ހައިރާން ނުވޭ ؛ މީ ވަޒީރުކަމަށް ޑިޒައިންވެ ފަައްކާވެފައިވާ ބޭފުޅެއް

އަސްވާޑް ސްކޫލު ނިންމަވާލެއްވީ 2007 ވަނަ އަހަރު އެވެ. ހަމަ އެ ދުވަހު އޭނާއާ އަޅުގަނޑާ ބައްދަލުވި އެވެ. ފުރަތަމަ އޭނާ ބޭނުންފުޅުވީ ނޫސްވެެރިކަމުގެ ދާއިރާއިން ކުރިޔަށް ވަޑައިގަތުމަށް ހަވީރާ ގުޅި ވަޑައިގަންނަވާށެވެ.

ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)

ދިވެހި ސިފައިންގެ ތެރޭން ޖާހިލު ވެގަތް ބަޔަކު މާފުށީ ޖަލުގައި އެ ތެޅި ތެޅީނުން މ. އޭޝިއާ ހަސަން އީވާން ނަސީމް މާރާލައިގެން ސެޕްޓެމްބަރު 19، 2003 ގައި އޭނާ މާލެ ގެނައުމުން "ކަފުން ކަފާލައިގެން" އާއިލާއިން ހަށިގަނޑު ނެގި އިރު އެއްވެފައިވާ މީހުންތައް ފަޅަމުން، ފޭ ކުރަމުން ކުޑަ ކުއްޖަކު އެތެރެއަށް ވަދެވޭތޯ އުޅުނެވެ؛ އަޅުގަނޑު މީ އެ ހަދިސާ ކަވަރު ކުރާން "ހަވީރު" ނޫހުން ދިޔަ މީހާ އެވެ. އެތެރެއަށް ދެމިގަންނާން އުޅުނީ ދަރުމަވަންތަ ސްކޫލްގެ 13 އަހަރަށް ދާ ދަރިވަރެކެވެ. ނޫހަށް ކަމުދާ ހަބަރަކަށް ނުވެގެން އެ ދުވަހު އަޅުގަނޑު ލިޔުނު ހަބަރު ކޮށައި ބުރިބުރި ކޮށްލީ އެވެ. އޭގެ ފަހުން އައި ޑިމޮކްރެޓިކް މޫވްމެންޓްގެ ތެރޭން އުފެއްދި "މިނިވަން" ނޫހުގައި އެ ދުވަހުގެ ވާހަކަތައް "އަސްވާޑް" ގެ ނަމުގައި މީހަކު ލިޔަމުން ދިޔައެވެ. އަދި އެ ދުވަސްވަރު މާލެތެރޭގައި ހިނގަމުން ދިޔަ ހުރިހާ ހަރަކާތެއްގެ ތެރެއިން އެ ކުޑަ ކުއްޖާ ފެނެ އެވެ. މާލެތެރޭގައި ސިޔާސީ، އެއްވެސް ކަމެއް ހިނގައިގަތަ އޭނާ ހުރެ އެވެ.

އެއީ އިބްރާހިމް ވަހީދު (އަސްވާޑް) އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރެވެ. ޒުވާނެކެވެ - ޒުވާނުންގެ ވަޒީރެވެ. އުމުރުން 33 އަހަރެވެ. 

އަސްވާޑް އަދި އާއިލާގެ އެހެން ދެ މެންބަރަކާއެކު ކުޑައިރު

ރައީސް މުއިއްޒުގެ ކެބިނެޓް ޕޯޓްފޯލިއެއް އަސްވާޑަށް އަރުވައިގެން އެކަމާ "... ކައިރި ނުވެގެން" ބަޔަކު ހައިރާނެއް ވެގެން ވެސް ހަމަ އުޅެއެވެ. އެހެންބަޔަކު އެކަމާ ކަންބޮޑުވެ ހިތްފަޅައިގެންދާތީ ވެސް އުޅެ އެވެ.

އަޅުގަނޑަށް ފެންނަ ތަނުގައި އެއަކީ ރައީސް މުއިއްޒުގެ ފަރާތްޕުޅުން އައި، ބަޔަކު ހައިރާނެއް ވާންވީ، އަދި ކަމެއް ބޮޑުވާންވީ ނިންމެވުމެއް ނޫނެވެ. ރައީސް މުއިއްޒަކީ މިދިއަ 11 އަހަރު ތެރޭގައި "ރަނާ" އެއް އަދި "ޑުއާ" އެވެ. ނޫސްވެރިކަމުގައި ފެނުނު އަސްވާޑަކީ މިދިއަ 18 ވަރަކަށް އަހަރުގެ ތެރޭގައި "ރަނާ" އެއް އަދި "ޑުއާ" އެކެވެ. ރައީސް މުއިއްޒު ފަދަ ސިޔާސީ ވެރިޔަކަށް ބޭނުންފުޅުވެ ވަޑައިގަންނަވަނެ ހުރިހާ މެޓީރިއަލެއް އަސްވާޑް ކިބައިގައި ހަމަވެ އެވެ.

