ބޫޓު އޮން ސޮއިލް: ބޭނުމީ އަދަދެއް ނޫން، ބާލަންވީ އިންޑިއާ ސިފައިން

އިންޑިއާ އިން އިންތިޒާރު ކުރާނީ ދިވެހިރާއްޖޭގެ އާ ވެރިކަމުގެ ސިޔާސަތުތައް ކުރިއަށްދާ ގޮތަކަށެވެ. ރާއްޖެއިން އިންތިޒާރު ކުރަނީ އިންޑިއާ ސިފައިން ބާލައި "ބޫޓް އޮން ސޮއިލް" ނެތޭށެވެ.

އިންޑިއާ ސިފައިންގެ މައްސަލަ ރާއްޖެއިން ހައްލު ކުރަން އިސްކަން ދޭން އެންމެ މުހިންމު އަމާޒަށް ވަނީ ހަދާފައި

ސިޔާދަތަށް ނިކަމެތިކަން ލިބޭ ގޮތަށް "ބޫޓް އޮން ސޮއިލް" / "ބޫޓްސް އޮން ދަ ގްރައުންޑް" ސިޓުއޭޝަނުގައި ދިވެހި ރާއްޖެ ކޮއްޕާ ގަޅުވައިގެން ގެންގުޅޭކަށް މިރާއްޖޭގެ ރައްޔިތުންނަކު އެއްވެސް އިރަކު ނޭދެ އެވެ. އެންމެނަކު މޭމަތީގައި "އިންޑިއާ އައުޓް" ނުފެވިއެއް ކަމަކު ތިބީ އިންޑިއާ ސިފައިން ރާއްޖެ ފައިބާ ތިބުމާ ރުހިގެނެއް ނޫނެވެ. 

"ބޫޓް އޮން ސޮއިލް" ގްރޭޑަށް ގައުމެއް ލުމުގެ އަސްކަރީ ޓާމަކީ ގައުމުގެ ވަކި ސަރަހައްދުތަކެއްގައި އެހެން ބާރެއްގެ ސިފައިން ގާއިމުވެ ތިބޭ ތިބުން ދޭހަ ކޮށްދިނުމެވެ. ދިވެހިރާއްޖޭގައި އިންޑިއާ ސިފައިންގެ ހާޒިރެއް އެބައޮތެވެ. މިހާރަކު އިންޑިއާ ވެސް އެކަމަކާ ދެބަހެއް ނުވެ އެވެ. އަދި އިހަށް އޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެސް ފައިބައިގެން ދިޔައީ ހެއްދެވިހާ ދޮގެއް ހަދާފައި އެއްބަސް ނުވާންވީ ދެ ތަނެއްގައި އެކަމަށް އެއްބަސް ވެގެނެވެ. 

ކުރީން ބުނަމުން އައި ގޮތުން އައްޑު އަތޮޅާއި ލ. އަތޮޅާއި މާލެ އާއި އުތުރު ތިލަފަޅާއި ހަނިމާދޫ ހިމެނޭ ގޮތުން ތިން ނަމްބަރުގެ އަދަދަކަށް ވާވަރަށް އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ އެބަތިއްބެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރާއެކު ރަސްމީ ހިސާބެއް ނެރުނު އިރު އޮތް ކަމަށް ބުނީ އިންޑިއާ ސިފައިންގެ 77 މީހުންގެ ހާޒިރީއެކެވެ. އޭގެ ފަހުން މިހާރު ބުނާ ގޮތުން އަދިވެސް ޖެހޭނީ އެ އަދަދު ބަލައިލަން ގުނާލާށެވެ. -- އަދަދު މެޓާއެއް ނުވެއެވެ. ވާންވީ ގޮތަކީ އިންޑިއާ ސިފައިން ފައިބައިގެން ދާންވީ އެވެ. "ބޫޓް އޮން ސޮއިލް" އިން ރާއްޖެ ނެއްޓެންވީ އެވެ. 

ސިޔާސީ މަސައްކަތުގައި އަބަދުވެސް ވާގޮތެއް އޮވެއެވެ؛ އެއީ ސަރުކާރު އަތުލާން މަގުމަތީގައި ސިޔާސީ ފިކުރު ވިއްކާ ގޮތާ ސަރުކާރު ލިބުމުން ސިޔާސަތު ހިންގާ ގޮތް ތަފާތު ވުމެވެ. މަގުމަތީގައި އަބަދު ވެސް އޮންނާނީ ސިޔާސީ ސީދާ ހަރަކާތެވެ. ބަލައިލުމެއް ނެތި އިންޑިއާއާ ދިމާއަށް ވެސް ބޭނުންހާ އެއްޗެއް މަގުމަތީގައި ކިޔައިފާނެ އެވެ. އެހެނެއް ކަމަކު އަތްމައްޗަށް އެގްޒެކެޓިވް ބާރު އެރުމުން އިބާރާތް ރީތި ކުރެ އެވެ. ހިނިތުންވެފައި ބުނާނީ ހާރިޖީ ސިޔާސަތި ހިންގާން ޖެހޭނީ ވިސްނުންތެރި ކަމާއި ހިކުމްތެރި ކަމާއެކު ހިމޭން ޑިޕްލޮމަސީގައި މަޝްވަރާ ކޮށްގެނެވެ. 

