މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވައިފި

"އަޅުގަނޑަށް ފެންނަ ފެނުމުގައި މަޖިލީހުގެ ރައީސް ކަމުގައި އަޅުގަނޑު އިތުރަށް ހުރެއްޖެނަމަ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އިން މަޖިލީހަށް ދޭ ގެއްލުން ދާނީ ބޮޑުވަމުންނެވެ. އެެހެން ކަމުް މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދެމެވެ،"

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މަގާމުން އިސްތިއުފާ ދެއްވާކަން ހާމަ ކުރައްވާ ރައީސް ނަޝީދު ވަނީ އަމީން އާންމު ފާތިމަތު ނިއުޝާ އަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި ވިދާޅުވީ މަޖިލީހުގައި މިހާރު ހިނގަމުންދާ މައްސަލައާއި އެ މައްސަލައާ ހެދި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަށް ކުރާނެ އަސަރުތަކާމެދު ވިސްނަވައިފި ކަމަށާ މަޖިލީހުގައި އަޣުލަބިއްޔަތު އޮތް ޕާޓީކަމުގައިވާ އެމްޑީޕީ އިން އެމަނިކުފާނުގެ ނަޒަރުގައި ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ނުރައްކާވާ ފަދަ އަމަލުތައް ހިނގައިފި ކަމަށެވެ.

އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދެވަނަ ފަހަރަށް ހުށައަޅާ އެމްޑީޕީން ގެންދަނީ މަޖިލީހުގެ ބާރުތައް އަބަދުގެ އަބަދަށް ހަނިވެގެންދާނެ އެންމެހާ އަމަލުތައް ހިންގަމުން ކަމަށާ މަޖިލީހުގެ ގަވައިދާ ގުޅޭގޮތުން އެމްޑީޕީން އަމިއްލައަށް ފަނޑިޔާރުގެއަށް ގޮސް މަޖިލީހުގެ މެންބަރުންނަށް ކަނޑައެޅިގެން ލިބިދީފައިވާ ބާރުތައް ހަނިކޮށްފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި މަޖިލީހުގެ ކޮމެޓީއަކުން މަޖިލީސް ހިންގުމާ ގުޅޭ ގޮތުން ލަފާ ހޯދުމަށް ބަންޑާރަ ނާއިބުގެ އަރިހުގައި ވެސް ދަންނަވާފައިވާ ކަމަށެވެ.

"މި މައްސަލާގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމްގައި ވެސް މިކަމުގެ ބިރުވެރިކަމާމެދު އަލިއަޅުވާލައްވާފައި ވެއެވެ. ސުޕްރީމް ކޯޓުން ބަޔާން ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އެތެރޭގެ ކަންކަމުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނުމަކީ ވަރަށް އިސްތިސްނާ ހާލަތެއްގައި ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި މިކަމުން ކޯޓުގެ ހުކުމްތައް ސިޔާސީ ވުމަށް މަގުފަހިވެފައިވެ ސިޔާސީ ކަންކަން ކޯޓުތަކުން ފައިސަލާ ކުރާ ބާވަތުގެ ގާނޫނީ މައްސަލަތަކަކަށް ބަދަލުވެގެން ދާނެ ކަމަށެވެ،"

ނަޝީދުގެ ސިޓީގައި މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ އަމަލުތައް މިގޮތަށް ހުރުމަކީ ބޮޑު ހިތާމަ އެއް ކަމަށާ އެއީ ދިވެހީންނަށް ވެވޭ ބޭއިންސާފެއް ކަަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި މަޖިލީހުގެ ރައީސް ކަމުގައި އަޅުގަނޑު އިތުރަށް ހުރެއްޖެނަމަ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އިން މަޖިލީހަށް ދޭ ގެއްލުން ދާނީ ބޮޑުވަމުންނެވެ. އެެހެން ކަމުް މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދެމެވެ،"

އެމަނިކުފާނުގެ ސިޓީގައި ޑިމޮކްރަސީގެ އުސޫލުތައް ދަމަހައްޓާ ރައްޔިތުންގެ މަސްލަހަތަށް ހިދުމަތް ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެމި ތިއްބަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާ މަޖިލީހުގެ ރައީސްގެ މަގާމު އަދާ ކުރުމަށް ލިބުނު ފުރުސަތަށްޓަކައި ފަހުރުވެރިވާ ކަމަށެވެ. 

"އަޅުގަނޑުގެ އިސްތިއުފާ އަކީ އަޅުގަނޑުމެންގެ ޑިމޮކްރެޓިކް ނިޒާމުގެ ތެރޭގައި ހަމަޖެހުމާއި ނަޒާހަތްތެރިކަން އަލުން އާލާކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އުންމީދު ކުރަމެވެ،" ނަޝީދުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.