ކުނަހަންދޫ ސުކޫލްގެ ޕްރިންސިޕަލް ޒިންމާއިން ދުރުކޮށްފި

ބެލެނިވެރީންގެ ޝަކުވާތައް ބަލައި ނިމެންދެން ވަކި މުއްދަތެއް ނެތް ގޮތަށް ގޭގައި މަޑުކުރުމަށް އަލީ ހުސެއިންއަށް އަންގާފައި ވަނީ އިއްޔެ އެވެ.

ކުނަހަންދޫ ސްކޫލް

ލ. ކުނަހަންދޫ ސުކޫލްގެ ޕްރިންސިޕަލް އަލީ ހުސެއިން އާއި ބެހޭ ގޮތުން ބެލެނިވެރީންގެ ފަރާތުން ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން އިދާރީ ގޮތުން ބަލަންޖެހޭ ކަންކަން ބަލައި ނިމެންދެން، އޭނާ ސުކޫލް ހިންގުމުގެ ޒިންމާ ތަކުން ދުރުކޮށް، އެ ސުކޫލް ހިންގުން ވަގުތީ ގޮތުން އެ އަތޮޅު ހިތަދޫ ސުކޫލްގެ ޕްރިންސިޕަލް، މުޙައްމަދު މުއިއްޒު އާއި އެޑިއުކޭޝަން މިނިސްޓްރީން ހަވާލު ކޮށްފި އެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައި ފާއިތުވި ހަތަރު ތެރޭގައި ވެސް ކުނަހަންދޫ ސުކޫލަށް އެއްވެސް ކުރިއެރުމެއް ނުލިބި ދަށަށް ދިއުމާއި އަދި ދަރިވަރުންގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަށްވަމުން ދާތީ ކަމަށްބުނެ، އެކަމާ ބެލެނިވެރިން އިއްޔެ ވަނީ ކުދިން ސްކޫލަށް ނުފޮނުވާން ނިންމާފަ އެވެ. އަދި އެ ހިތްހަމަނުޖެހުމުގައި ގޮސް ސުކޫލް ތަޅުލި އެވެ. 

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓެރީ އަހުމަދު އަލީ "މި" ނޫހަށް ވިދާޅުވީ ބެލެނިވެރީންގެ ފަރާތުން ހުށަހަޅާފައިވާ ޝަކުވާތައް ބަލައި އެ މައްސަ ހައްލު ކުރުމުގެ މި މަރުހަލާގައި އަލީ ހުސެއިން ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށެވެ. މިގޮތަށް ނިންމީ، ބެލެނިވެރިންނާއެކު ދެކެވުނު ވާހަކަތަކުގެ ތެރެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ސުކޫލްގެ ޕްރިންސިޕަލް ބަދަލުކުރާން އެދިފައި ވާތީ ކަމަށެވެ. 

"މެނޭޖްމެންޓަށްވުރެ ބޮޑަށް ބެލެނިވެރީންގެ މައިގަނޑު ކަންބޮޑުވުން އޮތީ ޕްރިންސިޕަލްގެ މައްސަލަ. އަޅުގަނޑު އެބޭފުޅުންނާ ވާހަކަ ދެއްކިން. އެހެންވީމަ އެންމެ ފުރަތަމަ މި އެޓެންޑް ކުރަނީ އެއަށް. އެހެންވެ، ޝަކުވާތައް ބަލައި ނިމެންދެން ސުކޫލަށް ރިޕޯޓް ކުރުމުގެ ބަދަލުގައި މިނިސްޓްރީއަށް ރިޕޯޓް ކުރާ ގޮތަށް އެ ޕްރިންސިޕަލް މިވަގުތު އެ ހުރީ ގޭގަ. އެއީ ފިޔަވަޅު އެޅުމެއް ނޫން. މިއީ އަޅުގަނޑުމެން ކުރާ ކަމެއް،" އަހްމަދު ވިދާޅުވި އެވެ. 

އަހްމަދު އަލީ ވިދާޅުވީ ބެލެނިވެރީން ފަރާތުން ކަންބޮޑުވުން ފައުޅު ކުރާނީ ކޮންމެވެސް ކަހަލަ މައްސަލަތެއް ސުކޫލްގައި އުޅޭތީ ކަމަށާއި އެހެންވެ، މިނިސްޓްރީގެ ވިސްނުން ހުރީ އެއްވެސް ފަރާތަކަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އެ މައްސަލައެއް ހައްލު ކުރުމަށް ކަމަށެވެ. 

"ކުދިބަޔަކަށް ޚިދުމަތް ދޭން ސުކޫލް މި ހުންނަނީ. އެހެންވީމަ ސުކޫލްގައި އެފަދަ ނުތަވަސް ކަމެއް އުޅޭ ކަމަށް ވާނަމަ އެކަން ބެލުމަށްފަހު އެކަން ހައްލުކުރުމަށް މިނިސްޓްރީގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރިކޮށްދިނުމާއި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނަން،" އަހްމަދު އަލީ ވިދާޅުވި އެވެ.

ބެލެނިވެރީންގެ ޝަކުވާތައް ބަލައި ނިމެންދެން ވަކި މުއްދަތެއް ނެތް ގޮތަށް ގޭގައި މަޑުކުރުމަށް އަލީ ހުސެއިންއަށް އަންގާފައި ވަނީ އިއްޔެ އެވެ.

ކުނަހަންދޫ ސުކޫލަކީ ގްރޭޑް 10 އަކާ ހަމައަށް ކިޔަވައިދޭ ސުކޫލެކެވެ. އެ ސުކޫލުގައި މިހާރު ކިޔަވަނީ 145 ދަރިވަރުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.