އިންޑިއާ ސިފައިންގެ މައްސަލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ބޭނުންފުޅު ކުރައްވަމުން އައީ ބާރުގަދަ "ތަށި ދޮންނަން ވިޔަސް އިންޑިއާ ސިފައިން ތިބެންވީ ކީއްކުރަންތޯ" ފަދަ ޖުމްލަތަކާއި ބަސްތައް މިހާރު ބޭނުންފުޅެއް ނުކުރައްވަ އެވެ. ސަބަބަކީ "ފެލިގަނެގެން" އަސްކަރީ ކޮއްޕާ ގެޅުވުމަށް ފުދެއޭ ބުނެވިދާނެ ފަދަ ގޮތަކަށް "ގަންބޯޓް ޑިޕްލޮމެސީ" ހިންގައި އިންޒާރު ދީގެން ހާރިޖީ ސިޔާސަތުގެ މަގުސަދުތައް ހާސިލު ކުރުމަކީ ނިޒާމާއި ޒަމާން ދަންނަ ހަމައަކަށް ނުވާތީ އެވެ. 

މި މައްސަލައިން ދިވެހި - އިންޑިއާގެ ގުޅުމަށް ކުރިމަތިވެފައިވާ ނާޒުކު ކަމާއި ރާއްޖެއާ އިންޑިއާ ވެސް އޮތް ސްޓެރެޓެޖީކް ލޮކޭޝަނާއި އިންޑިއާ ބާރުގަދަ ކަމާއި ބިޔަ ކަމާ ވެސް ހެދި އެވެ. 

"ގަންބޯޓް ޑިޕްލޮމެސީ" ގެ އަސާސަކީ ވަކި ފިޔަވަޅެއް އެޅުމަށް ނުވަތަ ލުއިތަކެއް ދިނުމަށް އިންޒާރަށް ފުދޭ ގޮތަށް އެހެން ގައުމަކަށް ބިރުދެއްކުމާއި ވަކި ކަމެއް ކުރާން / ނުކުރާން މަޖުބޫރެއް ކުރުމެވެ. އެކަމަކު "ގަންބޯޓް ޑިޕްލޮމަސީ" އަކީ މިޒަމާނުގައި އާންމުކޮށް ބޭނުންކުރާ ސިޔާސަތެއް އަދި ލަފުޒެއް ވެސް ނޫނެވެ.

އާ ޒަމާނުގެ ބައިނަލްއަގުވާމީ ގުޅުންތަކުގައި އިންޑިއާ ވެސް ހިމެނޭ ގޮތަށް ގައުމުތަކުން އާންމުކޮށް ބާރު އަޅަނީ ޑައިލޯގް އުފައްދައިގެން ކޯޅުން ހައްލު ކުރާށެވެ. ހާރިޖީ ސިޔާސަތުގެ މަގުސަދުތައް ހާސިލު ވަނީ ޑިޕްލޮމެޓިކް، ސުލްހަވެރި ހިމޭން ޑައިލޮގާ އެކީގަ އެވެ. 

ރަނގަޅު އެހެން ގައުމުތަކެކޭ އެއްފަދައިން އިންޑިއާއަކީ ވެސް ބައިނަލްއަގުވާމީ ތަފާތު އެއްބަސްވުންތަކާއި މުއާހަދާތަކާއި ޑިޕްލޮމެޓިކް ޕްރޮޓޮކޯލްތަކުގެ ތެރޭގައި އޮތް ގައުމެކެވެ. އިންޑިއާގެ "ސްޓްރެޓެޖިކް އޮޓޮނޮމީ" ބާރު އަޅަނީ ޕަވާ ބްލޮކަކާ ނުގުޅި ގައުމީ މަސްލަހަތަށް ނިންމުންތައް ނިންމާށެވެ.