ބައެއް މީހުން ބުނާ ގޮތުން އަސްވާޑް ކަމެއް ކޮށްލެއްވީ އެވެ؛ އެއީ އޭނާގެ ޓީވީީ ޗެނަލް ރައީސް މުއިއްޒަށް ހުސް ކުރެއްވީ އެވެ. އަޅުގަނޑު ދުށް ތަނުގައި ރިޔާސީ އިންތިހާބުގައި މުޅި މީޑިއާއިން އެކަން ކުރި އެވެ. ތަފާތެއް އައިނަމަ އައި ކަމަކީ ރިޔާސީ އިންތިހާބެއްގައި މުޅި މީޑިއާއިން ރާވައިދޭން ޖެހޭ ޕްރެޒިޑެންޝަލް ޑިބޭޓެއް އަސްވާޑްގެ ސަންގުން ބާއްވައި ދިނުމެވެ. އަސްވާޑް އިސްވެ ސަންގުން އެކަން ކުރުމުން މުޅި މީޑިއާގެ މައްޗަށް އޮތް އެ ފަރުލު އަދާވީ އެވެ. 

އަސްވާޑު އޭނަގެ އެންމެ ޒުވާން ދުވަސްވަރު އަޑު އުފުލުމެއްގައި

އަސްވާޑަށް މިނިސްޓަރުކަން ލިބިވަޑައިގަތީ ތަބަކުގައެއް ނޫނެވެ. އެމްބިޝަނެއް އޮވެގެން ޝައުގުވެރި ކަމާއެކު ގަދަ އަޅައި ކުރިއަރައި ދާން މަސައްކަތް ކުރައްވައިގެން ފުރަސަތާ ހަމައަށް ވާސިލުވެ ވަޑައިގަތީ އެވެ. އޭނާ ޖަވާބު ދެއްވަމުން ގެންދެވީ ޝަކުވާއަކުން ނޫނެވެ. އޭނާ ޖަވާބު ދެއްވީ މަސައްކަތާއި ނަތީޖާއިންނެވެ. 

އަސްވާޑަކީ އަޅުގަނޑުގެ މިތުރެއް ނޫނެވެ. އެކަމަކު ފަރިތަ ބޭފުޅެކެވެ؛ ދެމެދުގެ ގުޅުމެެއް އޮތިއްޔާ އޮތް ގުޅުމަކީ މިނިސްޓަރު އަސްވާޑް، ދިވެހި ނޫސްވެރިންގެ އާއިލާއަށް ނިސްބަތްވެ ވަޑައިގަތުމެވެ. ނޫސްވެރިއެއް ގޮތު އަޅުގަނޑު ހޭދަ މިކުރާ ދިގު ޒާމާނުގައި އަސްވާޑްގެ އުމުރުން 13 އަރުން ފެށިގެން އަޅުގަނޑަށް އޭނާ ފާހަގަވެ ދެކޭން ފެށިފައި އޮތް އޮތުމެކެވެ. 

އެންމެ ފުރަތަމައިނުން އަޅުގަނޑު ލޮލުގައި އަސްވާޑް އަޅައިގަތީ ދަރުމަވަންތަ ސްކޫލްގައި އުފެދުނު "ސިޔާސީ ހަރަކާތެއް" މީޑިއާއާ ހަމައަށް ތިލަ ވެގެން އައި ދަނޑިވަޅެއްގަ އެވެ. އެ މައްސަލައަކީ ހަމަ ހެޔޮވަރު ސިޔާސީ މައްސަލަ އެކެވެ.

އީވާން ނަސީމް މަރާލުމާއި ޖަލުގައި ބަޑި ޖެހުމާއި އެމްޑީޕީ އުފެދޭން ދިއުމާއި، މިނިވަން ބަހުސްތައް ފެށުމާއި "ތޮށިގަނޑުފަޅާލާފައި" ނުކުތުމުގެ މަރުހަލާތަކުގައި ފެށި އިސްލާހީ މަސައްކަތުގެ ތެރޭން އޭރު އޮތީ 2004 އޯގަސްޓް ބާރަތޭރައިގެ ދެ ދުވަސް އައިސް ސިޔާސީ ގަޑުބަޑުތަކެއްގައި މާލެ ރަނގަޅަށް ވަރުއަރާފަ އެވެ.

އަސްވާޑާއި އާއިލާ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު

ދަރުމަވަންތައިގައި ސިޔާސީ "ރަށްގުޑުމެއް" އައީ ސްކޫލްގެ ސްޕޯޓްސް ކެޕްޓަނަކަށް އަސްވާޑް ކުރިމަތިލެއްވުމުން ނެގި ވޯޓް ނަތީޖާއަށް ފަހު އައި މައްސަލަތަކާ ދެކޮޅަށް އަސްވާޑް ވަކާލާތު ކުރައްވާ އަޑު ހަރު ކުރެއްވުމުންނެވެ. މައްސަލައަކީ މިއީ އެވެ. ހޮވަނީ ވޯޓްގެ 40 ޕަސެންޓާއި ސްކޫލް މެނޭޖްމެންޓުން ދޭ 60 ޕަސެންޓުން ކަމަށް ހެދުމެވެ. އަދި ވޯޓް ނަތީޖާގައި އަސްވާޑް ބޮޑު ތަފާތަކުން އެއްވަނައިގައި އޮއްވާ ސްކޫލް މެނޭޖްމެންޓުގެ މާކުހުން އަސްވާޑް ތިން ވަނައަށް ސޮއްސާލި ގޮތެއް ނޭނގިގެނެވެ. އަސްވާޑް ވަކާލާތު ކުރެއްވީ އެކަން ސާފު ކުރައްވާށެވެ. 

