އާންމު ކޮމެޓީއަށް އެ މައްސަލަ ފޮނުވާފައި ވަނީ މެމްބަރުން އެދޭ ފަދަ ފިޔަވަޅެއް ސުލޫކް ކޮމެޓީން އެޅެން ނެތުމުން ކަމަށް މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި މެމްބަރުން ވަނީ ފާހަގަ ކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ދާއިރު، އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފަށް ރިޔާސަތުގައި ނުތިއްބެވޭނެ ކަމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކް ކޮމެޓީން އާންމު ކޮމެޓީއަށް ލަފާ ދޭން ނިންމައިފި އެވެ.
މިއަދު އެންމެ ފުރަތަމަ ބޭއްވި ޖަލްސާގައި އަފީފް ވަނީ ނަޝީދު ވަކި ކުރަން ހުށަހަޅާފައިވާ ގަރާރަކީ މަޖިލީސް ގަވާއިދާ ހިލާފު ގަރާރެއް ކަމަށް ނިންމަވާފަ އެވެ. ދެވަނަ ފަހަރު ބޭއްވި ޖަލްސާގެ ރިޔާސަތާ ހަވާލުވެ ވަޑައިގެން އީވާ ވިދާޅުވެފައި ވަނީ ބޭރު ކޮށްލާފައިވާ ގަރާރެއްގެ މައްސަލަ ކުރިއަށް ނުގެންދެ ވޭނެ ކަމަށެވެ.
އެ ކޮމެޓީ ބައްދަލުވުމުގައި މިއަދު ނިންމާފައި ވަނީ މިއަދު ބޭއްވި ދެ ޖަލްސާގައި އަފީފް އަދި އީވާ މަޖިލީސް މެމްބަރުންގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށެވެ. އެގޮތަށް ނިންމީ ކޮމެޓީގައި ތިއްބެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
އަދި، ނަޝީދުގެ މައްސަލަ ކުރިއަށްދާ ވަގުތު އީވާ އަދި އަފީފް ހިމެނޭހެން ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ އެއްވެސް މެމްބަރަކަށް ރިޔާސަތުގައި ނުތިބެވޭނެ ކަމަށް ނިންމައި އެގޮތަށް މަޖިލީސް އިދާރާއަށް ލަފާ ދިނުމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވަނީ ހުށަހަޅުއްވާފަ އެވެ.
ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުالله ތާއީދު ކުރެއްވި އެ ހުށަހެޅުން ވެސް ވަނީ މެމްބަރުންގެ އިއްތިފާގުން ފާސް ކޮށްފަ އެވެ. އެ ލަފަޔާއެކު އެ މައްސަލަ ވަނީ މަޖިލީހުގެ އާންމު ކޮމެޓީއަށް ފޮނުވާފަ އެވެ.
މަޖިލީހުގެ އާންމު ކޮމެޓީއަށް އެ މައްސަލަ ފޮނުވާފައި ވަނީ މެމްބަރުން އެދޭ ފަދަ ފިޔަވަޅެއް ސުލޫކް ކޮމެޓީން އެޅެން ނެތުމުން ކަމަށް މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި މެމްބަރުން ވަނީ ފާހަގަ ކުރައްވާފަ އެވެ.