ރައީސް މުއިއްޒު މިހާތަނަށް ދައްކަވާފައިވާ ވާހަފުޅު ތަކަށް ބަލާއިރު އަދި މަދު ތަނެއްގައި ހާރިޖީ ވަޒީރު މޫސާ ޒަމީރު ދައްކަވާފައިވާ ވާހަކަފުޅުތަކަށް ބަލާއިރު ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ސްޓްރެޓެޖިކް އޮޓޮނޮމީއަކީ އެއްވެސް ބާރަކަށް ވިޔަސް އިންޑިއާ ބައިވެރިވާ "ކްއާޑް" ފަދަ އިއްތިހާދަކަށް ވިޔަސް ބަރޯސާ ނުވެ މިނިވަން ނިންމުންތަކެއް ނިންމުމާއި އަމިއްލަ މަސްލަހަތު ކުރިއަށް ގެންދިއުމުގެ ގާބިލު ކަމުގައި ތިބުމެވެ. އެއީ ހާރިޖީ ސިޔާސަތާއި ސްޓްރެޓެޖިކް ނިންމުންތައް ނިންމުމުގައި ވަކި މިންވަރަކަށް މިނިވަންކަމާއި ފަސޭހަކަން ދެމެހެއްޓުމަށެވެ.

އެހެންވެ އިންޑިއާ ސިފައިންގެ މައްސަލާގައި ރާއްޖެއަށް ވެސް ރައީސް މުއިއްޒަށް ވެސް އަދި އިންޑިއާއަށް ވެސް އޮތް ގޮތަކީ ޑިޕޮލޮމެޓިކް ޗެނަލް އިހުތިޔާރު ކުރުމެވެ. އެނޫން އެހެން އެއްވެސް މަގެއް ހިޔާރު ކުރާ ނަމަ "ބޫޓް އޮން ސޮއިލް" ސްޓޭޓަސް އިން ނެއްޓެން ދައްޗެއް ވާނެ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮޕް-28 ގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވަނީ

ރައީސް މުއިއްޒު ދަތުރު ކުރައްވާ މަގު

ރައީސް މުއިއްޒު، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ރާއްޖޭގައި އިންޑިއާގެ ސިފައިން ބޭލުމުގެ ސިޔާދަތީ ވައުދާއެކު އެވެ. ހުއްޓި ވަޑައިގެންނެވި ހުރިހާ މަގާމެއްގައި އެ ވާހަކަ ވިދާޅުވި އެވެ. ވެރިކަން ކުރައްވާނީ ހުރިހާ ގައުމުތަކަކާ ވެސް ގުޅިގެނެވެ. އިސް ކުރައްވަވާނީ "މޯލްޑިވްސް ފަސްޓް" ސިޔާސަތެވެ. ވެރިކަމަށް ވަޑައިގަތީ ނޮވެބަރު 17 އިގަ އެވެ. ނޮވެމްބަރުން 18 އިގައި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބާލާން ރަސްމީކޮށް އެދި ވަޑައިގަތެވެ.

ދިވެހި ރާއްޖެ އެދެނީ އިންޑިއާ ސިފައިންގެ މިލިޓަރީ އެންމެ ބޫޓު ކިބައެއް ވެސް ރާއްޖޭގައި ނުބަހައްޓާށެވެ. އެ ގޮތަށް އަމަލު ކޮށްދޭން ރައީސް މުއިއްޒު ވަނީ އެދި ވަޑައިގެންފަ އެވެ. "ބޫޓް އޮން ސޮއިލް" ސްޓޭޓަސްގައި ރާއްޖެ ބާއްވާކަށް ރައީސް މުއިއްޒު ބޭނުންފުޅުވެ ވަޑައި ނުގަންނަވާއިރު އެ މަނިކުފާނު ހުންނެވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ރަތް ރޮނގު ފުޅާކޮށް ދަމާލައްވައިގެނެވެ. މިހާރު މި އޮތީ އިންޑިއާ ސިފައިން ބާލައިގެން ގެންދިއުމުގެ މަރުހަލާ އެވެ. -- ދެން ބާލަންވީ އެވެ.

މިވަގުތު ރައީސް މުއިއްޒު ހިންގަވާން ހިޔާރު ކުރައްވަނީ ހިމޭން ޑިޕްލޮމަސީގެ ސިޔާސަތުގެ މަގުގަ އެވެ. ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ މަގު ޗާޓުގައި ކުރަން ނިންމާފައިވާ މުހިންމު އެއް ކަމަކީ އިންޑިއާގެ ސިފައިން ރާއްޖޭން ބާލައި ފޮނުވާލުން ކަމަށް ހަދާފައި އެވަނީ އެހެން ވެގެނެވެ. 

