"މިހާރު ފެންނަ މީހާއާ އެއްވެސް ވައްތަރު ކަމެއް ނެތް. ދިމާވި ހަނދާނެއް ވެސް ނުވޭ. އެއީ ހަތަރު ފޫޓާ ބައިގެ އިސްކޮޅު ހުރި ކުރު މީހެއްކަން ހަނދާން ވަނީ،" ހެކިވެރިޔާ ބުންޏެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލު، މި މައްސަލައިގައި ދައުވާ ލިބޭ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދަށް ވިއްކިކަން މިހާރު ހަނދާނުގައި ނެތް ކަމަށް ހެކިވެރިޔާ ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.
މޭ 6، 2021ގެ ރޭ ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ ވޭވް ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، ރިމޯޓެއް މެދުވެރިކޮށް ގޮއްވާލައިގެންނެވެ. އެ ސައިކަލަކީ މި މައްސަލައިގައި ދައުވާ ލިބޭ ތަހުމީނުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ސައިކަލެވެ. މި ސައިކަލަކީ 2018 ވަނަ އަހަރު މީހަކު އަތުން ގަނެފައިވާ ސައިކަލެކެވެ.
މި މައްސަލައިގެ ޝަރީއަތުގައި ހެކިބަސް ދިނުމަށް މިއަދު ވަނީ ސައިކަލު ވިއްކި މީހާ ހާޒިރުކޮށްފަ އެވެ. އަބްދުﷲ ލިރާރް ކިޔާ އެ މީހާ ބުނީ ސައިކަލު ވިއްކީ ދަންނަ މީހަކަށް ނޫން ކަމަށެވެ. ސައިކަލު ގަންނަން މީހަކު ގުޅީ، ސޯޝަލް މީޑިއާގައި އެ ވިއްކާލަން ކުރި ޕޯސްޓަކާ ގުޅިގެން ކަމަށެވެ.
ލިރާރް ބުނީ ސައިކަލު ގަންނަން އައީ ތަހުމީނު ކިޔާ މީހެއް ކަމަށެވެ. އެކަމަކު ތަހުމީނު ދެއްކުމުން އޭނާ ވަނީ އެއީ އެމީހާ ނޫން ކަމަށް ބުނެފަ އެވެ. ފަހުން ކޯޓުން ވަނީ 2018 ވަނަ އަހަރު ތަހުމީނު ހުންނާނެހެން އިސްތަށިގަނޑު އައްސުވާފައި ވަރަށް ބޮޑަށް ޒޫމްކޮށްގެން މޫނު ދައްކާފަ އެވެ.
"މިހާރު ފެންނަ މީހާއާ އެއްވެސް ވައްތަރު ކަމެއް ނެތް. ދިމާވި ހަނދާނެއް ވެސް ނުވޭ. އެއީ ހަތަރު ފޫޓާ ބައިގެ އިސްކޮޅު ހުރި ކުރު މީހެއްކަން ހަނދާން ވަނީ،" ހެކިވެރިޔާ ބުންޏެވެ.
ސައިކަލު ވިއްކާލީ 18،000 ރުފިޔާއަށެވެ. ލިރާރް ބުނީ، ސައިކަލު ގަންނަން ވެގެން އެމީހާ އޭނާ އަށް ދީފައި ވަނީ ނަގުދު ފައިސާ ކަމަށެވެ. ސައިކަލު ގަތް މީހާގެ ނަން މައްޗަށް ރަޖިސްޓްރީ ކޮށްދިނީ ވެސް ލިރާރެވެ. އެކަމަށް އެމީހާގެ އައިޑީ ކާޑް ކޮޕީއެއް ހޯދި ނަމަވެސް، މިހާރު ވަރަށް ގިނަ ދުވަސް ވެފައިވާތީ އެ ކަން މާ ބޮޑަށް ހަނދާން ނެތް ކަމަށް ވެސް ބުންޏެވެ.
މި މައްސަލައިގައި މިއަދު ދެން ހެކިބަސް ދީފައި ވަނީ ރައީސް ނަޝީދަށް ހަމަލާ ދިން ރޭ މަގުމަތި ބަލަހައްޓަން ހުރި ޓްރެފިކް ފުލުހަކާއި، ހަމަލާދިން ވަގުތު އެ ސަރަހައްދުގައި ހުރި އެހެން މީހެކެވެ.
ފުލުހުސް މީހާ ބުނީ، ނަޝީދަށް ދިން ރޭ މަގުމަތީ ޑިއުޓީގައި ހުއްޓާ އެމްއެންޑީއެފް ކާރެއް ވަރަށް ބާރަށް ދަމުން އެސްކޯޓް ކޮށްދޭން އެދުނު ކަމަށެވެ. އެ ކާރު ފަހަތުން ގޮސް އޭޑީކޭ ހޮސްޕިޓަލަށް ދިޔަ ކަމަށާއި، ސިފައިންގެ އެހީއާއެކު ރައީސް ނަޝީދު ސްޓްރެޗާއަށް އަރުވައިގެން އެމަޖެންސީ ރޫމަށް ގެންދިޔަ ކަމަށެވެ.
"ރައީސް ނަޝީދުގެ މޫނާ އަތުގަ ޒަހަމްހުރި. ގަމީސްކޮޅުގައި އޮތީ ހުސް ލޭ. ފެނުނުއިރު އޮތީ ހަރަކާތް ހުއްޓިފައި،" އެވަގުތު ނަޝީދު އޮތް ހާލު އޭނާ ކިޔައިދިނެވެ.
ދެން ހެކިބަސް ދިނީ އެރޭ ނަޝީދު ކެނެރީގެއިން ނުކުމެވަޑައިގެން ހިންގަވާފައި ކާރުކޮޅާ ދިމާލަށް ވަޑައިގަތް ވަގުތު ފަހަތުން އައި މީހެކެވެ. އޭނާ ބުނީ ކުއްލިއަކަށް އެއްޗެއް ގޮވުމުން ދިޔައީ ޝޮކަކަށް ކަމަށެވެ. އަދި މުޅި ގައިން ތުރުތުރު އަޅަން ފެށީ ކަމަށެވެ. އެވަގުތު އެމްއެންޑީއެފް މީހުންގެ އަތްދަނޑި މަތީގައި ރައީސް ނަޝީދު ކާރުކޮޅަށް އަރުވާ މަންޒަރު ވެސް ފެނުނު ކަމަށް އޭނާ ކިޔައިދިނެވެ.
މިއަދުގެ އަޑުއެހުން ނިންމާލީ މި ތިން ހެކިންގެ ހެކިބަސް ނެގުމަށްފަހު އެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ގާޒީ ސޮފްވަތު ހަބީބް އިއުލާނު ކުރެއްވި އެވެ. އެ ދުވަހު ވެސް އޮންނާނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ.
ތަހުމީނުގެ އިތުރުން ދެން މި މައްސަލާގައި ދައުވާކޮށްފައި ވަނީ، މއ. ފޭރުގެ މުޖާޒް އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.