށްތަކުގައި 32 މީހަކުމަރާލާފައި ވެއެވެ. އެ މަރުތަކުގައި 200 ވުރެ ގިނަ މީހުން ބައިވެރިވެފައި ވާކަން ތަހުގީގު ތަކަށް އެނގިފައި ވެއެވެ. އެއީ 18 އަހަރުން މަތީގެ 185 މީހަކާއި 21 ކުއްޖެކެވެ.
އެ މީހުންގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީއަށް ނިސްބަތްވާ 30 މީހަކާއި ފުވައްމުލަަކަށް ނިސްބަތްވާ 17 މީހަކާއި ގދ. އަތޮޅުގެ ރަށްތަކަށް ނިސްބަތްވާ 15 މީހަކާއި ގއ. އަތޮޅުގެ ރަށްތަކަށް ނިސްބަތްވާ 12 މީހަކާއި ލ. އަތޮޅުގެ ރަށްތަކަށް ނިސްބަތްވާ 15 މީހަކާއި ތ. އަތޮޅުގެ ރަށްތަކަށް ނިސްބަތްވާ ހަތަރު މީހެކެވެ.
ދެހާސް ހަތް ވަނަ އަހަރުން ފެށިގެން މިދިޔަ މުއްދަތުގައި މާލޭން ދެކުނު ހަތް އަތޮޅުން ހަ މީހަކު މަރާލުމުގެ ހާދިސާތައް ހިނގާފައި ވެއެވެ. ގޭންގު މާރާމާރީއެއްގައި މި އަތޮޅުތަކުން ފުރަތަމަ މަރެއް ރިޕޯޓް ކުރީ 2010 ވަނަ އަހަރު އެވެ. އެއީ ފުވައްމުލަކު ސިޓީގަ އެވެ، އޭގެ ފަހުން 2013 ވަނަ އަހަރު ގަމުގައި މީހަކު މަރާލިއެވެ. އަދި 2015 ގައި ލ. މުންޑޫގައި މީހަކު މަރާލިއެވެ. މާޗް 21، 2015 ގައި މަރާލާފައި ވަނީ މުންޑޫ ނޫވިލު އަލީ ޒިއަދަމް އެވެ. ޒިއަދަމަށް ހަމާލާ ދީފައިވަނީ އޭނާ މުންޑޫގެ ގެއެއްގެ ކުރިމަތީގައި ހުއްޓާ އެ ރަށުހެން ދެ މީހަކު ގޮސް އޭނާއަށް ހަމަލާދޭން އުޅުމުން ދުވެފައި ގޮސް ގެއެއްގެ ބަދިގޭގެ ތެރެއަށް ވަން ވަގުތު އެވެ.
ހަމަ އެ އަހަރު އައްޑޫ ހިތަދޫގައި ގޭންގަކުން މީހަކު މަރާލި އެވެ. އަދި 2021 ގައި ގއ. މާމެންދޫގައި މީހަކު މަރާލި އެވެ. ވަރުގަދަ، ގްރޫޕް މާރާމާރީއެއް ހިންގައި ފެބްރުއަރީ 8، 2021 ގައި މަރާލާފައިވަނީ އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު އެވެ. އޭނާގެ ބުރަކައްޓަށް ވަޅީން ގިނަ ހަމަލާދިނުމުގެ ސަބަބުން ފުން ޒަހަމްތަކެއް ހުއްޓެވެ. އެއްތަނަކަށް އެތައް ފަހަރަކު ވަޅި ޖަހާފައި ވެއެވެ.
މި އަހަރު އައްޑޫ ސިޓީ ފޭދޫގައި ވެސް ވަނީ ގޭންގު މާރާމާރީއެއް ހިންގާފަ އެވެ. އެ މަރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލުމުން ފަރުވާ ދެނިކޮށް މަރުވީ އުމުރުން 21 އަހަރުގެ މީހެކެވެ. އެއީ ޖޫން ދެވަނަ ދުވަހު އެވެ.
މަރުގެ އެކި މައްސަލަތަކާއި ގުޅިގެން މިހާތަނަށް ހައްޔަރު ކުރި މީހުންގެ ތެރޭގައި ހަތަރުފަސް ފަހަރު ހައްޔަރު ކޮށްފައި ތިބި މީހުން ހިމެނެއެވެ. ފުލުހުން ވަނީ އެ މައުލޫމާތުވެސް ހިއްސާ ކޮށްފައެވެ.