ޔޫއޭއީގައި ކުރިޔަށްދާ ކޮޕް-28 ގެ ހަވާސާގައި ރައީސް މުއިއްޒު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމާ ގުޅޭ ރަސްމީ އެއްވެސް ސްޓޭޓްމެންޓެއްގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ވާހަކައެއް ނާދެ އެވެ. ރާއްޖެ - އިންޑިއާ ހިމެނޭ ގޮތުން ބައިނަލްއަގުވާމީ މީޑިއާއަށް އެކަންވީ ކޮރު ކަމަކަށެވެ. ސަބަބަކީ ދެ ގައުމުގެ މެދުގައި އޮތް އެންމެ ނާޒުކު އަދި ދުނިޔެ ޝައުގުވެރިކަމާއެކު ބަލަން އޮތް މައްސަލައަކަށް "ބޫޓް އޮން ސޮއިލް" ވެފައި ވުމެވެ. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން "އިންޑިއާ ފަސްޓް" ޕޮލިިސީ ހިންގައި އިންޑިއާއާ "ހިތާވެ" ހެސްގަނެގެން އުޅުނެއް ކަމަކު ރައީސް މުއިއްޒުގެ ސިޔާސަތަކީ "ޕްރޯ - މޯލިވްސް" ސިޔާސަތެވެ. ބައިނަލްއަގުވާމީ މީޑިއާގައި އެމަނިކުފާނު ދުނިޔެއަށް ތައާރަފު ކުރަނީ ބިޔަ އިންޑިއާގެ ވާދަވެރިޔާ، މާސިންގާ ޗައިނާގެ "ރަހުމަތްތެރިޔާ" ގެ ގޮތުގަ އެވެ. އެހެންވެ އިންޑިއާ ރާއްޖެއާ ގުޅޭ ކޮންމެ ކަމަކީ ހާއްސަކޮށް "ބޫޓް އޮން ސޮއިލް" ގެ މައްސަލައަކީ މިހާރު ޓްރެންޑިން މައްސަލައެކެވެ.

ތުރުކީ އާއި ޑުބާއީ ދަތުރުފުޅަށްފަހު ރައީސް މުއިއްޒު ރާއްޖެ ވަޑައިގެން ނޫސްވެރިން ގާތު ވިދާޅުވީ ގޮތުގައި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ގެންދަން މިހާރު ވަނީ އެއްބަސްވެފަ އެވެ. އޭގެ ކުރީން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއެކު ރައީސް މުއިއްޒު ބޭއްވެވި ފުރަތަމަ ބައްދަލުވުމާ ހަމައިން ސިފައިން އަނބުރާ ގެންދިޔުމާ ގުޅޭ މަޝްވަރާ ފެއްޓެވި އެވެ. ވެރިކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާއިން ފޮނުވި އާތު މިނިސްޓަރުގެ އަރިހު ވެސް ސިފައިން ބާލައިގެން ގެންދާން އެދިވަޑަތެވެ.

މާނައަކީ އިހު އޮތް ވެރިކަމުން ރައީސް މުއިއްޒުގެ ވެރިކަމަށް ނަގުލުވުމުގެ މަރުހަލާއާ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމާ ގުޅޭ މަޝްވަރާތައް ޓޭބަލް މަތީ ބާއްވަވައިފި އެވެ. 

"މިއަދާ ހަމައަށް އައި އިރު ގާތްގަނޑަކަށް ފަސް ބައްދަލުވުމެއް އިންޑިއާގެ އިސް ބޭފުޅުންނާއެކު ވަނީ ބޭއްވިފައި... ރަސްމީކޮށް އަޅުގަނޑުމެންގެ ފަރާތުން އިންޑިއާ ސަރުކާރަށް ދެންނެވިން މިތަނުގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންގޮސްދެއްވާށޭ.. މިހާރު ޓެކްނިކަލް ލެވެލްގައި މަސައްކަތް އެބަ ކުރެވޭ. ދެ ގައުމުގެ ޓެކްނިކަލް ލެވެލްގައި މަސައްކަތް އެބަ ހިނގާ." ރައީސް ޔަގީންކަން ދެއްވި އެވެ. "އެހެންވީމާ ރަސްމީކޮށް އެެ އޮތީ ހުށަހެޅިފައި. އަދި އޭގެ ކުރިން ކުރެވުނު މަސައްކަތާ، މިއަދާ ހަމައަށް އައި އިރު މިކުރެވުނު ހުރިހާ މަސައްކަތެއްގައި އިންޑިއާ ސަރުކާރުން އެއްބަސްވެފައި ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް،" 

ސިފައިން އަނބުރާ ގެންދަން އިންޑިއާ އެއްބަސްވުމާ ގުޅޭ ގޮތުން އިންޑިއާގެ ރިއެކްޝަނެއް މިހާތަކަށް ފާޅެއް ނުވެއެވެ. ރައީސ މުއިއްޒުގެ ސިޔާދަތީ ރަތްރޮނގު ޑިޕްލޮމަސީގެ އުސޫލުން އެ ރޮނގު ފަލަކޮށް ކުރައްސަވާ މަރުހަލާތަކެއް ހިނގާ ކަމަށް ވިދާޅުވި ނަމަވެސް ބައިނަލްއަގުވާމީ މިޑިއާ ބުނާ ގޮތުން އިންޑިއާ ސިފައިން ބޭލުމުގެ އެއްބަސްވުމާމެދު އިންޑިއާ ފެންނަނީ ހިމޭންކޮށެވެ. 

