ހާދިސާގައި ތިން މީހަކަށް އަނިޔާވެސްވި އެވެ. އެ ޕްލެޓް ފޯމް ނަގާފައިވަނީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަން އިންޑިއާގެ އެފްކޮންސް ކުންފުނިން ވިލިމާލެ ފަރު ކައިރީ ހެދި ޕްލެޓްފޯމް ފަރަށް އަރައި، އެ ފަރަށް ލިބުނު ގެއްލުންތަކާ ގުޅުވައިގެން އެ ކުންފުނި ކުރި ޖޫރިމަނާ ފަސްކުރުމުގެ ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ވިލިމާލެ ފަރަށް ލިބިފައިވާ ގެއްލުންތަކާ ހެދި އެފްކޮންސް ޖޫރިމަނާ ކުރީ 69.4 މިލިއަން ރުފިޔާ އިންނެވެ. އެންވަޔަރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިންމި ނިމުން އެންވަޔަރަމެންޓް މިނިސްޓްރީން އޮތީ ދަމަހައްޓާފަ އެވެ. މިމަހުގެ 14 ވަނަ ދުވަހު މިނިސްޓްރީން ވަނީ އެ ފައިސާ 15 ދުވަސް ތެރޭގައި ދައްކަން އެކުންފުންޏަށް އަންގާފަ އެވެ.
އެހެންވެ، އެފްކޮންސްގެ ފަރާތުން ވަނީ ޖޫރިމަނާގެ ފައިސާ ދެއްކުން ފަސްކޮށްދިނުމަށް ސިވިލް ކޯޓުގައި އެދިފަ އެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމާފައި ވަނީ އެކަމަކީ ވަގުތުން ފިޔަވަޅު އަޅަންޖެހޭ ފަދަ ކަމެއްކަން އެފްކޮންސްއަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި ވަގުތީ އަމުރެއް ނެރެދެން ޖެހޭ ސަބަބުތަކެއް އެފްކޮންސްއަށް ބުނެދެވިފައި ނުވާތީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ބުރިޖު އެޅުމަށް އިންޑިއާގެ އެފްކޮންސް ކުންފުނިން ބޭނުން ކުރި ޕްލެޓްފޯމް ފަރަށް އެރީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު އެވެ. ހާދިސާގައި ތިން މީހަކަށް އަނިޔާވެސްވި އެވެ. އެ ޕްލެޓް ފޯމް ނަގާފައިވަނީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އެވެ.
މިނިސްޓްރީން ބުނެފައި ވަނީ މިގޮތަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާ، ނުވަތަ އެ ފައިސާ އިން ބައެއް ތިމާވެއްޓަށް ލިބޭ ގެއްލުން އިއާދަ ކުރުމަށް ހޭދަ ކުރުމަށް އެ އިދާރާއަށް ލިބުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެހެންވެ، މި މައްސަލައިގެ ޖޫރިމަނާގެ ގޮތުގައި ލިބޭ ފައިސާ އިން 15 މިލިއަށް ރުފިޔާ އީޕީއޭގެ "އެންވަޔަރަންމެންޓް ރެސްޓްރޯޝަން ފަންޑް" އަށް ޖަމާކުރުމަށް ނިންމާފައިވާ ކަމަށެވެ.