އެމްޑަބްލިޔުއެސްސީއަށް ލިބެންޖެހި، ނުލިބި ހުރި 100 މިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް މަސައްކަތް އަންނަނީ ކުރަމުން
ސަރުކާރުގެ އެކި އިދާރާތަކުން އެމްޑަބްލަޔުއެސްސީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަށް ރުފިޔާ ވަރު މިހާތަނަށް ނުލިބި އެބަހުރި ކަމަށް އެކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅު ވެއްޖެ އެވެ.
"ސަތޭކަ މިލިއަން ރުފިޔާ ވަރު އެބައުޅޭ ސަރުކާރުގެ އެކި އިދާރާތަކުން މި ކުންފުންޏަށް އަންނަން ޖެހޭ. އެ ފައިސާ ހޯދުމަށް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން،"
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ރޭ ތީން ވިދާޅުވީ 20 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ކުންފުނިން ލޯނު ނަގައިގެން ކަމަށާއި ނަމަވެސް އެ ބިލުތަކަށް ސަރުކާރުން ފައިސާ ދައްކަމުން ނުދާ ކަމަށެވެ.
އަދި މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެމްޑަބްލިޔުއެސްސީގެ ހިންގުން ދޯދިޔާވެ، ކަންކަން ބޮއްސުންލައިގެން ދިއުމުގެ ބުރަ، އެހެން ކުންފުނިތަކެކޭ އެއްފަދައިން އެ ކުންފުންޏަށް ވެސް އުފުލަން ޖެހިފައިވާކަން މަތީން ފާހަގަ ކުރެއްވި އެވެ.
"މި ނިންމި މަޝްރޫއުތަކުން ގާތްގަނޑަކަށް ހަތް ސަތޭކަ މިލިއަން ރުފިޔާ ސަރުކާރުން އަންނަންޖެހޭ. އެ ފައިސާ ބަޖެޓުގެ ޑްރާފްޓަ ހިމެނިފައެއް ނެތް. ދިމާވި ގޮތަކީ ސަރުކާރު އިދާރާތަކުގެ ބަޖެޓް ހުންނަގޮތުން ބަޖެޓުގެ އެއް ކޯޑު އަނެއް ކޯޑަށް ފައިސާ މި ބަދަލު ކުރަނީ. ކުރާއިރު އަސާސީ ހިދުމަތްތަކަށް މި ހުންނަ ފައިސާ ދެއްކުމުގެ ބަދަލުގަ އެހެން ކަންތައްތަކަށް އިސްކަން ދެވިގެން ފައިސާ ބަދަލު ކުރެވިގެން އަހަރު ނިމިގެންދާއިރުގަ އެ ފައިސާ މި ހުންނަނީ ކުންފުންޏަށް ނުލިބި. އެހެންވީމަ އެ މާލީ ދަތިކަން ކުރިމަތި ވަނީ ކުންފުންޏަށް،" މަތީން ވިދާޅުވި އެވެ.
މަތީން ވިދާޅުވިގޮތުގައި ދެކެން ބޭނުންވަނީ ދައުލަތުގެ އިދާރާތަކުން ކުންފުންޏަށް އެކި ގޮތްގޮތުން އަންނާންޖެހޭ ފައިސާ ގަވާއިދުން ލިބެމުން އަންނާނެ ފަދަ ގޮތަކަށް ބަޖެޓުގައި ހިމަނައިދިނުމެވެ. އެއީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެވޭނީ ހުރިހާ ފަރާތެއްގެ އެއްބާރުލުން ލިބިގެން ކަމަށް ވާތީ އެވެ.
އޭނާ ވިދާޅުވީ ކުންފުނިން އެންމެ ގިނަ މަސައްކަތް ކުރެވެނީ "ކޮންޓްރެކްޓާ ފައިނޭންސިން"އަށް ކަމަށެވެ. ނަމަވެސް ގައުމީ ތަރައްގީގެ މަސައްކަތައް ސަރުކާރުން ކުރަމުން ގެންގޮސްފައިވަނީ ދައުލަތަށް ލިބޭ އާމްދަނީއަށް ވެސް ބެލުމެއް ނެތި ކަމަށެވެ.
ފެން ކުންފުނީގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ފުރަތަ އިސްކަން ދެއްވާނީ ހުއްޓިފައި އޮތް މާލެ އާއި ހުޅުމާލެ ފެނުގެ ވިއުގައިން ގުޅާލުމުގެ މަސައްކަތަށް ކަން މަތީން ފާހަގަ ކުރެއްވި އެވެ. ވިދާޅުވީ އެ މަސައްކަތް ނިމުމުން ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެ ކަމަށާއި އަދި ދެކޮޅުގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ފެނުގެ ޔަގީން ލިބިގެން ދާނެ ކަމަށެވެ.
ކުރީ ސަރުކާރުގެ ސްޕީޑަށް ވަރަށް ބޮޑަށް ފާޑުކިޔުއްވަމުން މަތީން ވިދާޅުވީ ފެނުގެ ޚިދުމަތް ފަދަ ރައްޔިތުންނާ ގުޅުން ހުރި މުހިއްމު ކަމެއް ނުކުރެވި، އޮތުމަކީ ކަންކަން ލަސްވުމުގެ އިންތިހާ ކަމަށާއި އަދި އެއީ ބަލައިގަނެވޭނެ ކަމެއް ވެސް ނޫން ކަމަށެވެ.
އަބްދުލް މަތީން ވިދާޅުވީ ތަރައްގީއަކީ ނުވަތަ ނަތީޖާ ނެރުމަކީ އެންމެ އޮފީހަކަށް ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށާއި ގައުމެއްގެ ތަރައްގީ ބިނާވެފައި އޮންނަނީ ސަރުކާރާއި ރައްޔިތުންނާމެދު އޮންނަ ބަދަހި ގުޅުމުގެ މައްޗަށް ކަމަށެވެ.