"ރަސޫލާގެ ވެރިކަމުގެ ސިފަ ރައީސް ސޯލިހުގެ ވެރިކަމުގައި އެބަހުރި"

އިމްރާން ނިސްބަތްވެވަޑައިގަންނަވާ އާދަލާތު ޕާޓީއަކީ ވަރަށް ގިނަ ދީނީ އިލްމުވެރީން އެކުވެ ދީނީ ކަންކަމުގައި ރާއްޖެ ރަނގަޅު ގޮތުގައި އޮތުމަށް ބާރު އެޅުމުގެ މަގުސަދުގައި އުފެއްދި ޕާޓީއެކެެވެ. ނަމަވެސް ޕާޓީގެ އެންމެ މުހިންމު ސިފަތައް ދޫކޮށް އެ ޕާޓީ މިހާރު ވަނީ ސިޔާސީ ގޮތުން ކުރިއަށް ދިއުމަށް މަސައްކަތް ކުރާ ޕާޓީއަކަށް ބަދަލު ވެފަ އެވެ.

ހޯމް މިނިސްޓަރު އިމްރާން: ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސަނާ އާއި ތައުރީފު ބަންޑުންކޮށްލެވެވި -- ރައީސް އޮފީސް

އިންސާނީ ތާރީހު ދުށް އެންމެ ރީތި / އޯގާތެރި ވެރިކަން ކުރެއްވި މި އުންމަތުގެ ރަސޫލާ (ސޢވ) ކުރެއްވި ވެރިކަމުގެ ސިފަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހިގެ ވެރިކަމުގައި އެބަހުރި ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ހޯމް މިނިސްޓަރު އިމްރާން ތައުރީފާއި ސަނާ ވިދާޅުވުމުގައި ހައްދުފަހަނައަޅައި ވަޑައިގެންފި އެވެ.

އިމްރާންގެ، ހައްދެއް ނެތް ތައުރީފު ރައީސް ސޯލިހަށް ކުރެއްވީ ހައްދުންމަތީ ގަމުގައި މިއަދު ފެށި "ވިޔަވަތި ރާއްޖެ" ކޮންފަރެންސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އެލްޖީއޭގެ ރައީސްގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގަ އެވެ.

އިމްރާންގެ ވާހަކަފުޅުގައި އުންމަތުގެ ނަބިއްޔާ މަދީނާގައި ދައުލަތެއް ގާއިމްކޮށް ކުރެއްވި މަތިވެރި ވެރިކަމާއި ރާއްޖޭގައި މިހާރު ހިނގަމުންދާ ރައީސް ސޯލިހްގެ ވެރިކަން ވަރުން އަޅުވައި އެއްގޮތް ކުރެއްވީ ވެރިކަން ކުރެއްވުމުގެ ސިފަތައް ނަބިއްޔާއަށް އަންގަވައިދެއްވާ ކީރިތި ގުރުއާންގައި މާތްﷲ އެންގެވި ވަހީ ބަސްފުޅެއް ވިދާޅުވެ ދެއްވުމަށް ފަހު އެވެ. އެއީ ކީރިތި ގުރުއާންގެ އާލްއިމްރާންގެ 109 ވަނަ އާޔަތެވެ.

އެ އާޔަތުގައި ކީރިތި ރަސޫލާއަށް މާތްﷲ އަންގަވާފައި ވަނީ އޯގާތެރި / ހިތްހެޔޮ ބޭކަލެއް ކަމުގައި ވެވަޑައިގަތުމަށެވެ. ހިތްހަރު ބޭކަލަކު ކަމުގައި ވާނަމަ އެކަލޭގެފާނު އަރިހުން އެންމެން ފިލައިގެން ދިޔައީސް ކަމަށް ވެސް އެ އާޔަތުގައި މާތްﷲ އަންގަވާފައި ވެއެވެ. އަދި މާތްﷲ އަންގަވާފައިވަނީ މީސްތަކުންނަށް ހެދޭ ގޯސްތަކަށް މައާފު ކުރެއްވުމަށާއި އެ ބައިމީހުންގެ ކުށްފާފަތައް ފުއްސެވުމަށް އެދި ދުއާ ދެންނެވުމަށެވެ. އެއަށް ފަހު ގިނަ ގިނައިން މަޝްވަރާ ކުރެއްވުމަށާއި މަޝްވަރާއަށް ފަހު ގޮތެއް ނިންމެވުމުން އެ ގޮތެއްގައި ދެމި ހުންނަވައި މާތްﷲ އާ ވަކީލު ކުރެއްވުމަށެވެ.

އެ އާޔަތާއި އާޔަތުގެ މާނަ ވިދާޅުވެ ދެއްވުމަށް ފަހު އިމްރާން ވިދާޅުވީ ރައީސް ސޯލިހުގެ މި ވެރިކަމުގައި ރައްޔިތުންނާއިމެދު އޮންނަން ޖެހޭ އޯގާވެރިކަން އެބަ އޮތް ކަމަށެވެ. އަދި އެތައް ބަޔަކު "ވިޔަވަތި ރާއްޖެ" ކޮންފަރެންސަށް އެއްވެ ތިބީ އެ ސިފަތައް ވެރިކަމުގައި ފެންނަން ހުރުމުން ކަމަށެވެ.

