ޓޫރިޒަމް ނަމްބަރަށް ބަލައިގެން ތިބެވޭކަށް ނެތް، އޮކިއުޕެންސީ ވަރަށް ދަށް

މަޓާޓޯއިން ބޭއްވި ވޯކްޝޮޕަކީ އެ ޖަމިއްޔާގެ ޕާޓްނަރެއް ކަމަށްވާ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ގެ ޗެޕްޓަރު މެންބަރުންނަށް ބޭއްވި ވޯކްޝޮޕެކެވެ.

މަޓާޓޯއިން ބޭއްވި ވޯކްޝޮލްގައި އެ ޖަމިއްޔާގެ ރައީސް ވާހަކަ ދައްކަވަނީ

ޓޫރިސްޓުން އަންނަ ނަމްބަރަށް ބަލައިގެން ދިވެހި ޓޫރިޒަމް ތިބެވެން ނެތް ކަމަށާ ރާއްޖޭގެ ޓޫރިޒަމްގެ އޮކިއުޕެންސީ އިންތިހާއަށް ދަށްވެފައިވާ ކަމަށް މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅު ވެއްޖެ އެވެ. 

ރާއްޖެ މާކެޓު ކުރުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތައް ހޯދައި އޭގެ ހައްލު ދެނެގަތުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) އިން ކުރިއަށް ގެންދިޔަ މަޓާޓޯ ޑެސްޓިނޭޝަން މާކެޓިން ވޯކް ޝޮޕްގައި ވާހަކަފުޅު ދައްކަވަމުން ގިޔާސް ވިދާޅުވީ ރާއްޖެއާ ވާދަވެރި ގައުމުތަކުން ކޮވިޑް-19 އަށްފަހު ވަރުގަދަ ކުރަމުން ދިޔަ ނަމަވެސް ރާއްޖޭގެ ޓޫރިޒަމަށް އެކަށީގެންވާ ކުރިއެރުން، ނަމްބަރުމަތިވުން ނޫން ގޮތަކުން ނުލިބޭ ކަމަށެވެ. 

ހާއްސަކޮށް ރާއްޖޭގެ ޓޫރިޒަމް ސެކްޓާގެ އޮކިއުޕެންސީ މިހާރު ހުރި ހިސާބަކީ ކަންބޮޑުވާން ޖެހޭ މިންވަރެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ. 

ޓޫރިޒަމް މިނިސްޓަރު ފައިސަލް ޓޫރިޒަމް އިންޑަސްޓްރީގެ ފަރާތްތަކާ ވާހަކަ ދައްކަވަނީ

އޭނާ ވިދާޅުވީ މިހާރު ރާއްޖޭގައި 62،000 އެނދު ހުރި ނަމަވެސް އެވްރެޖު އޮކިއުޕެންސީއަކީ 51 ޕަސެންޓް ކަމަށެވެ. 

"މިއީ އެހާ އުފާވެރި ހަބަރެއް ނޫން. މަންޒިލެއްގެ ގޮތުގައި އޮކިއުޕެންސީ ހުންނަން ޖެހޭ މިންވަރު އެބަޖެހޭ ބަލަން. ގެސްޓް ހައުސް / ރިސޯޓް ނޫނީ ހޮޓެލްއެއް ނަމަވެސް ހުންނަން ޖެހޭ އޮކިއުޕެންސީ އެންމެ ދަަށްވެގެން 60-80 ޕަސެންޓާ ދެމެދު،" އޭނާ ވިދާޅުވި އެވެ. 

ޓޫރިޒަމް މިނިސްޓަރު ފައިސަލް ޓޫރިޒަމް އިންޑަސްޓްރީގެ ބައެއް ފަރާތްތަށް

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑަވައިޒަރު އަހުމަދު ހަލީމް ބައިވެރިވަޑައިގަތް މި އިވެންޓުގައި ގިޔާސް ވިދާޅުވީ މި ދުވަސްވަރަކީ ރާއްޖޭގެ ޓޫރިޒަމްގެ އޮކިއުޕެންސީ އެންމެ ހައިކޮށް ހުންނަން ޖެހޭ ދުވަސްވަރު ކަމަށާ އެކަމުގެ މިހާރު އޮތީ އެގޮތަށް ނޫން ކަމަށެވެ. އޭނާ ވަނީ ޓޫރިޒަމްގެ ކަންކަން ޕްލޭންކޮށް ރޭވުމުގައި ދިރާސާކޮށް ކަންކަން ރޭވުން މުހިންމު ކަމަށާ އެކަމަަށް އިތުރު ތަފާސް ހިސާބުތަކަށް އެއްކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ފައިސަލް އަދި އިންޑަސްޓްރީގެ ބައެއް ފަރާތްތަށް

"ވަރަށް އަވަހަށް 1.7 މިލިއަން މީހުން އަންނާނެ. އެކަމަކު މި އަދަދަކީ 2019 އާ ބަލާއިރު އެކަށީގެންވާ މިންވަރެއް ނޫން. އެ ދުވަސްވަރު ޓޫރިޒަމްގައި އެނދު ހުރި އަދަދާ އަޅާބަލާނަމަ. އަޅުގަނޑުމެން ޓޫރިޒަމް ޖަމިއްޔާއެެއްގެ ގޮތުގައި ނަމްބަރަށްވުރެ ބޮޑަށް ބަލަން ބޭނުންވަނީ ކިހާވަރެއް ތޯ މި އަދަދަށް ޓޫރިސްޓުން އައިސްގެން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބެނީ. މިހާރު ގޮތުން ބަލާނަމަ އެވްރެޖުކޮށް 530 ޑޮލަރު އަންނަ ޓޫރިސްޓެއްގެ ބޮލަކަށް މި ހަރަދު ކުރަނީ. މި ތަފާސް ހިސާބުތަަށް އެހުރީ ލިބެން ޕަބްލިކް އިންފޮމޭޝަންގެ ގޮތުގައި ލިބެން،" އޭނާ ވިދާޅުވި އެވެ. 

މަޓާޓޯއިން ބޭއްވި ވޯކްޝޮޕަކީ އެ ޖަމިއްޔާގެ ޕާޓްނަރެއް ކަމަށްވާ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ގެ ޗެޕްޓަރު މެންބަރުންނަށް ބޭއްވި ވޯކްޝޮޕެކެވެ. މަޓާޓޯއަކީ ޕާޓާގެ ރާއްޖޭގެ މެންބަރު ޖަމިއްޔާ އެވެ. އެ ޖަމިއްޔާއަކީ 2012 ވަނަ އަހަރުން ފެށިގެން އިންޑަސްޓްރީގެ އަޑު އިއްވަމުން ގެންދާ ޖަމިއްޔާ އެކެވެ. 

ސަރުކާރުން ދައްކާ ނަމްބަރު - މި އަހަރުގެ މިހާތަނަށް ބަލާއިރު ރާއްޖެ އަށް މިހާތަނަށް ޖުމްލަ 1,673,776 މިލިއަން ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރު އައި 1,481,703 މިލިއަން ޓޫރިސްޓުންނަށްވުރެ 13 ޕަސެންޓް އިތުރުވުމެކެވެ. މި އަހަރަށް ސަރުކާރުން ކަނޑައެޅި ޓާކެޓަކީ 1.9 މިލިއަން ޓޫރިސްޓުން ހަމަ ކުރުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.