އޭނާ ގޮވާލަމުން ދިޔައީ އިންސާފު ކޮބައި ހެއްޔެވެ؟ ވޯޓުގެ އެއްވަނައަކީ ދަރިވަރުންގެ ހޮވުމަކަށް ނުވަންޏާ ވޯޓެއް ލުމުގެ މާނައެއް ކޮބައި ހެއްޔެވެ؟ އެއީ ޑިމޮކްރެޓިކް ހަމައެއް ނޫނެވެ. އެއީ އަދުލުވެރި ގޮތެއް ނޫނެވެ. އަސްވާޑް އިސްވެ އިހުތިޖާޖެއް ކުރެއްވެވި އެވެ. އޭރު ރާއްޖޭން ބޭރުގައި ފޮރުވިގެން ތިބެ ނެރެމުން ދިޔަ "ދިވެހި އޮބްޒާވަރާ" ހަމައަށް އެ ހަބަރު ފޯރި އެވެ. މުޅި ދަރުމަވަންތަ ސިޔާސީ ކަންތައްނޑެއްގެ ތެރޭގައި އޮތް އިރު ނޫސް ހައްދަވައިގެން އެކަން ކަމަށް ފާޑު ވިދާޅުވެ އަސްވާޑް ނޫސް ނެރުއްވެވި އެވެ. 

އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ ޒަމާނެކެވެ. އަދި އެ ޒަމާން ފަސްދީފައިވާތީ މިހާރު މި ވާހަކަ ބުނެލުމަކުން މައްސަލައެއް ވެސް ނެތެވެ؛ 2004 ވަނަ އަހަރު ދަރުމަވަންތައިގައި ވަރަށް މަޝްހޫރުވެ އަދި މާލެތެރެއަށް ބޭރުވި "ބްލެކް ދަރުމަ" އަކީ ދަރިވަރުންގެ ހައްގު ހޯއްދަވައި ދެއްވަން ޓީޗަރުންނާ ސްކޫލްގެ މެނޭޖްމެންޓް ހަދާ ގޯހާއި ވައްކަމަށްވާ ކަންކަން ފަޅާ އަރުވަން އަސްވާޑްގެ ދައުރެއް އޮވެގެން ކުރި މަސައްކަތެކެވެ.

އަސްވާޑް ސްކޫލު ނިންމަވާލެއްވީ 2007 ވަނަ އަހަރު އެވެ. ހަމަ އެ ދުވަހު އޭނާއާ އަޅުގަނޑާ ބައްދަލުވި އެވެ. ފުރަތަމަ އޭނާ ބޭނުންފުޅުވީ ނޫސްވެެރިކަމުގެ ދާއިރާއިން ކުރިޔަށް ވަޑައިގަތުމަށް ހަވީރާ ގުޅި ވަޑައިގަންނަވާށެވެ. އަޅުގަނޑުގެ "ޖޫނިއާ ކަމުން" އެކަމުގައި އެހީއެއް ވެދެވޭނެ ގޮތެއް ނެތުމުން ހަމަ އެ ދުވަހު އަސްވާޑް ގުޅިވަޑައިގަތީ އޭރުވެސް "އަސްވާޑް" ގެ ނަމުގައި އޭނާ ސިއްރުން ލިޔުއްވަމުން ގެންދެވި "މިނިވަން" ނޫހާ އެވެ. 

އެހައި ތަނުން ފާޅުގައި މީހުންގެ ލޮލު އަސްވާޑް އަޅައިގަތީ އޭޕްރީލް 15، 2007 ގައި ސ. ނާޒުކީގޭ ހުސައިން ސޮލާހު ފުލުހުގެ ހައްޔަރުގައި ހުއްޓާ "މާރާލައި މޫދަށް އެއްލާފައި" އޮއްވާ ފެނުނު މައްސަލައިން އުފެދުނު ބޮޑެތި ގިނަ ބައިވަރު ހާދިސާ އާއި މުޒާހަރާތައް ކަވަރު ކުރެއްވުމަށް ނުކުންނެވުމުންނެވެ. 

އަސްވާޑް ބަދަލު ކޮށްލެއްވީ ނަޝީދު

ރޭ މެންދަމެެއްވެފައި ހުއްޓާ އަޅުގަނޑު ބައެއް ވާހަކައިން ސުވާލު ދަންނަވާލާން މިނިސްޓަރު އަސްވާޑަށް މެސެޖެއް ފޮނުވާލުމުން އެ މެންދަމު ގަޑީގައި އަޅުގަނޑާ ގުޅުއްވެވި އެވެ. އަދި ވިދާޅުވި އެވެ:

