މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ނެންގެވި ނިޒާމީ ނުކުތާއެއް ބަލައިގަނެ މިއަދު ގަރާރު ބޭރުކޮށްލީ އެވެ. ރަނގަޅު ކުރުމަށްފަހު އަލުން ހުށަހަޅަން އެދުނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުރަން އެމްޑީޕީން ހުށަހަޅާފައިވާ ގަރާރަކީ ގަވާއިދާ ހިލާފު ގަރާރެއް ކަމަށް ވިދާޅުވެ މައްސަލަ ބޭރު ކޮށްލައިފި އެވެ.
ގަރާރު ބޭރު ކޮށްލީ ރިޔާސަތުގައި އިންނެވި ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. މިއަދުގެ ޖަލްސާ 9:00 ގައި ފެށުނީއްސުރެ ޑިމޮކްރެޓްސްގެ އެކި މެމްބަރުން ގެންދެވީ ނިޒާމީ ނުކުތާތައް ނަންގަވަމުންނެވެ.
މެމްބަރުން ފާހަގަ ކުރައްވަމުން ގެންދެވި ނުކުތާ އަކީ މަޖިލީހުގެ ގަވާއިދުގެ 169 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތަށް ގަރާރެއްގައި ހުންނަން ޖެހޭ ސިފަތައް ނެތް ކަމަށެވެ. އެގޮތުން، މަޖިލީހަށް ހުށަހަޅާ ބިލުތަކާ ހިލާފަށް ގަރާރުގައި ދީބާޖާއެއް އެކުލެވިގެން ނުވާ ކަމަށް މެމްބަރުން ދަނީ ނިޒާމީ ނުކުތާ ވިދާޅުވަމުންނެވެ.
މިއަދުގެ ޖަލްސާގައި އަފީފް ގެންދެވީ އެކި މެމްބަރުންނަށް ނިޒާމީ ނުކުތާ ނަންގަވަން ފުރުސަތު ދެއްވަމުންނެވެ. މަޖިލީސް އަޑުގަދަވެ، މެމްބަރުން ޒުވާބު ކުރައްވަމުން ގެންދެވިއިރު ވެސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އަދި ނިޒާމީ ނުކުތާތައް ނެންގެވިއިރު އެއަށް ވެސް ގޮތެއް ނުނަންގަވަ އެވެ.
އެމްޑީޕީ މެމްބަރުން ޝަކުވާ ކުރައްވަމުން ގެންދެވީ އެއްވެސް ނިޒާމީ ނުކުތާއަކާމެދު ރިޔާސަތުން ގޮތެއް ނުނިންމަވާ މެމްބަރުންނަށް ނިޒާމީ ނުކުތާތައް ނަންގަވަން ފުރުސަތު ދެމުންދާތީ އެވެ. އެގޮތަށް އަފީފް ގަސްތުގައި ހެއްދެވީ އޭނާގެ މަސްލަހަތު އޮތް މައްސަލައަކަށް ވުމުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވި އެވެ.
"މި މަޖިލީހުގެ ކޮންމެ މެމްބަރެއްގެ މަސްލަހަތު ވެސް މިކަމުގައި އެބަ އޮތް" ކުރިން އެއްވެސް އެއްޗެއް ވިދާޅުނުވެ އިންނެވުމަށް ފަހު އަފީފް އެޔަށް ރައްދު ދެއްވި އެވެ.
ގަޑިއެއްހާއިރު ދަމާލުމަށް ފަހު އަފީފް ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން ގޮތް ނިންމާފައި ވަނީ ގަވާއިދުގައި އޮތް ގޮތަށް ނޫން ކަމަށެވެ. އެގޮތުން 205 ވަނަ މާއްދާ މީގެ ކުރިން މާނަ ކުރަމުން ދިޔަ ގޮތާ ހިލާފަށް ކަމަށާއި މަޖިލީހުގެ މައްސަލަތައް ކުރިއަށް ދާނީ އެއް މާއްދާ އަނެއް މާއްދާއާ ގުޅުވާލެވިގެން ކަމަށެވެ.
"މިހާރު ހުށަހެޅިފައި މި އޮތް ގަރާރުތަކުގަ [ރިޔާސަތު] ބަލަހައްޓާނީ ނައިބް ރައީސްއޭ. އެހެންނަމަވެސް އެގޮތަކަށް ނޫން ސުޕްރީމް ކޯޓުން ނިންމެވީއަކީ. އެ ދެމިގެންދާ ގޮތަށް އޮންނަނީ. އެހެންވީމަ އެހެން ހުރިހާ މާއްދާތަކާ ގުޅިގެން މިކަންތައް ކުރިއަށް ގެންދެވޭނީ. އެހެންވީމަ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލަ އަޅުގަނޑު ބަލައިގެންފިން. މި ގަރާރު މި އޮތީ މަޖިލީހުގެ ގަވާއިދާ އެއްގޮތަކަށް ނޫން. އެހެންވީމަ އަލުން މި މައްސަލަ ހުށަހަޅުއްވަން ފޮނުވާލަން. މި މައްސަލަ މިހާ ހިސާބުން މި ނިމުނީ،" އަފީފް ވިދާޅުވި އެވެ.