އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ދަނިކޮށެވެ. އިސްތިއުފާ ދެއްވީ ޖަވާބު ދާރީވުމުގެ ގޮތުން އަމިއްލަ ދިފާއުގައި ވާހަކަ ދައްކަވާ ނިންމާލަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސްގެ މަގާމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އިންތިހާބު ކޮށްފި އެވެ.
ނައިބް ރައީސްގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ދަނިކޮށެވެ. އިސްތިއުފާ ދެއްވީ ޖަވާބު ދާރީވުމުގެ ގޮތުން އަމިއްލަ ދިފާއުގައި ވާހަކަ ދައްކަވާ ނިންމާލަމުންނެވެ.
އީވާ އިސްތިއުފާ ދިނުމާ ގުޅިގެން އެ މަގާމަށް މެމްބަރަކު އިންތިހާބު ކުރުމަށް މިރޭ ވަނީ ޖަލްސާއެއް ބާއްވާފަ އެވެ. އެ ޖަލްސާގައި އެމްޑީޕީގެ ފަރާތުން ދެ ނަމެއް ވަނީ ހުށަހަޅާފަ އެވެ. އެއީ ސަލީމްގެ އިތުރުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.
ޖާބިރުގެ ނަން ފަހު ވަގުތު ޖަލްސާއަށް ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެވެ. ޖާބިރުގެ ނަން ހުށަހެޅުއްވީ އެ މަގާމަށް ސަލީމް ކުރިމަތިލުމަށް މިއަދު ހަވީރު އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ނެގި ވޯޓަކުން ނިންމާފައި ވަނިކޮށެވެ.
މަޖިލީހަށް ނައިބް ރައީސަކު އިންތިހާބު ކުރުމަށް ނެގި ވޯޓުގައި 74 މެމްބަރުން ވަނީ ބައިވެރިވެފަ އެވެ.
ވޯޓުގެ ނަތީޖާއަށްފަހު ރިޔާސަތުން ރައީސް މުހައްމަދު އަސްލަމް ވަނީ ސަލީމަށް ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވާފަ އެވެ. ސަލީމް ވަނީ އޭނާއަށް ތާއީދުކޮށް ވޯޓް ދެއްވި އެމްޑީޕީ މެމްބަރުންނަށް ޝުކުރު ދަންނަވާފަ އެވެ. އަދި އޭނާގެ ދާއިރާގެ ރައްޔިތުންނަށް ވެސް ޝުކުރު ދެންނެވި އެވެ.