ރައީސް މުއިއްޒު ނޮވެމްބަރު 26 އިން 29 އަށް ތުރުކީއަށް ފެއްޓެވި މި ދަތުރުފުޅަކީ އެ މަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އެކަމަކު ފުރަތަމަ ސްޓޭޓް ވިޒިޓެއް ނޫނެވެ.
ތުރުކުރީއާ ރާއްޖޭގެ ގުޅުންތައް ހުރިހާ ދާއިރާއަކުން ބަދަހި ކުރުމުގެ މަގުޗާޓަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައީސް ރަޖަބް ތައްޔިބު އުރުދުގާން އެއްބަސްވެވަޑައިގެންފި އެވެ. މި ތާރީހީ މަގުޗާޓުގެ އެއްބަސްވުން ދެ ބޭފުޅުންގެ މެދުގައި ފައްކާވީ ރައީސް މުއުއްޒު، ތުރުކީއަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ރައީސް އުރްދުގާނާ ބައްދަލު ކުރައްވައި ދެ ގައުމުގެ މެދުގައި ބޭއްވި ރަސްމީ ވާހަކަފުޅުތަކުގެ މޭޒުގަ އެވެ.
ދެ ގައުމުގެ ގުޅުން ބަދަހި ކުރުމުގެ މަގުޗާޓަކަށް ދެ ލީޑަރުން އެއްބަސްވެވަޑައިގަތުމުގައި ރާއްޖެއާއި ތުރުކީއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ އެކި ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައި ލެއްވެވި އެވެ.
އެ މަޝްވަރާގެ ތެރޭގައި އިޖްތިމާޢީ-އިގްތިސޯދީ ތަރައްގީގެ އެކި ދާއިރާތަކުން ތުރުކީން ރާއްޖެއަށް ދޭ އެއްބާރުލެއްވުން ފާހަގަ ކުރައްވައި، ރައީސް އުރުދުގާނަށާއި، ތުރުކީގެ ރައްޔިތުންނަށް ރައީސް މުއިއްޒު ޝުކުރު އަދާ ކުރެއްވެވި އެވެ.
އަދި ރައީސް މުއިއްޒު ރާއްޖޭގެ ރައީސެއްގެ ހައިސިއްޔަތުން ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަށް ތުރުކީ ހިޔާރު ކުރެއްވުމަކީ އެމަނިކުފާނަށާއި، ތުރުކީގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމުގައި ވިދާޅުވި އެވެ.
ދެ ލީޑަރުންގެ ރަސްމީ މަޝްވަރާތަކަށް ފަހު ދެ ގައުމުގެ ފަރާތުން ވަނީ، "އެގްރީމަންޓް އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ބިޓްވީން ދަ ގަވަމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަމަންޓް އޮފް ދަ ރިޕަބްލިކް އޮފް ތުރްކިއޭ" ގައި ސޮއި ކުރައްވާފަ އެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދެވެ. ތުރުކީން ސޮއި ކުރެއްވީ މިނިސްޓާ އޮފް ޓްރޭޑް ޕްރޮފެސަރު ޑރ. އޮމަ ބޮލަޓް އެވެ. ސޮއި ކުރުން އޮތީ ރައީސް މުއިއްޒާއި، ތުރުކީގެ ރައީސް އުރުދުގާންގެ ކުރިފުޅުމަތީގައެވެ.
ނޮވެމްބަރު 26 އިން 29 އަށް ތުރުކީއަށް ރައީސް މުއިއްޒު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ރައީސް މުއިއްޒުގެ އަރިހުގައި އަނބިކަނބަލުން / ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދާއި، ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަތެވެ.
ހާދަ ބޮޑު ޓީމެއް؟؟ ލާރި ނެތޭ ގައުމު ބަނގުރޫޓްވަނީ އޭ ކިޔާފަ، ކިހާ ބޮޑު ހަރަދެއް އިސްރާފެއް ތިވަނީ ތި އެންމެން ގޮސްގެން.