"ސްކޫލް ނިންމި ދުވަހު އެހެން ކުދިން ދިޔައީ ޔުނީފޯމް ލައިގެން ކުލަ ޖަހަން، އަޅުގަނޑު ޔުނިފޯމް ބާލާފައި މަޑު ނުވެ ދިޔައީ މިނިވަން ނޫހަށް! މިނިވަން ނޫހަށް ރަސްމީކޮށް ވަދެވުނީ އެ ހިސާބުން... އޭގެ ކުރިން ވެސް އެ ނޫހުގައި އަޅުގަނޑު ލިޔަން. އަދި ލިޔާ އެއްޗެހީގައި ނަމެއް އޮންނާން ޖެހޭތީއާ ސްކޫލްގައި އުޅެމުން 'އިބްރާހިމް ވަހީދު' ނުޖެހޭނެތީ ޕެން ނަމެއްގެ ގޮތުގައި ގޭގެ ނަން 'އަސްވާޑް' ޖަހަމުން ދިޔައީ... އެތަނުން ކޮންމެވެސް މީހަކު ގެއަށް ކިޔަނީ ކޮން ނަމެއްހޭ އެއްސެވުމުން 'އަސްވާޑް' އޭ އަޅުގަނޑު ދެންނެވީމާ އެ ނަން ބޭނުން ކުރީ ... ފަހުން ރަސްމީވި ހިސާބުން 'އިބްރާހިމް ވަހީދު (އަސްވާޑް) އަށް ބަދަލު ވެގެން ދިޔައީ... އެދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އަޅުގަނޑު މީއީ އަސްވާޑް.. އާދެ އަޅުގަނޑަށް ރައީސް މުއިއްޒު ވަޒީރުކަން ދެއްވައިފި، އެކަމަކު އަޅުގަނޑު މީ ހަމައަށް އަދުލަށް އިންސާފަށް، ރަނގަޅަށް ވާކާލަތުކޮށް ލިޔެ އުޅުނު އަސްވާޑް އިނގޭތޯ!"

ފަހުން އަސްވާޑް ވަނީ ޖާނަލިޒަމްގެ ދާއިރާއިން ޑީގްރީ ހާސިލު ކުރައްވާފަ އެވެ. އަސްވާޑް ވިދާޅުވި ގޮތުގައި އޭނާއަށް ނޫސްވެރިކަމުގެ ޑިގްރީއެއް ހާސިލު ކުރެއްވުނު ނަމަވެސް ހަގީގީ ނޫސްވެރިއަކަށް އަދި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާ މީހަކަށް ވެސް ރައްޔިތުންނަށް ހިދުމަތް ކުރާނެ މީހަކަށް ވެސް އޭނާ މުޅީން ބަދަލު ވެގެން އައީ މިނިވަން ނޫހުގެ ތެރެއިންނެވެ. ހާއްސަކޮށް އެ ނޫހުގެ ބާނީ ރައީސް މުހައްމަދު ނަޝީދު ނަންގަވައި ދެއްވި ނޫސްވެރިކަމާއި ސިޔާސީ ފިލާވަޅުތަކުންނެވެ. 

މިނިސްޓަރު އަސްވާޑާއި އަނބިކަނަބަލުން

އަސްވާޑްގެ ޑިގްރީ މެދުކެނޑުމަކަށް ވެސް ދިޔައެވެ. ނަމަވެސް ފަހުން ކޮންޓިނިއު ކުރައްވާ ނިންމާލެވީ އެންމެ މޮޅު ދަރިވަރުގެ ގޮތުގަ އެވެ.

ފޯނުން ވާހަކަ ދައްކާލަން ފުރުސަތެއް ލިބުނު ނަމަވެސް ރައީސް މުއިއްޒު، އަސްވާޑާ ހަވާލު ކުރެއްވި ގައުމީ ޒިންމާތަކުގެ ވާހަކަ އަޅުގަނޑު ނާހަމެވެ. ދެތިން ސުވާލެއް ދަންނަވާލީ އަސްވާޑްގެ ނޫސްވެރި ކަމުގެ ބައެއް ވާހަކައިންނާ ސިޔާސީ މަސައްކަތުގެ ޝައުގުވެރި ކަމުގެ ވާހަކައާ، ނޫސްވެރިވެރިއެއްގެ ފައިވާނުގައި ހުންނަވަނިކޮށް ބަޔަކު އޭނާ ކުރިމައްޗަށް އަރައި ރަހުމް ކުޑަގޮތަކަށް ދަގަނޑުބުރިއަކުން ޖަހައި އަނިޔާކޮށް ފުރާނަ ދުއްވާލަން ދިން ހަމާލަގެ ވާހަކައިންނެވެ.

މުޒާހަރާއެއްގެ ތެރޭގައި އަސްވާޑަށް އަނިޔާކޮށް ވައްޓާލާފައި

"ނޫސްވެރިކަމުގެ މަސައްކަތުގައި ވެސް އަދި ސިޔާސީ މަސައްކަތުގައި ވެސް ރައީސް ނަޝީދު ނަންގަވައި ދެއްވި ވަރުގެ ފިލާވާޅުތަކެއް ޔުނިވާސިޓީއަކުން ވެސް އަޅުގަނޑަކަށް ނުލިބޭ... އޭރު ރައީސް ނަޝީދު ވަޑައިގަންނަވާނެ މިނިވަން ނޫހުގެ ނިއުސް ރޫމަށް... އަޅުގަނޑު ވަރަށް ވެސް ކުޑަ އަދި އުމުރަށް ވުރެ ވެސް ހަގު ކަމަށް ދައްކާ ސައިޒުގެ ގޮތުން، އެހެންވެ ރައީސް އައްސަވާނެ މީ ކޮން ކުއްޖެއްހޭ ވެސް.." ރާއްޖޭގެ އެންމެ މަތީފެންވަރުގައި ނޫސްވެރިކަން ކުރެއްވެވި ނޫސްވެރިޔާ ވިދާޅުވި އެވެ.

