"ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވިފަހުން، އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު. މީގެ ކުރިން މިކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ ކޯޓުން، ނުވަތަ މަގުމަތިން،" ރައީސް ވިދާޅުވި އެވ
ރާއްޖެއަށް ސިޔާސީ ޕާޓީތަކުގެ ނިޒާމް އައިފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވެގެން ދިޔަ ފުރަތަމަ ފަހަރަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހާ ގުޅިގެން ދެއްވި ހާއްސަ ހިތޯބުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަން ކުރެއްވި ފަސް އަހަރު ތެރޭގައި ރާއްޖޭގައި ބޮއްސުންލާފައިވާ ގިނަ ކަންކަމަށް ނިމުން ގެނެސް ވަރަށް ގިނަ ކަންކަން ބަދަލުކޮށްދެވިއްޖެ ކަމަށެވެ.
އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމެއްގެ ގޮތުގައި ރައީސް ވިދާޅުވީ އޮމާންކަމާއެކު ކުރިއަށް ދިޔަ ރިޔާސީ އިންތިހާބެވެ. މީގެ ކުރީގައި ވޯޓުން ކާމިޔާބު ނުވެއްޖެނަމަ ދަނީ ކޯޓަށް ކަމަށާއި، މިފަހަރު އެކަހަލަ އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވި އެވެ.
"ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވިފަހުން، އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު. މީގެ ކުރިން މިކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ ކޯޓުން، ނުވަތަ މަގުމަތިން،" ރައީސް ވިދާޅުވި އެވެ.
ރައީސް އިޝާރާތް ކުރެއްވީ މީގެ ކުރިން ސަރުކާރުތައް ބަދަލުވަމުން، ނާކާމިޔާބުވާ ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ ސަޕޯޓަރުން ނަތީޖާ ގަބޫލުނުކޮށް މަގުތަކަށް ނުކުތުމާއި ކޯޓަށް މައްސަލަ ހުށަހެޅުން ފަދަ ކަންކަން މީގެ ކުރިން ހިނގާފައި ވާތީ އެކަންކަމަށެވެ. އެގޮތުން، އެމަނިކުފާނު 2018 ވަނަ އަހަރު އިންތިހާބު ވުމާއި ގުޅިގެން ވެސް ސިޔާސީ ގޮތުން ވަރަށް ބޮޑަށް ހަލަބޮލިވެގެން ދިޔަ އެވެ.
ރައީސްގެ ހިތޯބުގައި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ރިޔާސީ އިންތިހާބުތަކާއި، ވެރިކަން ބަދަލުވެގެން ދިއުން މިގޮތުގައި ހިނގަމުން ދިއުމަކީ ރައްޔިތުން އެދޭ ގޮތެއް ކަމަށެވެ.
"މި ހޯދުނު ކާމިޔާބީތަށް ހިފަހައްޓާ، ދަމަހައްޓާ ގައުމުގައި އެކަން އަށަގެންނެވުމަކީ ދެން އަންނަ ހުރިހާ ސަރުކާރުތަކާ ވެރިންގެ މަސްއޫލިއްޔަތެއް. ސަރުކާރުތަށް ބަދަލުވާނެ، ވެރިން އައިސް ގޮސް ވާނެ. ގާއިމުވެ، ދާއިމުވެ، ދެމިއޮންނާނީ ގައުމާ ރައްޔިތުން،" ރައީސް ވިދާޅުވި އެވެ.