ދުބާއީގައި ބޮޑުވަޒީރު މޯދީ އާއި ރައީސް މުއިއްޒުގެ އަރިމަތީ ބައްދަލުވުމުގައި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމުގެ ވާހަކަ އޮތީ ސުރުހީ އަޅައިލުމެއްގެ ގޮތުގަ އެވެ. އެތާނގައި ދެކެވުނީ ދެ ގައުމުގެ ރަހުމަތްތެރި ޕާޓްނަޝިޕްގެ ވާހަކަ އެވެ.

ހަގީގަތުގައި ރައީސް މުއިއްޒު މުޅީން ވަޒަން ކުރުމާއި އެ މަނިކުފާކުފާނުގެ "ޕްރޯ-މޯލްޑިވްސް" އަށް މިނިސްޓަރު މޫސާ ޒަމީރު ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ހުންގާނު އަނބުރާލައްވާ ގޮތް ބަލަން އިންޑިއާ އޮތީ ވަރަށް ފާރެވެރިވެ އެވެ. އިންޑިއާގެ ތިންކްޓޭންކްތަކުގެ އިންޖީނުތައް ނިވާލުމެއް ނެތި ކުރަނީ ވާނުވާ ބެލުމުގެ މަސައްކަތެވެ. ބޮޑު ރިއެކްޝަނަކާ ނުލައި ހިމޭން ޑިޕްލޮމަސީއެއް ހިންގައި މަންޒަރު ސާފުވެލައިގެން ތިބެލަން މި ވަގުތަށް އިންޑިއަށް ފުދެ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ ހާރިޖީ ވަޒީރު މޫސާ ޒަމީރު

އިންޑިއާއާ ރާއްޖެއަށް ވެސް މަޖުބޫރެއްވޭ

ރާއްޖޭގެ މާލޭން އެދޭ އެދުމަށް ނިއުދިއްލީގެ ސިފައިން އަނބުރާ ގެންދަން ރަސްމީކޮށް ރައީސް މުއިއްޒު އެދިވަޑައިގަތް ނަމަވެސް އަދި އެކަމަށް އެބަސް ވެވިފައި އޮތަސް ނެތަސް ރާއްޖޭގައި އޮތް އިންޑިއާގެ އަސްކަރީ ޕްރެޒެންސް "ބޫޓް އޮން ސޮއިލް" ނަގަން ރައީސް މުއިއްޒު ވެވަޑައގެންނެވި ވައުދުމަތީ ސާބިތުވެ ހުންނެވުން ނޫން ގޮތެއް ރައީސް މުއިއްޒަކަށް ނެތެވެ. އެކަން މަޖުބޫރެވެ. އަދި އިންޑިއާގެ މަސްލަހަތުތައް ބޮޑު ކަމުން މައްސަލައާ ދެކޮޅު ހަދައި ވާހަކަ ދައްކައި ހަލުވައި ނުގަތުމަށް އިންޑިއާށް ވެސް މަޖުބޫރެވެ. ދިވެހިރާއްޖެއާ ބެހޭ ގޮތުން އަނގަތަޅައި އުޅޭ އިންޑިއާގެ ސިޔާސީ މީހުން ވެސް މިވަގުތު އެތިބީ ހިމޭން ވެފައެވެ.

ސަބަބަކީ އިންޑިއާ ސިފައިންގެ މައްސަލަ އާއި ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުން އިންޑިއާއާއެކު ސޮއި ކޮށްފައިވާ 100 އަށް ވުރެ ގިނަ އެއްބަސްވުން ރިވިއު ކުރަމުންދާ ދިއުމާއި އޭގެ ތެރޭގައި އުތުރު ތިލަފަޅާއި ހަނިމާދޫ އާއި އައްޑޫ ފަދަ ދިފާއީ އަދި ސަލާމަތީ ދާއިރާތަކުން ހުރި ބައެއް އެއްބަސްވުންތައް ރައީސް މުއިއްޒު ރިވިއު ކުރައްވާ ވަޒަން ކުރައްވަން ވަގުތުން ބޭނުންވާތީ އެވެ.

