މިއީ ރައީސް ކަމަށް ވަޑައިގެމް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާ ފުރަތަމަ ބައިނަލްއަގުވާމީ ކޮންފަރެންސެވެ.
މި މަހުގެ ފަހުކޮޅު ދުބާއީގައި ބާއްވާ ކޮޕް-28 ގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ވަޑައިގަންނަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.
ޔުނައިޓެޑް ނޭޝަން ކްލައިމެޓް ޗޭންޖް ކޮންފަރެންސް - ކޮޕް28 - މި އަހަރު ޑުބާއީގައި ކުރިޔަށް ދާނީ ނޮވެމްބަރު 30 އިން ޑިސެންބަރު 12 އަށެވެ.
އެ މަނިކުފާނު ރޭ ވިދާޅުވި ގޮތުގައި މި އަހަރުގެ ކޮޕް ބައްދަލުވުމަކީ ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް މުހިންމު ބައްދަލުވުމެއް ކަމަށާއި، "ލޮސް އެންޑް ޑެމޭޖް ފަންޑު" ބޭނުން ކުރެވޭނެ ގޮތްތައް ފަހިކޮށް، ފުރަތަމަ ފަހަރަށް ނެގޭ "ގްލޯބަލް ސްޓޮކް ޓޭކް" ގައި ރަނގަޅު ނަތީޖާތަކެއް ހާސިލް ކުރެވޭނެކަން ޔަގީން ކުރަންޖެހޭ ކަމަށެވެ.
އެ މަނިކުފާނު އަދި ވިދާޅުވީ ދުނިޔޭގެ ވެށި ރައްކާތެރިކޮށް ސަލާމަތްކުރުމަށް އެންމެން އެއްބައިވަންތަ ކުރުވަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ކޮޕް-28 ގެ ކާމިޔާބީ ކަށަވަރު ކުރުމަށް ރާއްޖެއިން ޔޫއޭއީ އަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި ޔޫއޭއީގެ ރިޔާސަތުގައި ހަރުދަނާ ނަތީޖާތަކެއް ނެރެދޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
މިއީ ރައީސް ކަމަށް ވަޑައިގެން ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާ ފުރަތަމަ ބައިނަލްއަގުވާމީ ސަމިޓް / ކޮންފަރެންސެވެ. އެ މަނިކުފާނުގެ ފުރަތަމަ ސްޓޭޓް ވިޒިޓް، ފުރަމާނަ ދަތުރުފުޅު އޮތީ ވެސް މި މަހުގެ ތެރޭގަ އެވެ. ފުރަތަމަ ވަޑައިގަންނަވަނީ ރާއްޖޭގެ އެކުވެރި ސައުދީ އަރަބިއްޔާއަށެވެ.