ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު ހަލީލާއި ލަތީފަށް

މުޅިން އަލަށް ދެވުނު މި ޝަރަފު ދެ ބޭފުޅުންނަށް އަރުއްވައިދެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލަށް ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަރުއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލަށާއި، ފޮރިން ސެކްރެޓެރީ ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ލަތީފަށް އަރުއްވައިފި އެވެ.

މުޅިން އަލަށް ދެވުނު މި ޝަރަފު ދެ ބޭފުޅުންނަށް އަރުއްވައިދެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި މި ދެ ބޭފުޅުންނަށް ރައީސް އެރުއްވީ މެޑެއްޔަކާއި، އައްޑަނައަކާއި، ހަނދާނީ ލިޔުމެކެވެ. މި ބޭފުޅުންނަކީ ހާރިޖީ ދާއިރާގައި ވަރަށް ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވުމަށްފަހު، މަގާމުން ވަކިވެވަޑައިގަންނަވާ ދެ ބޭފުންނެވެ.

ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވި ހަލީލަކީ ހާރިޖީ ދާއިރާގައި ހިދުމަތް ކުރައްވަމުން ގެންދަވާތާ 41 އަހަރަށްވުރެ ގިނަ ވެފައިވާ ބޭފުޅެކެވެ. މެދުނުކެނޑި މި ދާއިރާގެ އެންމެ އާދައިގެ މަގާމުތަކުން ފެށިގެން އެންމެމަތީ ފަންތީގެ ގިނަ މަގާމުތަކެއްގައި ފުރުއްވާފައިވާއިރު، މި ދާއިރާއއަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާ މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަ އެވެ. 

ހަލީލު ރާއްޖޭގެ ހާރިޖީ ދާއިރާގެ ހިދުމަތާ ގުޅިވަޑައިގެފައި ވަނީ ޑިސެންބަރު 22، 1981 ގައެވެ. އެބޭފުޅާ ފުރަތަމަ އަދާކުރެއްވީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އިނގިރޭސި ސެކްރެޓެރީގެ ވަޒީފާ އެވެ. މި ދާއިރާގައި އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައި ވަނީ އ.ދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގަ އެވެ. 

ފޮރިން ސެކްރެޓެރީ އަހުމަދު ލަތީފަށް ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަރުއްވަނީ -- ފޮޓޯ: ރައީސް އޮފީސް

މި ޝަރަފު އެރުވި ފޮރިން ސެކްރެޓެރީ އަހުމަދު ލަތީފް މި ދާއިރާގައި ހިދުމަތް ކުރައްވަން ފައްޓަވާފައި ވަނީ ނޮވެންބަރު 26، 1981 ގައެވެ. ފުރަތަމަ އަދާކުރެއްވީ، އޭރުގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ އެސިސްޓެންޓް އަންޑާ ސެކްރެޓެރީ ކަމުގެ މަގާމެވެ. މި ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަކުރައްވާފައިވާ ލަތީފަކީ ދޭދޭ ގައުމުތަކާއި، ބައިނަލްއަގްވާމީ ޖަމިއްޔާތައް އަދި ހާއްސަކޮށް ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ފަދަ ސަރަހައްދީ ޖަމިއްޔާތަކާއެކު ރާއްޖޭގެ ގުޅުން ބަދަހިކުރެއްވުމުގެ މަސައްކަތުގައި އުޅުއްވި ބޭފުޅެކެވެ. 

ލަތީފަކީ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓާ ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓާ ކަމުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި، 2004 ވަނަ އަހަރު އިންޑިއާގެ ނިއުދިއްލީގައި ރާއްޖޭގެ ރެޒިޑެންޓް މިޝަން ގާއިމް ކުރިއިރު، ޑެޕިއުޓީ ހައިކޮމިޝަނަރުގެ މަގާމު ވެސް ފުރުއްވި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މި ދެބޭފުޅުންނަށް ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމަށް ރައީސް ނިންމެވީ، ދިވެހި ދައުލަތުގެ އެންމެމަތީ މަސްލަހަތު ހިފެހެއްޓެވުމަށާއި، އަދި ބޭރު ގައުމުތަކާއި، ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކާއި، ރާއްޖެއާ ދެމެދު އުފެދިފައިވާ ގާތް ގުޅުން ބަދަހިކުރެއްވުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި ކުރިއެރުމަށް ކުރައްވާފައިވާ މުހިންމު މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.