ކުޑަހުވަދޫން ނަމޫނާ؛ ފަލަސްތީނަށް 680،000 ވުރެ ގިނަ ރުފިޔާ ހަދިޔާ ކޮށްފި

މިއީ ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން އެއް ރަށަކުން އެންމެ ބޮޑު އެހީއެއް ފޯރުކޮށް ދިން ރަށްތަކުގެ ތެރެއިން ރަށެކެވެ.

ކުޑަހުވަދޫ ރައްޔިތުން އެއްކުރި ފައިސާ އޭއައިސީއާ ހަވާލު ކުރަނީ: ފަލަސްތީނަށް އެހީވުމުގައި އެންމެ ބޮޑު ނަމޫނާ އެއް ދެއްކި އެއް ރަށަކީ ކުޑަހުވަދޫ

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދ. ކުޑަހުވަދޫ ރައްޔިތުންގެ ފަރާތުން 686،672.62ރ ހަދިޔާ ކޮށްފި އެވެ. 

މިއީ ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން އެއް ރަށަކުން އެންމެ ބޮޑު އެހީއެއް ފޯރުކޮށް ދިން ރަށްތަކުގެ ތެރެއިން ރަށެކެވެ.

ފަލަސްތީނަށް އެހީވުމަށް ކުޑަހުވަދޫ ރައްޔިތުން އެއްކުރި މި ފައިސާ އައިއޭސީގެ އެކައުންޓަށް ޖަމާކޮށް ރައްޔިތުންގެ ފަރާތުން ރަމްޒީ ސްލިޕް ހަވާލު ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކުޑަހުވަދޫގައި ބޭއްވި ހާއްސް ހަފްލާގައި ކުޑަހުވަދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ބަދުރުﷲ ވަހީދެވެ. މި އެހީއާ އައިއޭސީގެ ފަރާތުން ހަވާލުވީ ޗެއާމަން އަހްމަދު އިގުބާލެވެ.

ކުޑަހުވަދޫ އިން ވެދިން ބޮޑު އެހީތެރިކަން ފާހަގަ ކޮށް އިގްބާލް ވިދާޅުވީ އިސްލާމީ އުންމަތައް ދިމާވާ މިފަދަ ކަންކަމުގައި ކުޑަހުވަދޫގެ ރައްޔިތުންނަކީ އަބަދުވެސް ނިސްބަތުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ރައްޔިތުން ތަކެއް ކަމަށެވެ. އަދި މިފަހަރު ވެސް ކުޑަހުވަދޫގެ ރައްޔިތުން ފޯރުކޮށްދީފައިވާ އެހީ އަކީ ދިވެހިރާއްޖޭ ނިސްބަތުން އެއްރަށަކުން ފޯރުކޮށްދިން އެންމެ ބޮޑު އެހީ ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެެހީތެރިވުމުގެ ގޮތުން ކުޑަހުވަދޫގައި ފަންޑްރައިސް ހަރަކާތް ހިންގީ ދ. ކުޑަހުވަދޫ ކައުންސިލް އިސްވެ ކުޑަހުވަދޫގެ ހުރިހާ މުއައްސަސާ ތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެންނެވެ. އެ ހަރަކާތްތައް ކުރިއަށް ގެންދަން ހާއްސަ ކޮމެޓީއެއް އެކުލަވާލި އެވެ.

ކޮމެޓީގެ ޗެއާ އަދި ހަރަކާތުގެ އިންޗާޖް، ޔުނައިޓެޑް އިސްލާމިކް ސޮސައިޓީގެ ރައީސް އިސްމާއީލް އާދިލް ވަނީ ރަށުގެ ހުރިހާ މުއައްސަސާ އަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އެކިއެކި ވިޔަފާރިތަކާއި އޮޑި ދޯނިފަހަރާއި ވަކިވަކި ފަރުދުން މި ހަރަކާތުގައި އަމަލީ ގޮތުން ބައިވެރިވެ ވަރަށް ބޮޑު އެއްބާރުލުން ދީފައިވާ ކަން ފާހަގަކޮށްފައެވެ.

ކޮމެޓީގެ ޗެއާ އަދި ހަރަކާތުގެ އިންޗާޖް، ޔުނައިޓެޑް އިސްލާމިކް ސޮސައިޓީގެ ރައީސް އިސްމާއީލް އާދިލް ވާހަކަ ދައްކަވަނީ

އާދިލް ވަނީ ފަންޑްރެއިޒިން ހަރަކާތުގައި ކުޑަހުވަދޫން ދެއްކި ނަމޫނާ ފާހަގަ ކޮށް ޝުކުރު އަދާކޮށްފައެވެ. ވަކީން ހާއްސަ ކޮށް ކައުންސިލްގެ އިސްނެގުމާއި ކައުންސިލްގެ ހުރީހާ ވަސީލަތްތަކާއި ކައުންސިލްގެ މާލީއްޔަތުން މި ހަރަކާތައް ވަރަށް ފުރިހަމައަށް އެއްބާރުލުން ދީފައިވާތީ އެކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އެއް މުއައްސަސާއެއްގެ މުވިއްޒަފުން ނުކުމެ ކުރި ބުރަ މަސައްކަތުން ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާތީވެ، އާރުޑީސީ ކުޑަހުވަދޫ ސައިޓްގެ މުއައްޒަފުންނަށް އޭނާ ޝުކުރު އަދާ ކުރި އެވެ. އަދި ކުޑަހުވަދޫގެ ކަނބަލުން އެކުވެގެން ކުޑަހުވަދޫ ޑަބްލިއުޑީސީ އާއި މަންމްސް ކުޑަހުވަދޫ ގުޅިގެން ކުރި މަސައްކަތުން ލައްކައަކާ ގާތްކުރާ އަދަދަކަށް ފައިސާ ހޯދާފައި ވާތީ އެކަން ވެސް ފާހަގަ ކޮށްފައިވެއެވެ.

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ކުޑަހުވަދޫ ރައްޔިތުން ހިންގި ފަންޑްރެއިޒިން ހަރަކާތު ގައި މިސްކިތު ފަންޑު ފޮށި ބެހެއްޓުމާއި ފިހާރަތަކުގައި ފަންޑުފޮށި ބެހެއްޓުމާއި މުއައްސަސާ ތަކުގެ މުއައްޒަފުންގެ އެއް ދުވަހުގެ މުސާރަ ހަދިޔާ ކުރުމާއި ޓީ ޝާޓް ވިއްކުމާއި ޗެރެޓީ މެޗް ކުޅުމާއި މަސައްކަތު ދުވަސް ފާހަގަކުރުމާއި ވެލި ވިއްކުމާއި ކެންޓީނު ހަރަކާތް ހިންގުން ފަދަ ކަންކަން ކޮށްފައިވެއެވެ.

ފަލަސްތީން މައްސަލައަށް ހާއްސަކޮށް އާންމުން ހޭލުންތެރި ކުރުވުމަށް ޖަމިއްޔަތުސަލަފާއި ގުޅިގެން ހާއްސަ ފޯރަމެއް ވެސް ބޭއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.