ކުޅިވަރު ފެސްޓިވަލް ފައްޓަވައި ދެއްވައި މި ފެސްޓިވަލްގައި ކުރިޔަށް ދިޔަ ކުޅިވަރު ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ބައިވެރިވެ ވަޑައިގެންނެވި އެވެ.
ތިންވަނަ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ ގޮތުން ކުޅިވަރު ފެސްޓިވަލެއް ބާއްވައިފި އެވެ. މި ކުޅިވަރު ފެސްޓިވަލުގެ ހަރަކާތްތައް ބާއްވާފައި ވަނީ މިއަދު ހަވީރު ލ. ގަން ޒޯން ސްޓޭޑިއަމްގެ އިތުރުން އެރަށުގެ ގޮނޑުދޮށް ސަރަހައްދުގަ އެވެ.
ކުޅިވަރު ފެސްޓިވަލް ފައްޓަވައި ދެއްވައި މި ފެސްޓިވަލްގައި ކުރިޔަށް ދިޔަ ކުޅިވަރު ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންނާއި އެލްޖީއޭގެ މެމްބަރުންނާއި އައިއާރްއައިގެ އޮފިޝަލުންނާއި ޔޫއެންޑީޕީގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ސަރުކާރުގެ ކަމާއިގުޅޭ ދާއިރާތަކުގެ ފަންނީ މާހިރުންނާއި ކައުންސިލްތަކުގެ މެމްބަރުންނާއި މަންދޫބުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ކުރިޔަށް ގެންދިޔަ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ބީޗް ވޮލީ އާއި ދުވުން ފަދަ ކުޅިވަރުތައް ހިމެނެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ރަށް، ގަމުގައި "ވިއަވަތި ރާއްޖެ" ކޮންފަރެންސް އޮންނާނީ މި މަހުގެ 10 އިން 12 އަށެވެ.
މިފަހަރުގެ ކޮންފަރެންސްގައި ދ، ތ، ލ، ގއ، ގދ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ރައީސުން ހިމެނޭހެން 107 ބޭފުޅަކު ބައިވެރިވާނެ އެވެ.
މުޅި ކޮންފަރެންސްގައި ވަޒީރުންނާއި މަޖިލީސް މެންބަރުން ހިމެނިވަޑައިގަންނަވާހެން 270 ބޭފުޅުން ބައިވެރިވާނެ އެވެ.
އާދިއްތަ ދުވަހު ހަތަރު ދާއިރާއަކަށް ހާއްސަކޮށްގެން ޕެނަލް ޑިސްކަޝަންތަކެއް ކުރިއަށް ގެންދާނެ އެވެ. ކޮންމެ ޕެނަލެއްވެސް ޗެއާ ކުރައްވާނީ ރައީސެެވެ. ރައީސްގެ އަރިހުގައި ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރީން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މިއީ ވިއަވަތީގެ މި އަހަރުގެ ދެވަނަ ކޮންފަރެންސެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް ތަސްދީގު ކުރުމަށް ޑިސެމްބަރު 2019 ގައި ރާއްޖޭގެ ކައުންސިލްތައް ހިމެނޭ ގޮތަށް ކްރޮސް ރޯޑްސްގައި ފުރަތަމަ "ވިޔަވަތި ރާއްޖެ" ކޮންފަރެންސެއް ބޭއްވި އެވެ. ދެ ވަނަ ބައްދަލުވުން އޮތީ މިދިޔަ މޭ މަހު އއ. އުކުޅަހުގަ އެވެ.