"ރައްޔިތުންނާމެދު އޮންނަން ޖެހޭ އޯގާވެރިކަން، ރައްޔިތުންނާމެދު އޮންނަ ޖެހޭ ގާތް ކަން، އާދެ މިއަދުގެ މިވެރިކަމުން އެ ސިފަތައް އެންމެ ރީތި ގޮތުގައި، އެންމެ ފުރިހަމަ ގޮތުގައި ފެންނާތީ މި އެންމެން މިތަނަށް އެއްވެ މި ތިބީ. އެކަން ކުރަން އަޅުގަނޑުމެން އައިސް މި ތިބީ،" މީގެ ކުރީން ވެސް ސިޔާސީ ވެރީންނަށް ހުޝާމަދު ކުރައްވާ ތައުރީފު ކުރައްވާފައިވާ އަދި ވާހަކަ ދެއްކުމުގައި ވަރަށް ބޮޑު ކުޅަދާނަ ކަމެއް ލިބިފައިވި އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާން މިއަދު ރައީސް ސޯލިހަށް ފޮތެއް ވެދުން ކުރައްވަނީ: ރައީސަށް އިމްރާން ތައުރީފު ކުރެއްވެވި -- ރައީސް އޮފީސް

އިމްރާންގެ ވާހަކަފުޅުގައި ރައީސް ސޯލިހުގެ ލާމަރުކަޒީ ސިޔާސަތަށް ވެސް ވަރަށް ބޮޑަށް ތައުރީފު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމު ފައްކާ ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެއް ނޫން ކަމަށާ އެކަމަކު "އެއީ ވެރިކަން ހިނގަން ޖެހޭ ކަމަށް އެމަނިކުފާނު އެންމެ ކުރީއްސުރެ އީމާންވެ، ގަބޫލު ކުރައްވަމުން އައި ގޮތް" ކަމަށެވެ.

ހެޔޮވެރިކަމެއްގެ އެންމެ މުހިންމު ސިފައަކީ މަޝްވަރާ ކުރުން ކަމަށާ އެ ސިފަ ރައީސް ސޯލިހްގެ ކިބައިގައި ވަރަށް މަތީ ދަރަޖައަށް އެބަހުރި ކަމަށްވެސް އިމްރާން މިއަދު ވިދާޅުވި އެެވެ.

"ލާމަރުކަޒީ ނިޒާމު ފައްކާކުރުން އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ވައުދެއްގެ ގޮތުގައި ވިދާޅުވެފައިވާ ބަސްފުޅެއް ނޫން. އަދި ކިޔެއް، އެއީ މި ޖަޒީރާ ރާއްޖޭގެ ވެރިކަން ހިނގަން ޖެހޭނެ ކަމަށް އެމަނިކުފާނު އީމާންވެވަޑައިގަންނަވާ ގޮތް. އެމަނިކުފާނުގެ ޕެޝަން. އެމަނިކުފާނު ވެރިކަން ކުރެއްވުމުގެ ވައްޓަފާޅި އާއި ސްޓައިލް. ކޮންމެ ދުވަހަކު އަމަލީ ގޮތުން ދައްކަވަމުން / ތަޖުރިބާ ކުރައްވަމުން ގެންދަވާ ހަގީގަތް،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ނިސްބަތްވެވަޑައިގަންނަވާ އާދަލާތު ޕާޓީއަކީ ވަރަށް ގިނަ ދީނީ އިލްމުވެރީން އެކުވެ ދީނީ ކަންކަމުގައި ރާއްޖެ ރަނގަޅު ގޮތުގައި އޮތުމަށް ބާރު އެޅުމުގެ މަގުސަދުގައި އުފެއްދި ޕާޓީއެކެެވެ. ނަމަވެސް ޕާޓީގެ އެންމެ މުހިންމު ސިފަތައް ދޫކޮށް އެ ޕާޓީ މިހާރު ވަނީ ސިޔާސީ ގޮތުން ކުރިއަށް ދިއުމަށް މަސައްކަތް ކުރާ ޕާޓީއަކަށް ބަދަލު ވެފަ އެވެ. ވެރިންނަށް ހުޝާމަދު ކުރުމުގައި ސަރުކާރުތަކުން ބައި ހޯދުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރެއެވެ. މީގެ ކުރީން އެ ޕާޓީގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް ޝައިހް އިލްޔާސް ހުސައިން ވަނީ ރައީސް ސޯލިހާއި ނާއިބު ރައީސް ފައިސަލް ނަސީމަށް އިޝާރާތް ކުރައްވާ އެއީ ރަސޫލާ ދުއާ ދެއްވި ފަދަ ވެރީން ކަމަށް ވިދާޅުވެ ހުޝާމަދު ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.