ޗައިނާއަށް ތާއީދުކުރާ ލީޑަރެއްގެ ގޮތުގައި ސިފަ ކުރާ ރައީސް މުއިއްޒު އިންޑިއާ ސިފައިން ބާލައި ވެރިރަށް ބެއިޖިންއާ ދިމާއަށް އެނބުރި ވަޑައިގެން ލެނގި ވަޑައިގަތުމުގެ ފުރުސަތު ބޮޑުވެއްޖެ ނަމަ އެއީ ބިމުގެ ސައިޒު ކުޑައަސް ސްޓްރެޓެޖިކް ލޮކޭޝަނުގެ ސަބަބުން މުހިމުކަން ބޮޑު ދިވެހިރާއްޖޭގައި ޗައިނާގެ ނުފޫޒާ ދެކޮޅަށް އިންޑިއާއިން ކުރާ މަސައްކަތަށް ލިބޭނެ އެންމެ ބޮޑު ނާކާމިޔާބީ ކަމަށް އިންޑިއާގެ ތިންކް ޓޭންކް ތަކުން ދެކެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި މާލެ - ނިއުދިއްލީގެ ގުޅުން ވަރަށް ބޮޑަށް ކުރިލައި ހެދިފައިވާއިރު ރައީސް ސޯލިހުގެ "އިންޑިއާ ފަސްޓް" ސިޔާސަތާ ހިލާފަށް ރައީސް މުއިއްޒު ވެރިކަމުގެ ދަތުރުގެ ކެމްޕޭން ކުރެއްވީ "އިންޑިއާ އައުޓް" ޕްލެޓްފޯމެއްގަ އެވެ. ރާއްޖޭގައި އިންޑިއާގެ އަސްކަރީ ހާޒިރެއް އޮތުމުން ރާއްޖޭގެ އިސްތިގުލާލަށް ގެއްލުން ލިބިފައިވާ ކަމަށް ވިދާޅުވަމުންނެވެ.

އިންޑިއާއިން ބުނާ ގޮތުގައި އަދި ރާއްޖޭގެ ކުރީ ސަރުކާރުން ބުނާ ގޮތުގައި މާލޭން ބާލައި ފުރުވާލާ އިންޑިއާ ސިފައިންނަކީ މައިގަނޑު ގޮތެއްގައި އިންޑިއާއިން ދީފައިވާ ދެ ހެލިކޮޕްޓަރަކާއި ކަނޑުގެ ސަވައިލެންސް އާއި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކާއި މެޑިކަލް އިވެކުއޭޝަންތަކުގެ އެހީތެރިވާން ބޭނުންކުރާ ޑޯނިއާ މަތިންދާބޯޓެއް އޮޕަރޭޓްކުރާ ޕައިލެޓުންނާއި ކްރޫންނާއި ޓެކްނީޝަނުންނެވެ. އެއީ ހިއުމެނިޓޭރިއަން އެހީތެރިކަމެއް ކަމަށް ބުނި ނަމަވެސް ނަމަވެސް ރައީސް މުއިއްޒުގެ ޓީމުން މަސައްކަތް ސިފަކޮށްފައި ވަނީ "ބޫޓު އޮން ސޮއިލް" ގެ ގޮތުގަ އެވެ.

"އިންތިހާބުގެ ތެރޭގައި މި މައްސަލަ ސިފަކުރި ގޮތުން ބެލެވުނީ ރާއްޖޭގައި އިންޑިއާގެ އަސްކަރީ ވަރުގަދަ ޕްރެޒެންސެއް އޮތްހެން. އެއ އާންމު ޝުއޫރުތަކާ ކުޅުނު ކަމެއް،" ޔުނިވާސިޓީ އޮފް ވެސްޓަން އޮސްޓްރޭލިއާގެ ރިސާޗް ފެލޯ އަދި އެނަލިސްޓެއް ކަމަށްވާ އާޒިމް ޒާހިރު ވިދާޅުވި އެވެ.

ކޮޕް-28 ގައި ޗައިނާއިން ބައިވެރިވި މަތީ ފެންވަރުގެ ވަފުދުގެ އިސްވެރިޔާ، ޗައިނާގެ ފަސްޓް ވައިސް ޕްރިމިއާ ޑިންގް ޝުއެޝިއެންގް އާ، ރައީސް މުއިއްޒު ބައްދަލު ކުރައްވަނީ

އިންޑިއާ - ޗައިނާ - ރާއްޖެ: ވަށައި ބަލަބަލާ

މިދިޔަ 10 އަހަރު ތެރޭގައި އިންޑިއާ އާއި ޗައިނާއާ ދެމެދު ދިވެހިރާއްޖޭގައި "ސްޓްރެޓެޖިކް ޕްރެޒެންސް" އެއް ހޯދަން  "ޖިއޮޕޮލިޓިކަލް ހަނގުރާމަ" އެއް ސީދާކޮށާއި ނުސީދާކޮށް ކޮށްފައި ވެއެވެ. ރާއްޖެ ފަދަ ދެކުނު އޭޝިއާގެ އެހެން ގައުމުތަކުން ވެސް އެތަން ފެނިގެން ދިޔައެވެ. ރާއްޖެ އެންމެ ހާއްސަ ވަނީ މެދުއިރުމަތީގެ ގައުމުތަކުން އަންނަ ތެލުގެ ބޮޑު ބައެއް ދަތުރުކުރާ ކަނޑުގެ މުހިންމު އަނގަތައް މަތީގައި އޮންނާތީ އެވެ. 

