މާރާމާރީ ހިނގި ކަމަށް ބުނެ އަނެއްކާ ވެސް ޖަލްސާ ހުއްޓާލައިފި

ހަރުކަށި ރާގެއް ގައި އީވާ ވިދާޅުވީ މާރާމާރީ ހިންގަވައިގެން މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެ ފުރުސަތު ނުދެއްވާނެ ކަަމަށެވެ.

މަޖިލީހުގެ ތަޅުމުގައި ޑިމޮކްރެޓުން އިހުތިޖާޖު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލާ ގައި ގޮތް ނިންމަން މިހާރު ކުރިއަށް ގެންދާ ޖަލްސާ ގައި މާރާމާރީ ހިންގާފައިވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފި އެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ނާއިބު ރައީސް އީވާ އަބްދުﷲ އެވެ. ޖަލްސާ ފެށުމާ އެކު ޑިމޮކްރެޓުން ވަނީ އިހުތިޖާޖު ކުރަމް ފަށާފައެވެ. މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޑިމޮކްރެޓުންގެ ހުރިހާ މެންބަރުން ކަހަލަ ގޮތަކަށް ތިއްބެވީ ރިޔާސަތުގެ މޭޒުކޮޅު ކުރިމައްޗަށް ވާ ގޮތަށް ކޮޅަށްތެދުވެވަޑައިގެން އަޑުގަދަ ކުރައްވާށެވެ.

އެމްޑީޕީގެ މެންބަރުންނާއި އެހެން ޕާޓީތަކުގެ މެންބަރުން ގެންދެވީ ނިޒާމީ މައްސަލަ ނަންގަވާ މަޖިލީސް ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގަންނަވަމުންނެވެ. ނަމަވެސް ނިޒާމީ މައްސަލަތައް ބަލައިނުގަނެ އީވާ ގެންދެވީ ފަހަރަކު ބޭފުޅަކަށް ފުރުސަތު އަރުވަމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި އޮތީ އިހުތިޖާޖު ކުރުން

ޑިމޮކްރެޓުން އިހުތިޖާޖު ކުރަމުން ގެންދާތީ އީވާ ވަނީ މަޖިލީހުގެ ނިޒާމު ގެއްލޭ ގޮތަށް އަމަލު ނުކުރުމަށް އެދިވަޑައިގެންފައެވެ. ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށް ނަސޭހަތްތެރިވެ ވަޑައިގަތެވެ. އަދި އޭގެ ފަހުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ވެސް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

އީވާ ވެސް ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ މެންބަރުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން ގެންދެވިއިރު އެކަމަނާ އިންނެވީ އުފާވެރި ކަމުގެ މިޖާޒެެއް ގައި ހިނިތުންވެލައިގެންނެވެ.

އޭގެ ފަހުން އީވާ ވަނީ އިލްޔާސް ލަބީބުގެ ނަން އިއްވާފައެވެ. އަދި އިލްޔާސް ތަޅުމުން ވަޑައިނުގަންނަވަނީސް ޖަލްސާ ކުރިއަށަް ނުގެންދަވާނެ ކަމަށް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި އޮތީ އިހުތިޖާޖު ކުރުން

އޭގެ ކުޑައިިރުކޮޅެއްގެ ފަހުން އަލުން ވާހަކަ ދައްކަވަން ފައްޓަވާ އީވާ ވިދާޅުވީ މަޖިލީސް ތެރޭގައި މެންބަރުން މާރާމާރީ ހިންގަވަމުން ގެންދަވާ ކަމަށެވެ. އެ ގޮތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ، މެންބަރު އިލްޔާސް ލަބީބުގެ ގައިކޮޅަށް އަތްލައްވާ މާރާމާރީ ހިންގެވި މަންޒަރު ފެނިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި ހަރުކަށި ރާގެއް ގައި ވިދާޅުވީ މާރާމާރީ ހިންގަވައިގެން މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެ ފުރުސަތު ނުދެއްވާނެ ކަަމަށެވެ. އަދި މަޖިލީހުގައި އެވަގުތު ނިޒާމު ނެތް ކަމަށް ވިދާޅުވެ ޖަލްސާ މެދުކަނޑާލަން އިއުލާނު ކުރެއްވި އެވެ.

އެހެން ދުވަސްތަކާއި ހިލާފަށް އީވާ ވިދާޅުވީ މެދުކަނޑާލި ޖަލްސާ ދެން ފަށާނެ ވަގުތެއް ވެސް އަންގަވާނީ ސީދާ އެކަމަނާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.