އެ ގޮތުން އައްޑޫ ސިޓީއަށް ނިސްބަތްވާ 28 މީހަކު، މަރުގެ އެކި މައްސަލަތަކުގައި ފަސް ފަހަރު ހައްޔަރު ކޮށްފައިވެއެވެ. އަދި 145 މީހަކު ދެ ފަހަރާއި ހަތަރު ފަހަރާ ދެމެދުގެ އަދަދަކަށް ހައްޔަރު ކޮށްފައި ވެއެވެ. ފުވައްމުލަކުގައި ހަ މީހަކު ފަސް ފަހަރު ހައްޔަރު ކޮށްފައިވާއިރު 53 މީހަކު ތިން ފަހަރަށް ވުރެ ގިނަ ފަހަރު، މަރުގެ އެކި މައްސަލަތަކުގެ ތުހުމަތަށް ހައްޔަރު ކޮށްފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.
ގއ. އަތޮޅުގެ ރަށްތަކަށް ނިސްބަތްވާ ހަތަރު މީހަކު، ފަސް ފަހަރު ހައްޔަރު ކޮށްފައިވާއިރު 45 މީހަކު ހަތަރު ފަހަރު ހައްޔަރު ކޮށްފައިވެއެވެ. މި މީހުން ހައްޔަރު ކުރުމަށް ފަހު އަލުން މުޖްތަމައުގެ ތެރެއަށް ދޫވެގެން ދިއުމަކީ ފުލުހުންގެ ކަންބޮޑުވުމެއް ކަމަށް ބުނި ނަމަވެސް މިހާތަނަށް އެފަދަ މައްސަލަތަކަށް އެއްވެސް ހައްލެއް ނުލިބެއެވެ.
ދެކުނުގައި ހިންގާފައިވާ ބައެއް މާރާމާރީތަކަކީ އެއް އަވަށުގައި އޮންނަ ގޭންގަކުން އެެހެން އަވަކަށް ގޮސް ހިންގާފައިވާ މާރާމާރީތަކެވެ. ބައެއް ފަހަރު އެ ގޭންގު ނިސްބަތްވާ ރަށް ނޫން އެހެން ރަށްރަށް ގޮސްވެސް މާރާމާރީ ހިންގާފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ.
ފުލުހުންގެ މައުލޫމާތުތަކުން ހާމަވި ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކޮށް ގޭންގުތަކުން ދަނީ އެ މީހުންގެ ބާރު ގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. މަސްތުވާތަކެތީގެ ވިޔަފާރިން ގޭންގުތަކުން ދަނީ ގިނަ އަދަދެއްގެ ފައިސާ ހޯދަމުންނެވެ.
އަދި އާންމުންގެ ލޯ މައްޗަށް އެކަން ސިއްރު ކުރުމަށް އެކި ނަންނަމުގައި ކުލަބު، ޖަމިއްޔާތައް ދަނީ ރަޖިސްޓްރީ ކުރަމުންނެވެ. ތަފާތު ނަންނަމުގައި ސޯޝަލް މީޑިއާގައި ޕޭޖްތައް ހިންގާ އެ މީހުންގެ ގޭންގުތައް ޕްރޮމޯޓް ކުުރުމުގެ މަަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ގޭންގުތަކުގެ ހަރަކާތްތައް ފުޅާވެ، ވަރުގަދަ ވެގެން ގޮސް އެ މީހުން ބާރާއި ނުފޫޒު ވަނީ ސިޔާސީ މީހުންގެ މައްޗަށް ފޯރުވާފަ އެވެ. އަދި ޝަރުއީ މަރުހަލާއަށްވެސް ގޭންގުތަކުގެ ނުފޫޒު އޮވެއެވެ. ބައެއް ފަހަރު ވަކީލުން މެދުވެރިކޮށް އެފަދަ ނުފޫޒުތައް އެކި މައްސަލަތަކުގެ ތެރެއަށް ވައްދައެވެ.
ގޭންގުތަކުގައި އިސްކޮށް އުޅޭ މީހުންނަކީ ފައިސާގެ ގޮތުން ތަނަވަސް ބައެއް ކަމަށް ފުލުހުން ބުނެއެވެ. އެ މީހުން ރަށްރަށުން ބިން ގަނެއެވެ. އެ ބިމުގައި ތަފާތު އެކި މަސައްކަތްތައް ހިންގައެވެ. ބައެއް ފަހަރު ގެސްޓް ހައުސް އަޅާ އެ ވިޔަފާރި ކުރެއެވެ. ފިހާރަ ހައިގެން އެ މަސައްކަތްވެސް ހިންގައެވެ. އޮޑި ދޯނި ފަހަރު ގެންގުޅެ އެވެ.