ރާއްޖޭން އިއާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމުގެ ބޮޑު އަމާޒެއް، ގައުމުތަކުގެ އެހީއަށް އެދިއްޖެ

ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑި އަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައި ދޭނެ އިއާދަކުރަނިވި ހަކަތައިގެ ނިޒާމެއް ގާއިމު ކުރުން ކަމަށް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ކޮޕް28 ގައި ތަގުރީރު ކުރައްވަނީ

ދިވެހި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައި ދޭނެ އިއާދަކުރަނިވި ހަކަތައިގެ ނިޒާމެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ގާއިމު ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީ ގައި ކުރިއަށްދާ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓް ގައި މިއަދު އިއްވެވި ގައުމީ ބަޔާނުގައެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި މިވަގުތު އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރު މިހާރު ހުރީ ހަތަރު އިންސައްތާގަ އެވެ. ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑި އަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައި ދޭނެ އިއާދަކުރަނިވި ހަކަތައިގެ ނިޒާމެއް ގާއިމު ކުރުން ކަމަށް ވިދާޅުވި އެވެ.

އެ އަމާޒަށް ކުރިއަށް އޮތް ފަސް އަހަރުތެރޭ ވާސިލުވުމަކީ ވެސް އަމާޒެއް ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެ އަމާޒަށް ވާސިލްވުމަށް މަދުވެގެން 600 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ. އެެހެން ކަމުން އަދި ދިވެހީންގެ މި އަމާޒަށް ވާސިލްވުމަށް ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ކޮޕް28 ގައި ތަގުރީރު ކުރައްވަނީ

ދުނިޔޭގެ ގައުމުތަކުގެ ވެރިންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަ ކުރުމަށް ގައުމުތަކުން އަޅާ ފިޔަވަޅުތައް ވަޒަންކުރާ "ގްލޯބަލް ސްޓޮކްޓޭކް" އިން ޕެރިސް އެއްބަސްވުމާ އެއް ގޮތަށް ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސް ގައި ހިފެހެއްޓުމަށް އަމާޒު ހިފަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އަދި އެއީ ކޮޕް28އަށް ރާއްޖެއިން ކުރާ އުންމީދު ކަމުގައި ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ފައިސާ ހޯދުމަށް ކުރިމަތިވާ އުނދަގޫތައް ހައްލު ކުރުމުގެ މުހިންމު ކަން ފާހަގަ ކުރައްވަމުން އެ މަސައްކަތް ބިނާވާން ޖެހޭނީ ގައުމުތަކުގެ މެދުގައި ހަމަހަމަ އަދި ލިބެން ހުރި އެންމެ ރަނގަޅު ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ އެ މަސައްކަތަށް ފަސޭހައިން ފައިސާ ހޯދޭނެ ނިޒާމެއް ގާއިމު ވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ފައިސާ ދިނުމުގައި ބަލާ މިންގަނޑުތައް ވެސް އަލުން މުރާޖައާ ކުރަން ޖެހޭ ކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ގައި ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ތަކުން އަރައިގަތުމަށް އެހީތެރިވާ "ލޮސް އެންޑް ޑެމޭޖް ފަންޑު" ބޭނުން ކުރަން ފެށުމަށް އިއްޔެ ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.