މުޒާހަރާއެއްގެ ތެރެއިން އަަސްވާޑަށް އަމާޒު ފުލުހުން ކަރުނަ ގޭސް ޖެހުމުން މޫނު މައްޗަށް ކިރު އޮއްސަނީ

އަސްވާޑް ވިދާޅުވި ގޮތުގައި ރައީސް ނަޝީދު ވަރަށް ބޮޑަށް ބޭނުންފުޅު ވެގެން އުޅުއްވެވީ ސިޔާސީ ދާއިރާއަށް ލޯ ހުޅުވޭ މުރާލި ނޫސްވެރިންތަކެއް ހޯއްދަވާށެވެ. ހާއްސަކޮށް ވަރަށް އެގްރެސިވްކޮށް ޖައްސާ ނޫސްވެރިން ހޯއްދަވާށެވެ. އެމްޑީޕީގެ އޮފީހަށް ކޮންމެ ދުވަހުކު އޭނާ ގެންދަވައި ނޫސްވެރިކަމުގެ ފިލާވަޅުތައް ނަގައި ދެއްވަނީ އަދި ޕޮލިޓިކްސްއާ ނޫސްވެރިކަމާ ގުޅުވާލައްވައިގެނެވެ. ރައީސް ނަޝީދު އެ ފިލާވާޅުތައް ކޮންމެ ދުވަހަކު ދެއްވާއިރު އެތާނގައި އެވަރުގެ އެހެން ސިޔާސީ ބޭފުޅެއް ކަމަށްވާ އިބްރާހިމް ހުސައިން ޒަކީ އިންނަވެ އެވެ. ދެ ބޭފުޅުންގެ ފަރާތްޕުޅުން ސީޔާސީ ރޭވުންތަކުގެ ކުޅިބައެއް އަސްވާޑަށް ހަދިޔާ ކުރެއްވި އެވެ.

"މިހާރުވެސް އަޅުގަނޑުގެ މީޑިއާ މަސައްކަތުގައި ވެސް އަދި އަޅުގަނޑުގެ ސިޔާސީ މަސައްތުގައި ވެސް ފެންނަ އެގްރެސިވް ޕުޝްއަކީ ރައީސް ނަޝީދުގެ ފިލާވަޅު! ޒަކީގެ ދެއްވި ސިޔާސީ އިރުޝާދުތައް، އެއީ މުޅީން އެހެން ލެވެލެއް،" ޒުވާން މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ވެރިކަން ލިބި ވަޑައިގަތުމުން އެ މަނިކުފާނަށް މަދަހަ ސަނާ ކިޔާނެ ނޫހެއް ބާއްވަން ބޭނުންފުޅު ނުވެގެން "މިނިވަން" ނޫސް ހުއްޓާލީ އެވެ. އޭގެ ތެރޭގައި އުޅުއްވި ބޭފުޅުން ކޮޅެއް އެކުވެގެން "ހާމަ" އިގެ ނަމުގައި ރައީސް މައުމޫންގެ "ނިއު މޯލްޑިވްސް" ޓީމަށް ނޫހެއް އުފައްދައި ދިން އިރު އޭގެ ތެރޭގައި އަސްވާޑް ހިމެނި ވަޑައިގަތެވެ. އެތާނަގައި ވެސް އަސްވާޑަށް ދިޔައީ ސިޔާސީ ފިލާވަޅުތައް ލިބެމުން ނެވެ. ފަހުން އެ ނޫސް ގާސިމް އިބްރާހިމް ބައްލަވައިގަތުމުން ގާސިމްގެ ފަރާތްޕުޅުން ވެސް ދަސްވެ ވަޑައިގަތީ ސިޔާސީ ކަންކަމެވެ.

