ޗައިނާއިން އަބަދުވެސް ރާއްޖެއާއެކު ބަދަހި ގުޅުމެއް ބާއްވަވާނެކަމުގެ ޔަގީންކަން ދެއްވި.
ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް އެކި ދާއިރާތަކުން ދެމުން ގެންދާ އެހީތެރިކަމާއި އެއްބާރުލުން، ޗައިނާއިން ދަމަހައްޓާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.
ކޮޕް-28 ކޮންފަރެންސްގައި ޗައިނާއިން ބައިވެރިވި މަތީ ފެންވަރުގެ ވަފުދުގެ އިސްވެރިޔާ، ޗައިނާގެ ފަސްޓް ވައިސް ޕްރިމިއާ ޑިންގް ޝުއެޝިއެން އިއްޔެ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮންފަރެންސްގެ ހަވާސާގައި ބައްދަލު ކުރައްވާފަ އެވެ.
ދުބާއީގައި ކުރިއަށްދާ ކޮޕް-28 ކޮންފަރެންސްގެ ހަވާސާގައި ރައީސް މުއިއްޒު ވަނީ، ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވުމަށް އެދިވަޑައިގަންނަވާ ކަމަށް ދަންނަވާފަ އެވެ. އަދި ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު އެއް ބައިވެރިޔާކަން ފާހަގަ ކުރެއްވި އެވެ. ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ޗައިނާއިން ވެދޭ އެހީތެރިކަން ކުރިމަގުގައި އިތުރު ވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ފަސްޓް ވައިސް ޕްރިމިއާ ޑިންގް ޝުއެޝިއެން، މި ބައްދަލުކުރެއްވުމުގައި ރިޔާސީ އާ ދައުރު ފެއްޓެވުމުގެ މުނާސަބަތުގައި ރައީސް މުއިއްޒަށް މަރްހަބާ ވިދާޅުވި އެވެ. އަދި ޗައިނާއިން އަބަދުވެސް ރާއްޖެއާއެކު ބަދަހި ގުޅުމެއް ބާއްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.
ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް އެކި ދާއިރާތަކުން ދޭ އެހީތެރިކަމާއި އެއްބާރުލުން ޗައިނާއިން ދަމަހައްޓާނެ ކަމަށް ވިދާޅުވެ، ރައީސް މުއިއްޒުގެ ޒައާމަތުގައި ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިވުމަށް އުންމީދުކުރައްވާ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.