ހަގީގަތުގައި ޗައިނާއިން ރާއްޖޭގައި ޖާގައެއް ހެދީ ރައީސް މުއިއްޒު ފޮލޯ ކުރެއްވެވި ވަރުގަދަ ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. އެ ފަސް އަހަރު މާލެ، ހުޅަނގުން އިރަށް މޫނު އަނބުރާލައި ބެއިޖިންއާ ގާތަށް ޖެހިލައި ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއާ ގުޅި ދުއްވައިގަތެވެ. ޗައިނާއިން ބޮޑެތި މަޝްރޫއުތައް ފެންވަރާއެކު ބާރު ސުޕީޑްގައި ހިންގާލި އެވެ. މާލެ އާއި ރާއްޖޭގެ ބައިނަލްއަގުވާމީ އެއާޕޯޓް ރަށް ހުޅުލެ އާއި ހުޅުމާލެ ގުޅުވާލަން ސިނަމާލެ ބްރިޖް އަޅައި ދިނެވެ. އެހެންވެސް ބައިވަރެކެވެ.

ހަމަ އެހެން އިންޑިއާއަށް ތާއީދުކުރާ ރައީސް ސޯލިހުގެ ވެރިކަމުގައި މިދިޔަ ފަސް އަހަރު ތެރޭގައި ނިއުދިއްލީގެ ނުފޫޒު ވެސް އެހައި ފުޅާވެގެން ދިޔަ އެވެ. ޗައިނާއާ ތަފާތަށް ރައްޔިތުންނަށް މައްސަލައަކަށް ވެގެން ދިޔައީ އެ ގުޅުމުގެ ތެރެއިން "ބޫޓް އޮން ސޮއިލް" ގްރޭޑަށް ރާއްޖެ ގެންދިއުމުންނެވެ. ރާއްޖޭގެ އެތެރޭގެ ކަންކަމަށް އިންޑިއާގެ ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުތައް މާ ބޮޑު ވެގެނެވެ.

ހުރިހާ ގައުމުތަކާ އެކު އެކުވެރިކަން ބާއްވައި ދުޝްމަން ކަމަކާ ނުލައި އަދި އިންޑިއާއާ ޗައިނާއާއެކު ވެސް އިންވެސްޓްމަންޓް ގުޅުންތައް ބަދަހި ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް މަސްރަހު ދިރާސާ ކުރާ ނިއުދިއްލީގެ ފަރާތްތަކުން ބުނާ ގޮތުގައި އޭޝިއާގައި ވާދަވެރި ބިޔަ ދެ ގައުމުގެ މެދުގައި މުއިއްޒު އޭނާގެ ގުޅުންތައް ބައްޓަން ކުރައްވާނެ ގޮތެއް އަދިއެއް ނޭނގެ އެވެ. 

"އަޅުގަނޑުމެން މަޑުކުރަން ޖެހެނީ ރައީސް މުއިއްޒު ލެނގި ވަޑައިގަންނަވަނީ ކޮން ދިމާއެއްގައިތޯ ބަލަން. ޗައިނާއަށް ތާއީދު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ބެލެވިފައިވާއިރު އަޅުގަނޑަށް ހީވަނީ އިންޑިއާގެ ނާޒުކު ކަންކަމަށް ވެސް ރިއާޔަތް ކުރައްވަން ޖެހި ވަޑައިގަންނަވާނެހެން،" އިންޑިއާގެ އޮބްޒާވާ ރިސާޗް ފައުންޑޭޝަންގެ ސްޓަޑީޒް އެންޑް ފޮރިން ޕޮލިސީގެ ނައިބު ރައީސް ޕްރޮފެސަރު ހަރްޝް ޕަންޓް ވިދާޅުވި އެވެ. "އިންޑިޔާ ކަނޑުގެ ސަރަހައްދުގައި ބޮޑެތި ބާރުތަކުގެ މެދުގައި ވާދަވެރިކަން ވަރަށް ބޮޑަށް ފެންނަމުންދާ ދަނޑިވަޅެއްގައި ދިވެހިރާއްޖެ ފަދަ ގައުމުތައް ވަރަށް މުހިއްމުވޭ،" 

ރާއްޖޭގެ ޖިއޮސްޓްރެޓެޖިކްގެ މުހިންމުކަން އިތުރުވަމުންދާ ކަމުގެ އެއް ނިޝާނަކީ އެމެރިކާއިން މާލޭގައި މިދިއަ ސެޕްޓަމްބަރު މަހުގައި އެމްބަސީއެއް ހުޅުވުމެވެ. އަދި އޮސްޓްރޭލިއާ އިން ވަނީ މިދިއަ މެއި މަހު އެފަދަ އޮފީހެއް ގާއިމުކޮށްފަ އެވެ.