"މީހަކު އުފެދެނީއަކީ ޓީވީއެއް ހަދައިގެނެއް ނޫން! ޓީވީއަށް އަރައިގެނެއް ވެސް ނޫން! އަޅުގަނޑު ދަންނަވަފާނަން އަޅުގަނޑު ހާމަ ނޫހުގައި ހުރި އިރުވެސް އޮތް މަޝްހުރޫކަމެއް އޮތީ... އޭރު ބާއްވަމުން ދިޔަ ނޫސް ކޮންފަރެންސްތަކުގައި އަޅުގަނޑު ސުވާލުތައް ކުރަމުން ދިޔަ ގޮތުންނާ ކޮންމެތަނަކަށް އަޅުގަނޑު ގޮސް ހުރިހާ މައްސަލައެއްގެ ތެރެއަށް ވަދެ، ކެރިގެން ވަރުބަލިނުވެ އުޅުމުން ކަމެއް ހާސިލުވީ... އަޅުގަނޑު ޑީއާރްޕީގެ ނޫސް ކޮންފަރެންސަށް ދާއިރު އަލީ ސޯލިހުމެން ތިއްބަވާނީ ދޮރުކަނީގައި އަތް އަޅުއްވައިގެން އަޅުގަނޑު ނުވައްދަން ވެގެން! އަލީ ވަހީދުމެން މައިކް އަތުލައްވާނެ، ކޮއްޕާ އަޅުގަނޑު ބޭރަށް ނެރޭނެ... ދެން ސުޕްރީމް ކޯޓުން ވެސް އަޅުގަނޑު ނެރެ ބޭރު ކޮށްލި... އެއަކީ ޓީވީއަކަށް އަރައިގެނެއް ވީކަމެއް ނޫން... ކުރަންޖެހޭ ކަމަކީ ޖާނަލިސްޓެއްގެ ޕްރޮފެޝަންގައި ރަނގަޅު އިހުލާސްތެރި މަސައްކަތެއް ކުރުން އަޅުގަނޑު ނުދަންނަވަން އެ މަރުހަލާގައި ހުރިހާ ކަމެއް އަޅުގަނޑަށް ޕްރޮފެޝަނަލްކޮށް ކުރެވުނެކޭއެއް ... އެކަމަކު ޝަކުވާ ނުކޮށް ނަތީޖާއިން ޖަވާބު ދިނިން،.. އަޅުގަނޑު މީސާލަކަށް ދައްކަންޏާ ހަވީރު ނޫހުގައި މަސައްކަތްކޮށް ވިދާލި ބޮޑެތި ނަންތައް އަދިވެސް ވިދުން ނުކެނޑި ކުރިޔަށް އެ ދަނީ ކޮން ޓީވީއަކަށް އަރައިގެންތޯ؟ އަޅުގަނޑަށް ހީވަނީ ފަހުން އައި ޖެނަރޭޝަން މާ ބޮޑަށް ޓީވީއަށް ފޯކަސް ބެހެއްޓީހެން އެކަމަކު އެއީ އެކަން އޮތް ގޮތެއް ނޫން އެއީ އަދި ނޫސްވެރިކަމެއް ވެސް ނޫން،"

ފެބުރުއަރީ 7، 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ މާލެތެރެއަށް އައި ބޮޑު ސިޔާސީ ހާދިސާތަކާއެކު އަސްވާޑްގެ ނޫސްވެރިކަމުގެ ޕްރޮފެޝަންގެ ތެރޭން ސިޔާސީ މަސައްކަތުގެ އުންމީދެއްގެ ގޮތުގައި ބޮކި ދިއްލޭން ފެށި އެވެ. އަދި އެ ދުވަސްވަރު ރައީސް އޮފީހުގައި ބޭއްވި ޕްރެސްތަކުގައި "އަޒާނެއް" ހެން އަސްވާޑް ވިދައިގަތެވެ. ވަކީން ހާއްސަކޮށް ރައީސް ވަހީދާ ސުވާލު ކުރައްވާ "މަނިކުފާނު ތިޔަ ހުންނެވީ ފިސާރި ބަޣާވަތެއް ކުރައްވައިގެން ނޫންތޯ؟ އިސްތިއުފާ ދެއްވާކަށް ގަސްދެއް ނުކުރަންވަންތޯ؟" ދިމާއަށް އައްސަވައިގެން އާންމުންގެ މަގުބޫލުކަން ހޯއްދެވި އިރު އެތާނގައި އޭނާ ތަމްސީލު ކުރެއްވީ ކޯލިޝަންގެ ޕާޓްނަރު ގާސިމް އިބްރާހިމްގެ "ހާމަ" ނޫހަށް ވެގެން މުސާރާ ލިބޭ ގޮތަށް، އެކަމަކު ދާނެ އިވެންޓަށް ނުލިބޭ ގޮތަށް ސަސްޕެންޑް ކުރި އެވެ.

އޭގެ ފަހުން ދެން ރައީސް ނަޝީދުގެ އެދިވަޑައިގަތުމަށް "މޫން ލައިޓް" ގެ ނަމުގައި އޭރު ނަޝީދު ނެރުއްވަމުން ގެންދެވި ނޫހެއްގައި މަސައްކަތް ފެއްޓެވި އެވެ. ނަމަވެސް ވެރިކަން ބަދަލުވެގެން އުފެދުނު ވަރުގަދަ އިދިކޮޅާއި އެ މީހުންގެ މަގުމަތީގެ ސީދާ ހަރަކާތާއެކު ރާއްޖެ ޓީވީ ރާސްލާފައި އެސްޓަބްލިޝް ވެގެން ދިޔަލެއް ބާރު ކަމުން "މޫންލައިޓް" ވަޔަކު ނުހިފި އެވެ.
އެހިސާބުން ނަޝީދުގެ އެންގެވުމަށް އަސްވާޑް ވަޑައިގަތީ ރާއްޖެ ޓީވީއަށެވެ. "ހާމަ"އިގައި ސަބް އެޑިޓާއަކަށެވެ. ރާއްޖެ ޓީވީއަށް ވަޑައިގަތީ ނިއުސް ހެޑަކަށެވެ. 

