ފައިސާ ނުދޭތީ ރަހާ ރިސޯޓަށް ޓޫރިސްޓުން އުފުލައިދިނުން މޯލްޑިވިއަން ހުއްޓާލައިފި

ރީކޯ މޫސަގެ ރަހާ ކުންފުނިން މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައެއްވެސް ފެންމަތިވެފައިވެ އެވެ. އަދި ރީކޯގެ މޯހޮޓެލްގެ އެކައުންޓްތަށްވެސް ހުރީ ފްރީޒްކޮށްފަ އެވެ.

މޯލްޑިވިއަން: މާލީ ގޮތުން އެއާލައިން އޮތީ ދަތިކަމެއްގެ ތެރޭގައި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ރަހާ ރިސޯޓުން މޯލްޑިވިއަންއަށް ފައިސާ ނުދައްކާތީ މޯލްޑިވިއަނުން އެ ރިސޯޓަށް ޓޫރިސްޓުން އުފުލައި ދިނުން ހުއްޓާލާފައިވާ ކަމަށް، ކުންފުނިތަކުގެ މަސްހޫލިއްޔަތު ބަލާ ކޮމެޓީ، ސްޓޭޓް އޯން އެންޓްޕަރައިސް ކޮމެޓީ (އެސްއޯއީ) ކޮމެޓީގެ މެންބަރު ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަން އާއި ލ. އަތޮޅުގައި ގައި ހިންގާ ރިހާ ރިސޯޓާ ދެމެދު ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުމެއް އެ ކުންފުނިން ބާތިލުކޮށްލި ކަމަށް ބުނެ ރަހާ ރިސޯޓުން ވަނީ ސްޓޭޓް އޯން އެންޓްޕަރައިސް ކޮމެޓީ (އެސްއޯއީ) ކޮމެޓީއަށް ޝަކުވާއާއެކު ހުށަހެޅި މައްސަލާގައި ވާހަކަ ދައްކަވަމުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) ވިދާޅުވީ ހަމަ ތިބެފައި އެއާލައިނަކުން ކޮންޓްރެކްޓް ކެންސަލް ނުކުރާނެ ކަމަށާ، މިފަދަ ކޮންޓްރެކްޓެއް އާއްމުކޮށް ކެންސަލް ކުރާނީ ފައިސާގެ މައްސަލައެއް ޖެހިގެން ކަމަށާ، މިއީވެސް އެފަދަ މައްސަލައެއް ކަމަށެވެ. 

"ފައިސާގެ މައްސަލަތައް ޖެހިފައި މި ހުންނަނީ. މިސާލަކަށް ފައިސާ ނުދައްކާނަމަ ކޮންޓްރެކްޓްރާ އެއްގޮތަށް. އަޅުގަނޑު ބަލައިލައިފިން މި މައްސަލަ. ރަހާ ރިސޯޓުން ފައިސާ ނުދައްކައިގެން މޯލްޑިވިއަންއިން ވަނީ އެ ރިސޯޓަށް ދަތުރު ކުރުން [ކައްދުއަށް ޓޫރިސްޓުން އުފުލައި ދިނުން] ހުއްޓާލާފަ، މިހާރު ދަތުރު ކުރަނީ ވަގުތުން ފައިސާ ދެއްކީމަ. އެ ގެސްޓެއް ގެންދަނީ. މިހެން ހެދީމަ އެއީ ބޮޑު އަގެއް... ކޮންޓްރެކްޓެއް ހަދައިފިނަމަ މިސާލަކަށް 200 އެއްހާ ޑޮލަރަށް ހެދިފަ ހުންނަ ކޮންޓްރެކްޓެއްގައި ނަމަ 400 ޑޮލަރަށް ބޮޑުވޭ. މިއީ ފަސޭހަކަމެއް ވެސް ނޫން،" ދޮންބިލެއް ވިދާޅުވި އެވެ.

"މިކަން ހުއްޓާލާފައި ވަނީ ޕޭމަންޓަށް ގުޅާގުޅާ ވެސް ހަބަރެއް ނުވެގެން." 

މައްސަލަ ސާފު ކުރަން މޯލްޑިވިއަން ކޮމެޓީއަށް

ރީކޯ މޫސާ މަނިކު: ފައްޔާޒުގެ ތުހުމަތުތައް ދޮގު ކުރެއްވި

އެސްއޯއީ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މި މައްސަލާގައި އިތުރަށް ސާފު ކުރަން ޖެހޭ ގިނަ ކަންތަށްތަކެއް ހުރުމުން ގައުމީ އެއާލައިން ކޮމެޓީއަށް ހާޒިރު ކުރަން ނިންމައިފި އެވެ. މި ކޮމެޓީއަކީ އެމްޑީޕީގެ މެޖޯރިޓީއޮތް ކޮމެޓީއެކެވެ. ރީކޯ މޫސައަކީ އެމްޑީޕީއަށް ހަރަދު ކުރާ ވިޔަފާރިވެރި އެކެވެ. 