ނިއުދިއްލީގެ ކަލިންގާ އިންސްޓިޓިއުޓް އޮފް އިންޑޯ ޕެސިފިކް ސްޓަޑީޒްގެ ބާނީ ޗިންޓަމަނީ މަހާޕަޓްރާ ވިދާޅުވި ގޮތުގައި އިންޑިއާ ސިފައިން ބާލަން ރައީސް މުއިއްޒު ގެންގުޅުއްވާ ނިންމެވުމަކީ އިންޑިއާ ދާ ހިތްލާ ފިކުރު ބޮޑުވާން ޖެހޭ ނާކާމިޔާބެއް އެކަންޏެއް ނޫނެވެ. އެއީ ކުއަޑް ގައުމުތަކަށް ވެސް ލިބުނު ނާކާމިޔާބީ އެކެވެ.  

"މި ގައުމުތަކުން ބޭނުންވީ އިންޑޯ ޕެސިފިކް ސަރަހައްދުގައި ސުލްހައާއި ހަމަޖެހުން ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެ ބައިވެރިވާން،" އޭނާ ވިދާޅުވި އެވެ.

އޮސްޓްރޭލިއާ އާއި އިންޑިއާ އާއި ޖަޕާނާއި އެމެރިކާ ހިމެނޭ ގޮތުން އޮތް ކުއަޑް ގްރޫޕްގެ މަގުސަދަކީ އިންޑިއާ ކަނޑާއި ޕެސިފިކް ސަރަހައްދުގައި ޗައިނާއާ ދެކޮޅަށް މަސައްކަތް ކުރުމެވެ. އެކަމަށް އޮތް އެންމެ މުހިންމު އެއް ޕޮއިންޓަކީ ރާއްޖެ އޮތް ލޮކޭޝަނެވެ.
ޗައިނާ އާއި ރާއްޖެއާ ގާތް ގުޅުމެއް އޮތުމަކީ އިންޑިއާ ކަނޑުގައި ޗައިނާގެ ބާރު އިތުރަށް ފުޅާ ކުރަން އެހީތެރި ވެދޭނެ ކަމެއް ކަމަށް މަހާޕަޓްރާ  ގަބޫލު ކުރައްވަ އެވެ.

ދިރާސާ ކުރާ ތިންކް ޓޭންކްތަކުން ބުނާ ގޮތުގައި ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތު ދަތުރު ކުރަނީ ކޮން ސިފައެއްގައި ކޮން ދިމާއަކަށް ކަމެއް އަދި ހަމަ ނޭނގެ އެވެ. އެކަމަކު ޔަގީންވާ ކަމަކީ ކޮމާޝަލް ޑިޕްލޮމަސީގައި ޗައިނާގެ އެހީ ނުހޯއްދަވާ ރައީސް މުއިއްޒު ނުހުންވާނެ ކަމެވެ. 

"ޗައިނާގެ އިތުރު އިގްތިސޯދީ އެހީތެރިކަން ރައީސް މުއިއްޒު ހޯއްދަވާނެ، އެކަމާ މެދު ޝައްކެއް ނެތް! އެކަމަކު އޭގެ މާނައަކީ ސްޓްރެޓެޖިކް ފެންވަރުގައި ރާއްޖެއާ ޗައިނާއާ ގާތްވެ އިންޑިއާއަށް ގެއްލުން ވުމެއް ނޫން،" ބޭފުޅަކު ވިދާޅުވި އެވެ. "އެހެން ނަމަވެސް ނިއުދިއްލީން ޖެހޭނީ އެގައުމުގެ ސިފައިން އަނބުރާ ގެންދަން އޮތް ޑިމާންޑް ގަބޫލު ކުރަން،"

އިންޑިއާ އިން އިންތިޒާރު ކުރާނީ ދިވެހިރާއްޖޭގެ އާ ވެރިކަމުގެ ސިޔާސަތުތައް ކުރިއަށްދާ ގޮތަކަށެވެ. ރާއްޖެއިން އިންތިޒާރު ކުރަނީ އިންޑިއާ ސިފައިން ބާލައި "ބޫޓް އޮން ސޮއިލް" ނެތޭށެވެ. 

ކޮމެންޓް

2
450
މުހައްމަދު އިބްރާހިމް
9 months ago

މައުލޫމާތުގެ މުއްސަނދި ކަމައި ހުށަހަޅައި ދިނުމުގެ ރީތި ކަމާއި މައްސަލަ ދެނެގެންފައިވާލެއް ބޮޑު ކަމުން މިއީ މި މައްސަލާގައި ލިޔެފައިވާ އެންމެ ފުރިހަމަ އެއް ލިޔުން ކަމާމެދު އެއްވެސް ޝައްކެއް ނެތް، ޝުކުރިޔާ މުންޑޫ އާދަމް ހަލީމް

އަލްއަމީން
9 months ago

ރަނގަޅު ލިޔުމެއް، ރިސާޗް މޮޅުކަމަށް ފެނޭ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.