ދަގަނޑުބުރިއަކުން އަސްވާޑަށް ދިން ހަމަލާ

އަސްވާޑް ނޫސްވެރިކަމުގެ ޑިޕްލޮމާއެއް ހެއްދެވީ އެ ދަތުރުގެ މަތީގަ އެވެ. އެ ފަހަރު ޑިގްރީ ފެއްޓެވިތަނާ، މިނިސްޓަރަށް ދެ ކަމެއް ކުރިމަތިވެ ވަޑައިގަތެވެ. އެކެއް، ރާއްޖެ ޓީވީ ރޯކޮށްލި ހާދިސާއެވެ. ދޭއް، ރާވައިގެން އަވަހާރަ ކޮށްލަން ދިން ހަމަލާ އެވެ. އެ ހަމަލާގެ ސަބަބުން އަސްވާޑްގެ ކިޔެވުން މެދުކެނޑުމަކަށް ދިޔަ އެވެ.

"އެ ހަމަލާ އަކީ ވަރަށް ފާޑަކަށް އައި ކަމެއް، އަޅުގަނޑުމެން ތަފާތު ތަންތަނުގައި އުޅުނަސް އެއްބައެއް އަނެއް ބަޔަކާ ރަހުމަތްތެރިކޮށް މި އުޅުނީ އޭރު ޓީވީއެމްގައި އުޅުނު ސާނީ... އޭރު ވެސް ސިޔާސީ ކަންތައްގަނޑެއްގެ ތެރޭގައި ރާއްޖެ އޮތީ، ރައީސް ނަޝީދު މި ހުންނަވަނީ އިންޑިއާ ހައިކޮމިޝަނަށް ވަދެވަޑައިގެން.. އެރޭ ޝާނީ ލޮލަށް ފުލުހުން ޕެޕާ ސުޕްރޭ ޖަހައިގެން އޭނާ އައިޖީއެމްއެޗްގައި އޮވެގެން އަޅުގަނޑު ބޭނުންވީ ގޮވާލަން ދާން. ރާއްޖެ ޓީވީ ތަޅުލާފައި ޔާމީން ރަޝީދާ ދެ މީހުން ދެ ސައިކަލްގައި ދަމުން ގޮސް އެސްބީއައިއާ، ޖަލަޕީނޯއާއި ހަމައިން ޔާމީންގެ ރެސްޕޮންޑެއް ނާންނާތީ އަޅުގަނޑު ބަލައިލި އިރު ޔާމީން އެތާ ހުރި މަގޫ ގަހެއްގެ ކައިރިއަށް ސައިކަލް މަޑުކޮށްގެން އަޅުގަނޑު ކިހިނެއްވީހޭ އެހީމަ ޖަވާބެއް ނުދިން... މޫނުމަތިން އެނގޭ އޭނައަށް ބިރެއް ފެނިގެން އުޅޭކަން!،

"ދެން އަޅުގަނޑު ބަލައިލި އިރު ކުރިމަތިން މަގު ހުރަހަށް ސައިކަލެއް ހުރި ބަހައްޓަފައި އަދި އޭގެ ފަހަތުގައި އެހެން ސައިކަލެއް. އަޅުގަނޑާ ފޫޓެއްހާ ކައިރިއަށް އައިރު ވެސް ގަބޫލެއް ނުކުރަން އަޅުގަނޑުގެ ގައިގައި ޖަހަނީ ކަމަކަށް. އަޅުގަނޑަށް ބަލާން ހުރެވުނީ ހަމަ ލޮލަށް ގްރޫޕް މާރާމާރީއެއްގައި ތަޅާލުމުގެ މަންޒަރެއް ފެންނަނީއޭ ހިތާ ... ހިތަށް އެރީ މިރޭ ލައިވް ކޮށޭ ގްރޫޕް މާރާމާރީއެއް މި ފެންނަނީ ... ހަމަ ތެދެއް އެ ދަގަނޑުބުރި މަޅާލުމާ ހަމައަށް ވެސް ގަބޫލެއް ނުކުރުވޭ އަޅުގަނޑުގެ ގައިގަ ޖަހަނީ ކަމަކަށް ދެން އެ ޖެހީ ... އެހިސާބުން ވީ ގޮތެއް އަޅުގަނޑަކަށް ނޭނގޭ!"

އަސްވާޑް ވިދާޅުވި ގޮތުގައި 2012 އިން ފެށިގެން ދެކޭން ފެށި ސިޔާސީ މަސައްކަތުގެ ހުވަފަން ހަގީގަތަކަށް ބަދަލު ކުރަން ގަދައަޅައި މަސައްކަތް ކުރައްވަން ފެށުނީ އޭނާއަށް ހަމަލާ ދިނުމުން ފަރުވާއަށް ގެންގޮސް ލަންކާގައި ހުންނަވަނިކޮށް އޭނާގެ ހުއްދައާއެކު ތަހުގީގަށް ދިޔަ ފުލުހުން މައްސަލަ ގެންދާން ދިމާ ކުރި ގޮތުންނެވެ.

