ސީއެސްސީ އިން މިހާރު ވަނީ ވަގުތީ ޕާމަނަންޓް ސެކްރެޓަރީންގެ މަގާމަށް ދާއިމީ މުވައްޒަފުން ނަގަން ވެސް އިއުލާނުކޮށްފަ އެވެ.
ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަލަށް އުފެއްދި ހަތަރު މިނިސްޓްރީއަށް ވަގުތީ ޕާމަނަންޓް ސެކްރެޓަރީން އައްޔަނުކޮށްފި އެވެ.
ވަގުތީ ޕާމަނަންޓް ސެކްރެޓަރީން އައްޔަނުކޮށްފައި ވަނީ މިނިސްޓްރީ އޮފް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއާ އާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ އިތުރުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އެވެ.
މި މިނިސްޓްރީތަކަށް ވަގުތީ ޕާމަނަންޓް ސެކްރެޓަރީން އައްޔަނުކުރުމަށްފަހު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވަނީ އެކަން އިއުލާނުކޮށްފަ އެވެ.
އާ ސަރުކާރުގެ ރަސްމީ ފުރަތަމަ މަސައްކަތު ދުވަސް މިއަދު ފެށޭއިރު، ސީއެސްސީ އިން އިއްޔެވ ވަނީ ސަރުކާރުގެ އިދާރާތަކުގެ އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، އިދާރާތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ވުޒާރާތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާއި، ޕާމަނަންޓް ސެކްރެޓަރީންގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލުކުރެވޭ މުވައްޒަފުންނާ ބައްދަލުކޮށްފަ އެވެ.
ސީއެސްސީ އިން މިހާރު ވަނީ ވަގުތީ ޕާމަނަންޓް ސެކްރެޓަރީންގެ މަގާމަށް ދާއިމީ މުވައްޒަފުން ނަގަން ވެސް އިއުލާނުކޮށްފަ އެވެ. މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ވަޒީފާއަށް އެދި ހުށަހަޅަން އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.
އާ ސަރުކާރުގައި ޖުމްލަ 22 މިނިސްޓްރީއެއް އެކުލެވިގެންވެ އެވެ. އަލަށް އުފެއްދި މިނިސްޓަރީތަކުގެ އިތުރުން އާ ސަރުކާރު އައިއިރު ހުރި ގިނަ މިނިސްޓްރީތަކުގެ ނަންތަކާއި މެންޓޭޓަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.