ގޭހުގެ ހާއްސަ އެސެމްބްލީގައި ގުރުއާން ކިޔަވާ ވިދާޅުވީ އާ އެމްޑީ މަދަނީ

މަދަނީ ހައްގުތައް ހޯދައިދޭން މަދަނީ ޖަމިއްޔާތައް އެކުވެގެން ފެށި މަސައްކަތްތަކުގައި އިސްވެ އުޅުވުމުގެ ސަބަބުން އޭނާގެ ނަން "މަދަނީ އަބްދުﷲ" އަށް ބަދަލުވެ އެ ގޮތުގައި މަޝްހޫރުވެފައި ވެއެވެ.

ގޭހުގެ އެމްޑީ މަދަނީ އަބްދުﷲ މިއަދު އެ ކުންފުނީގެ އެސެމްބްލީގައި ގުރުއާން ކިޔަވާ ވިދާޅު ވަނީ

މޯޑިވް ގޭސްގެ އާ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު / މަދަނީ އަބްދުﷲ، ގޭސް ކުންފުންޏަށް ގެންނެވި ފުރަތަމަ ބަދަލަކީ ކުންފުނީގެ ހުރިހާ ސައިޓެއްގެ ދުވަހު މަސައްކަތް ކީރިތި ގުރުއާނާއި ގައުމީ ސަލާމުން ފެށުމެވެ. އެ ބަދަލު ގޭހުގައި މިއަދު ތަންފީޒު ކުރަން ފެށުމަށް ބޭއްވި ހާއްސަ އެސެމްބްލީގައި ނަމޫނާ ދައްކަވައި ކީރިތި ގުރުއާން ކިޔަވާ ވިދާޅުވެ ދެއްވީ ވެސް އެމްޑީ / މަދަނީ އަބްދުﷲ އެވެ. 

އެއީ ވަރަށް ގިނަ ބަޔަކު ހައިރާންވެސް ވި ކަމަށް ވެފައި ވެއެވެ.

"އާދެ! މިއަދު އަޅުގަނޑުމެންގެ އެސެމްބްލީގައި އަޅުގަނޑު އިސް ނަގައި ގުރުއާން ކިޔެވީ. އަދި ކުރިޔަށް އޮތް ތާނގައި ކޮންމެ ދުވަހަކު މި ކުންފުނީގެ ހުރިހާ ސައިޓެއްގެ ދުވަހުގެ މަސައްކަތް ގުރުއާނާއި ގައުމީ ސަލާމުން ފަށާނީ. އެހެން އެކަން އޮންނާނެ އިރު ކޮންމެވެސް އެއް ސައިޓެއްގައި ހަފުތާގެ ކޮންމެވެސް އެއް ދުވަހަކު އަޅުގަނޑު ގުރުއާން ކިޔަވާން ގަސްދު ކޮށްގެން މިހުރީ... މިކަން ކުރަންޏާ އަޅުގަނޑު ނަމޫނާއަކަށް ވެސް ވާންޖެހޭނެ،" އެމްޑީ މަދަނީ އަބްދުﷲ ވިދާޅުވި އެވެ.

އެމްޑީ މަދަނީ އަބްދުﷲ އަކީ ސިޔާސީ ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކަށް ތައާރަފުވެފައި ވެއެވެ. އަދި މަދަނީ ހައްގުތައް ހޯދައިދޭން މަދަނީ ޖަމިއްޔާތައް އެކުވެގެން ފެށި މަސައްކަތްތަކެއްގައި އިސްވެ އުޅުވުމުގެ ސަބަބުން އޭނާގެ ނަން "މަދަނީ އަބްދުﷲ" އަށް ބަދަލުވެ އެ ނަން މަޝްހޫރުވެފައި ވެއެވެ. ނަމަވެސް އަބްދުﷲ އަކީ މައުހަދުން ތަމްރީނު ލިބި ވަޑައިގެން ހުންނެވި ވަރަށް ކުޅަދާނަ ގުރުއާން މުދައްރިސެކެވެ. އަދި ދިވެހި ބަހުގައި ވެސް މޮޅު މުދައްރިސިކެވެ. ޅ. ކުރެންދޫއަށް އުފަން އަބްދުﷲ މާލޭގެ ސްކޫލްތަކާއި ގޭގޭގައި ދަރިވަރުންނަށް ގުރުއާން ކިޔަވައި ދެއްވާތާ 25 އަހަރު ވެފައި ވެއެވެ. 

"މިހާރުވެސް ގޭގެއަށް ކުދިންނަށް ގުރުއާން ކިވައިދޭން އަޅުގަނޑު ދަން، އެކަމަކު މިހާރު އެއީ ވަރަށް މަދު ކުދިންކޮޅަކަށް،" އަބްދުﷲ ވިދާޅުވި އެވެ. 

ގޭހުގެ އެމްޑީ ކަމަށް އަބްދުﷲ ވަޑައިގަތުމުން އާ އެމްޑީއަށް މަރުހަބާ ދެންނެވުމުގެ ގޮތުން މިއަދު ހެނދުނު ކުންފުނިން އިންތިޒާމްކޮށްފައި އޮތީ ދިދަ ނެގުމުގެ ހާއްސަ އެސެމްބްލީއެކެވެ. އެސްޓީއޯގެ ސަބްސިޑަރީ ކުންފުނީގެ ބޯޑު މެންބަރުންނާއި ކުންފުނީގެ އެކި ޑިޕާޓްމެންޓްތަކުގެ މުވައްޒަފުން އެ އެސެމްބްލީއަށް ހާޒިރުވެ ތިއްބެވި އެވެ.

އެ ހާއްސަ އެސެމްބްލީގައި ނަމޫނާ ދައްކަވާ އަމިއްލަފުޅަށް އިސް ނަންގަވައި ގުރުއާން ވިދާޅުވެ ދެއްވުމަށް ފަހު މުވައްޒަފުންނާ މުހާތަބު ކުރައްވާ އަބްދުﷲ ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދީނީ އަދި ގައުމީ ތަސައްވުރެއް އެބައޮތެވެ. އެއީ ސުކޫލްތަކާއި ވަކި ފަރުދަކަށް ނޫނީ ވަކި ޖަމާއަތަކަށް އޮތް ކަމެއް ނޫނެވެ. އެއީ މުޅި ގައުމަށާއި އެންމެނަށް ވެސް އޮތް ކަމެކެވެ. 

"ރައީސް ޑރ. މުއިއްޒުގެ ދީނީ އަދި ގައުމީ ތަސައްވުރެއް އެބައޮތް. އެއީކީ ވަކި ބަޔަކަށް އޮތް ތަސައްވުރެއް ނޫން. އެއީ މުޅި ގައުމަށް އޮތް ތަސައްވުރެއް. އެހެންވީމަ އެ ތަސައްވަރު ފުރިހަމަ ކޮށްދިނުމުގައި މޯލްޑިވް ގޭސް ވެގެން މިދިޔައީ ފުތަރަމަ އިސްނެގި ކުންފުންޏަށް. އެހެންވީމަ، އަޅުގަނޑު އެދެނީ ކޮންމެ ދުވަހަކު ވެސް މޯލްޑިވް ގޭސްގެ މަސައްކަތް ކުރާ ހުރިހާ ތަނެއްގައި ވެސް މަސައްކަތް ފަށާއިރު، ކީރިތި ގުރުއާންގެ ބަރަކާތުން، އަދި އެއަށް ފަހު ގައުމީ ސަލާމުން މަސައްކަތް ފެށިގެން ދިއުން،" އަބްދުﷲ ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.