އާރުޑީސީގެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ކުރިން ވެސް ބުނެފައި ވެއެވެ. ނަމަވެސް މައްސަލައާ ގުޅޭ އެއްވެސް ތަފްސީލެއް އޭރުވެސް ނުދެއެވެ.
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް ފުލުހުން ވެދެ ބަލައި ފާސް ކުރުމަކީ ލިބޭ އުފަލެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅު ވެއްޖެ އެވެ.
އާރުޑީސީ އޮފީހަށް ފުލުހުންގެ ފޮރެންސިކް ޓީމެއް ކޯޓު އަމުރެއްގެ ދަށުން މިއަދު ވަދެ، ގެންދަނީ އެތަން ބަލައި ފާސް ކުރަމުންނެވެ. ނަމަވެސް މި މައްސަލައިގެ އިތުރު ތަފުސީލް ފުލުހުން އަދި ވެސް ހާމައެއް ނުކުރެ އެވެ. -- މިއަދު ފުލުހުން ވަތް އިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ޓީމެއް ވެސް އާރުޑީސީގެ ތެރޭ ދިޔައީ ހަރަކާތްތެރިވަމުންނެވެ.
"މި" ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި އެތަނުގެ އިސް ވެރީން ފިޔަވާ ދެން ތިބި ހުރިހާ މުވައްޒަފުން ބޭރަށް ނެރުމަށްފަހު، ފުލުހުން ގެންދަނީ އެތަނުގެ އިދާރީ ބައެއް ލިޔެކިޔުންތައް ބަލައި ފާސް ކުރަމުންނެވެ. އަދި މިހާތަނަށް ގެންދިޔައީ އޭގެ ތެރެއިން ބައެއް ލިޔެކިޔުން ތަކެވެ.
"މި" ނޫހުން މިއަދު މޫކޭއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އާރުޑީސީއަށް ފުލުހުން ވަދެ ބަލައި ފާސް ކޮށްގެން ހޯދޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި އެހެންވެ، އެތަނަށް ފުލުހުން ވަނުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އާރުޑީއަށް ފުލުހުން ވަދެ އެތަން ބަލައި ފާސް ކުރާ ކަމުގެ މައުލޫމާތު ލިބިއްޖެ...އެއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް،" މޫކޭ ވިދާޅުވި އެވެ.
އެ މައްސަލާގައި މީގެ ކުރިން މޫކޭ ވިދާޅުވެފައި ވަނީ އޭނާ ބަލަހައްޓާ އެ ކުންފުންޏާ ބެހޭ ގޮތުން ފަތުރަނީ ދޮގު ވާހަކަތައް ކަމަށެވެ.
އާރުޑީސީގެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ކުރިން ވެސް ބުނެފައި ވެއެވެ. ނަމަވެސް މައްސަލައާ ގުޅޭ އެއްވެސް ތަފްސީލެއް އޭރުވެސް ނުދެއެވެ. އޭރު އާރުޑީސީއާ ގުޅޭ މައްސަލައެއް ފުލުހުން ބަލަމުން ނުދާ ކަމަށް އެ ކުންފުނިން ބުނަމުން ދިޔައެވެ.
މިދިޔަ އަހަރު އަހަރުތެރޭ އާރުޑީސީގެ ސީއެފްއޯ ޔާސިރު ހަސަންގެ އަމިއްލަ އެކައުންޓަށް 13.8 މިލިއަން ރުފިޔާ ވަނީ ވަދެފައެވެ. އެކަން ފުލުހުން ތަހުގީގު ކުރަން ފެށީ އެމްއެމްއޭ އިން އަންގައިގެން ކަމަށް ވެއެވެ. ނަމަވެސް އާރުޑީސީން ބުނީ އެފަދަ މުއާމަލާތެއް ހިނގާފައި ނެތް ކަމަށެވެ.
އެ ކުންފުނިން އެހެން ބުނެފައި ވަނިކޮށް އާރުޑީސީގެ މުވައްޒަފުންގެ އެކައުންޓަށް ވަދެފައިވާ ފައިސާއަކީ ޕެޓީކޭޝް ކަމަށް ސީއެފްއޯ ޔާސިރު ހަސަން ފަހުން ވަނީ ވިދާޅުވެފަ އެވެ. އެ ގޮތުން 2019 އިން ފެށިގެން މަހަކު ހަތަރު / ފަސް ލައްކަ ރުފިޔާ ޕެޓީކޭޝްގެ ގޮތުގައި ޖަމާކޮށްފައިވާނެ ކަމަށެވެ.
އާރްޑީސީއަކީ ވައްކަމާއި ހިޔާނާތުގެ މައްސަލަތަކުގެ ތުހުމަތުތައް ވަރަށް ބޮޑަށް އޮތް ކުންފުންޏެކެވެ. އެ ކުންފުނީގެ ތިޖުރީތައް ވެސް ތަކުރާރުކޮށް އެތައް ފަހަރަކު ފަޅާލަފައިވާއިރު ތިޖޫރީއެއް ގެއްލިފައި ވެއް ވެއްޖެ އެވެ. އިތުރުން އާރްޑީސީގެ އޮފީހުން ބޮޑެތު ވައްކަން ކުރުން ފަދަ އެތައް ކަންކަން ވެސް ތަކުރާރުކޮށް ހިނގާފައި ވެއެވެ.