އަސްވާޑަށް ދިން ހަމަލާއަށް ފަހު އޭނާއަށް ފަރުވާ ދެނީ

"އަޅުގަނޑު ސްރީ ލަންކާއަށް ގެންގޮސް ފަރުވާގައި އޮއްވާ ރައްޓެހިންނަށް ފެންނަން ފަށައިފި ފުލުހުގައި އޮތް އަޅުގަނޑުގެ ފޯނު ހުޅުވި ވަޓްސްއެޕުން އޮންލައިންވެ ލާސްޓް އޮންލައިން ވަމުންދާތަން... އެކްސެސް އެ މީހުން އަތުގައި ފުލުސް ޓީމް ލަންކާއަށް ގޮސް އަޅުގަނޑު ހުރި ގޭގަ ބެލްކަނީގައި ތަހުގީގެއް ފަށަމުން އަހަނީ އެއްވެސް އަންހެން ކުއްޖަކާ މައްސަލައެއް އޮވޭހޭ... އެހިސާ ބުނެފިން ދެން ތިޔަބޭފުޅުން ދާންވީއޭ... ފޯނު ތިކޮޅުގައޭ އެކްސެސް ތިކޮޅަށޭ އެފަދަ ކަމެއް އޮތިއްޔާ އެނގޭނޭ... ތިޔަހެން އެހެން ދިމާއަކަށް ކޭސް އަނބުރާލީމާ ކަމަކު ނުދާނޭ.. ދެން އެ ބޭފުޅުންގެ އައިއޯ، ގަލަދާރީގައި އަޅުގަނޑާ ބައްދަލު ކޮށްފައި ވިދާޅުވީ އިންސްޓްރަކްޝަނެއް އައީއޭ ޑައިވާޓް ކޮށްލަން އަދި އެ ހަމަލާ ދިނީ ފާރާލާތާ ތިން ދުވަސްވެފައިވެފައޭ އޭގެ އިންޓެލް ރިޕޯޓް އެބައޮތޭ، އެއީ ސިޔާސީ ކަމެކޭ... ތެދެއް އޭގެ ދުވަސްކޮޅެއް ފަހުން ފުލުހުން ސްޓޭޓްމެންޓެއް ނެރެ އަމިއްލައަށް ބުނެފި ސިޔާސީ ކަމެކޭ،"

"އެ ފަހުން އަޅުގަނޑު ހިތަށް އަރަނީ ދެން ނޫސްވެރިކަން ކިޔެވުމެއް ނެތޭ.. އެހިސާބުން ރާއްޖޭ ޓީވީގެ އެކްޓިން ސީއީއޯ ކަމުގައި ހުރެފައި ގޮސް ސަންގު ހެދީ... މިއީ އަޅުގަނޑު އުޅުނު ގޮތް، އެކަމަކު ގިނަ މީހުންގެ އޮންނާނީ ޝަކުވާ، އަޅުގަނޑު އުޅުނީ މަސައްކަތް ކޮށްގެން ނަތީޖާއިން ކުރިއަށް ދާން ... މީހުން މިހާރު މިދިޔަ ދެތިން ހަފުތާއެއް ތެރޭ ކިޔާ އަޑު އިވޭ އަސްވާޑަށް ކީވެގެން ހެއްޔޭ ވަޒީރުކަން ލިބުނީ... ރާއްޖޭގައި ވެސް ދުނިޔޭގަ ވެސް އާންމުކޮށް ކުރިއަރަންވީ މުއްސަނދި ބާރުގަދަ އާއިލާތައް ... އަޅުގަނޑު މައިން ބައިންބަފައިންނަކީ ތަނަވެސް ބައެއް ނޫން އެކަމަކު އަޅުގަނޑު ބާރުވެރިވާން އަމިއްލައަށް މަސައްކަތް ކުރީ... އަޅުގަނޑު ބޭނުންވީ ސިޔާސީ ވާން، ވެގެން މިހުރީ ދެން ކީއްވާނީ؟"

ކޮމެންޓް

4
450
މަނިކުފާން
11 months ago

މި އާޓިކަލް ކިޔާލީމަ އެނގުނު އެއްޗަކީ ތިޔަ ވިދާޅުވާ މަނިކުފާނަކީ އަދި އެހެން މަނިކުފާނެއްގެ ޕަޕެޓް މަނިކުފާނެއްކަން. އަދި އެ އެމަނިކުފާނަކީ ޖާނަލިސްޓަކަށަވުރެ ބޮޑައް އެކްޓިވިސްޓެއްކަން

ބަޖީ
11 months ago

ރާއްޖެޓީވީން ކޮށްދިން މަސައްކަތް ކޮބާ؟ އަކުރަމް ކަމާލުއްދީނާ ސަލީމް ހުރިހާކަމެއްކޮށްދިނީމަ އަދިވެސް އައްނި ދޯ މިހަކީ.

ލީނާޒް
11 months ago

ސަންގު ޓީވީ މުވައްޒަފުން ލައްވާ ބުރަކޮއް މަސަކަތް ކުރުވާފަ މުސާރަ ނުދޭ ގޮލައެއް ތީ . އެ ވާހަކަ ދެއްކީމާ ދެން ލާނީ ކަނޑާ

ޒަކީ
11 months ago

އެބުނާހެން ، އެހުރީ ވަޒީރަކަށްވެފަ. ކީއްކުރެވޭނީ. އަޝްވާޑަކީ ހިތްވަރުގަދަ ބަތަލެއްކަން އެނގިއްޖެ. ތޭންކްސް މުންޑޫ މި އަރޓިކަލް ވަރަށް މުއްސަނދި ވަރަށް ފުރިހަމަ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.