އެސްއޯއީ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ މިކަން ހިނގާފައިވާ ގޮތް ސާފު ކުރަން ޖެހޭ ކަމަށާ އެގޮތެއް ނިންމޭނީ ދެ ފަރާތާއެކު މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. 

"ކޮންޓްރެކްޓެއް ހަދާފިނަމަ އެއް ކޮންޓްރެކްޓެއްގެ ދަށުން ހިދުމަތް ދޭން ޖެހޭނެ. އެ ކޮންޓްރެކްޓުގައި އޮންނާނެ ބާތިލް ކުރެވޭނެ ގޮތްވެސް. އެފަދަ ހާތަލެއް ދިމާނުވެ ކޮންޓްރެކްޓް ބާތިލުކޮށްފަތޯ އޮތީ. ނުވަތަ އެފަދަ ހާލަތެއް ދިމާވެގެން ކޮންޓްރެކްޓް ބާތިލްކޮށްފަ ތޯ އޮތީ މިވެސް ބަލައިލަން ޖެހޭކަމެއް. ހަމައެއާއެކު ފަތުރުވެރިކަމުގެ ރިސޯޓްތަކަށް ފަސޭހަވާ ގޮތަށް މޯލްޑިވިއަންވެސް ކަންކަން ކުރަން ޖެހޭނެ. މިކަންކަން ސާފު ކުރަން ޖެހޭ،" އަފީފް ވިދާޅުވި އެވެ. 

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވީ އިންޓަނޭޝަނަލް ފަސިންޖަރުންނަށް ރަނގަޅަށް ކަންކަން ކޮށްދޭން ޖެހޭ ކަމަށާ އެހެން ނޫންނަމަ ޓޫރިޒަމަށް ބުރޫ އަރާނެ ކަމަށެވެ.  

"ރާއްޖޭގައި މިކަން ކުރާ ގޮތްތަކެއް އޮވޭ. ބައެއް ރިސޯޓްތަކަށް ސީޓް އެވޭލަބަލް ނުވެއްޖެނަމަ ކޮންމެހެން ސަޕްޖެންޓް އޮން އެވިލިބިލިޓީ. އެންމެ ފަހު ވަގުތު ވެސް ކެންސަލޭޝަން އަތުވެދާނެ. ނަމަވެސް ރިސޯޓާ ކޮންޓްރެކްޓް އޮވެއްޖެނަމަ އެހެން އެއާލައިނެއްގައި ވެސް ފޮނުވާލަ ދިނުމަކީ އައިލެންޑް އޭވިއޭޝަނުން ކަންކޮށްފައި ވަނީ. ނަމަވެސް މި ހާލަތުގައި ކީއް ވެގެން ތޯ؟ މި ހާލަތު އައީ. އެކަން ސާފު ކުރަން ޖެހެނީ،" ބޮންޑެ ވިދާޅުވި އެވެ. 

ރީކޯގެ ވިޔަފާރި ދަތިކަމެއްގެ ތެރޭގައި

މޯލްޑިވިއަންއިން ރަހާ ރިސޯޓުގެ އެއްބަސްވުންވުން އާނުކުރި މައްސަލައެއް މަޖިލީހަށް ވެއްދިއިރު ރަހާ ރިސޯޓުގެ މުވައްޒަފުންނަށް މުސާރަ ނުދީ ގިނަ ދުވަސްވީ މައްސަލައެއްވެސް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލާގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ވައްދާފައިވާ ކަމަށް ޓޫރިޒަމް މަސައްކަތްތެރިންގެ ހައްގުގައި ހަރަކާތްތެރިވާ ޓީމް ހިމެނޭ ޓޫރިޒަމް ވޯކާސް އިން ބުނެފައިވެ އެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާއިން އެންމެފަހުން ނެރުނު ޓެކްސް ނުދައްކާ 34 ކުންފުނީގެ ލިސްޓުގައި ވެސް ރީކޯ މޫސަގެ މޯ ހޮޓެލްސް އެންޑް ރިސޯޓްސް - ރީކޯ މޫސާ މަނިކުގެ ކުންފުނި - އޮތެވެ.

މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައެއް - މޫސަ ރިސޯޓުން މުސާރަ ނުދޭތާ 7 މަސް

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.