"[މަޖިލީހުގެ ނިންމުމުގައި ސަރުކާރަށް] މަޖުބޫރުވާ ކަމެއް ނުވަތަ ކުރަން ޖެހޭ ކަމެއް އޮވެއްޖެއްޔާމުން ވަގުތުން އެ ފިޔަވަޅު އަޅާނަން. އަދި އެކަން އަޅުގަނޑުމެން ކެބިނެޓާ ހަމައަށް ވެސް ގެންނާނަން،"
އިޒްރޭލް ޕާސްޕޯޓް މަނާކުރުމާ ޗާގޯސް މައްސަލަ ކެބިނެޓަށް ގެންނަވާ އެކަންކަމުގައި ނިންމަވަން ޖެހޭ ނިންމެވުންތައް ސަރުކާރުން ނިންމަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
މުސްލިމު ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އެ ގައުމަށް ވެރިވެގެން ތިބި ޔަހޫދީ ޒަޔަނިސްޓުން ހިންގާ ލާއިންސާނީ ޖަރީމާތަކާއި ގުޅިގެން އެ ގައުމުގެ ޕާސްޕޯޓް ގައި ރާއްޖެ އެތެރެވުން މަނާ ކުރުމަށް ގޮވާލާ އަޑު ވަނީ ގަދަވެފައެވެ. އެކަމުގެ މަަސައްކަތް އެކި ލެވެލްގައި ރާއްޖޭގައި އެބަ ހިނގައެވެ. އެކަމާއި ގުޅޭ މައްސަލަ އެއް މަޖިލީހުގައި އެބަ އޮތެވެ.
އެތައް ހާސް ދިވެހީން ސޮއިކޮށްފައިވާ ޕެޓިޝަނެއް ވެސް އެބަ އޮތެވެ. ރާއްޖޭގައި އެކަމާއި ދެކޮޅު އެއްވުންތަކާއި އިހުތިޖާޖުތައް ވަނީ ބާއްވާފައެވެ.
އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ މައްސަލާ ގައި ސަރުކާރުގެ ވިސްނުމަކީ ކޮބައިތޯ ސުވާލު ކުރުމުން ރައީސް މުއިއްޒު ވަނީ އެ މައްސަލަ ކެބިނެޓަށް ގެންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މިހާރު މަޖިލީހުގައި އޮތް މައްސަލަ އަށް އިޝާރާތް ކުރައްވާ ވިދާޅުވީ މަޖިލީހުގެ ނިންމުމާއެކު ސަރުކާރުން ނިންމުމެއް ނިންމަން ޖެހޭނަމަ އެކަމުގައި ފަސްޖެހި ވަޑައިނުގަންނަވާނެ ކަމަށެވެ.
"[މަޖިލީހުގެ ނިންމުމުގައި ސަރުކާރަށް] މަޖުބޫރުވާ ކަމެއް ނުވަތަ ކުރަން ޖެހޭ ކަމެއް އޮވެއްޖެއްޔާމުން ވަގުތުން އެ ފިޔަވަޅު އަޅާނަން. އަދި އެކަން އަޅުގަނޑުމެން ކެބިނެޓާ ހަމައަށް ވެސް ގެންނާނަން،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވަނީ ޗާގޯސް މައްސަލަ ކެބިނެޓަށް ގެންނަވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނުގެ ކެންޕޭނު ގައި ވެރިކަމަށް ވަޑައިގެންފިނަމަ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފަށް ވައްދާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން އަމާޒު ހިފާފައިވާ އެންމެ މުހިންމު ކަންކަމުގެ ތެރޭގައި ހިމަނުއްވާ އެކަން ވަނީ އިއުލާނު ވެސް ކުރައްވާފައެވެ.
މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ރައީސް ވިދާޅުވީ އެ މައްސަލަ ކެބިނެޓަށް ގެންނަވާނެ ކަމަށެވެ. އަދި އެކަމުގައި ބަންޑާރަ ނާއިބުގެ ލަފާފުޅު ހޯއްދަވާނެ ކަމަށެވެ.
ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަން އޮތީ މޮރިޝަސްއަށް ކަމަށް ގަބޫލުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީގެ މައްސަލަ ވަނީ ބޮޑުވެފައެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނާ ބޭފުޅުންގެ ނަަޒަރުގައި އެ ނިންމުން އައުމުގައި ރައީސްގެ ސިޓީގެ ދައުރު ވަރަށް މުހިންމެވެ. އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ އީއީޒެޑުން 44،000 އަކަކިލޯމީޓަރުގެ ބޮޑު ސަރަހައްދެއް ގެއްލިފައިވާ ކަަމަށް އޭރުގެ އިދިކޮޅު ޕާޓީތަކާއި ކުރީގެ ބައެއް ބަންޑާރަ ނާއިބުން ގެންދެވީ ވިދާޅުވަމުންނެވެ.