ރިޔާސަތުގައި ނަޝީދު ނެތިއްޔާ ހުވާކުރުމުގެ ކަންކަން ދާނީ ރީތިކޮށް: ރޮޒައިނާ

ރޮޒައިނާ ވިދާޅުވި ގޮތުގައި އިތުބާރު ނެތް ރައީސެއްގެ ރިޔާސަތު ބައިންދައިގެން ރީތިކޮށް ކަންކަން ގެންދަން ސުޕްރީމް ކޯޓްގެ ހުކުމުގައި ނެތް ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދު (ކ) މެންބަރު ރޮޒައިނާ އާދަމް

އިތުބާރު ނެތް ރައީސަކު ރިޔާސަތުގައި ނެތިއްޔާ ހުވާ ކުރުމުގެ ކަންކަން ދާނީ ރީތިކޮށް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސާ / އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރައްދު ދެއްވައިފި އެވެ.

ރޮޒައިނާ މިހެން ވިދާޅުވީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އިންތިހާބީ ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުވާ ކުރެއްވުމުގެ ކަންކަން ދާނީ ރީތިކޮށް ކަމަށް ނަޝީދު ވިދާޅުވުމުންނެވެ.

ނަޝީދު ވިދާޅުވީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާއާ ނާއިބު ރައީސް ހުވާ ކުރެއްވުމުގެ ޖަލްސާ ހުއްޓުވުމަށް އެމްޑީޕީން ރާއްވަވަމުން ދިޔަ ރޭވުން ފެއިލްވި ކަމަށްޓަކައި މާތްﷲ އަށް ހަމްދު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އިންތިހާބީ ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުވާ ކުރެއްވުމުގެ ކަންކަން ދާނީ ރީތިކޮށް ކަމަށެވެ.

ނަޝީދުގެ އެ ޕޯސްޓަށް އެކްސްގައި ރޮޒައިނާ ވަނީ ރައްދު ދެއްވާފައެވެ.

"އިތުބާރު ނެތް ރައީސަކު ނެތިއްޔާ ހުވާ ކުރުމުގެ ކަންކަން ދާނީ ރީތިކޮށް،" ރޮޒައިނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ އިތުބާރު ނެތް ރައީސެއްގެ ރިޔާސަތު ބައިންދައިގެން ރީތިކޮށް ކަންކަން ގެންދަން ސުޕްރީމް ކޯޓްގެ ހުކުމުގައި ނެތް ކަމަށެވެ.

"ވޯޓަށް ފިލައިގެން ކިހާ ދުވަހަކު އުޅޭނަމޭ ހިތާތޯ ތިޔަ އުޅުއްވަނީ،" ނަޝީދަށް އަމާޒު ކުރައްވާ ރޮޒައިނާ ސުވާލު ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ، އެ މަޖިލީހުގެ ނާއިބު ރައީސް ނެތް ހާލަތެއް ގައި ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާފައެވެ. އަދި މި ނިންމުމާއި ގުޅިގެން ނަޝީދުގެ އިތުބާރު ނެތް މައްސަލަ އަންނަ އާދިއްތަ ދުވަހު ކުރިއަށް ގެންދަން ނިންމާ އެޖެންޑާ ގައި ވަނީ ހިމަނާފައެވެ.

ސުޕްރީމް ކޯޓުގެ ނިންމުން މިގޮތަށް އަޔަސް އެމްޑީޕީން އެދުނު ގޮތަށް މަޖިލީހުގެ ރައީސް، މަގާމުން ދުރުކުރުމަށް މިހާރު ހުށައަޅާފައިވާ މައްސަލައާ މެދު ގޮތެއް ނިންމުމުގެ ކުރީން މަޖިލީހުގެ އިތުރު ޖަލްސާ އެއް ނުބޭއްވޭނެ ކަމަށް އަމުރުކޮށް ދެއްވުމަށް އެދުނު ނަމަވެސް އެ އަމުރެއް ނުދިނެވެ.

އެއާ ހިލާފަށް އެ ކޯޓުން ނިންމީ އިންތިހާބީ ރައީސާއި ނާއިބު ރައީސް ހުވާ ކުރުމުގެ ޖަލްސާ އަށް ހުރަސް އެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު މާނަ ނުކުރެވޭނެ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓް ހުށައެޅުމާއި ވަޒީރުންނަށް ރުހުން ދިނުން ފަދަ މައްސަލަ ތައް ހުއްޓިގެން ނުވާނެ ކަމަށާ އެކަންކަމަށް ހުރަސް އެޅޭ ގޮތަށް ގާނޫނު މާނަ ނުކުރެވޭނެ ކަމަށެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ބުނެފައި ވަނީ އެކަންކަމަކީ ގާނޫނުއަސާސީގެ ވަކި މާއްދާތަކަކުން މަޖިލީހަށް ކުރުން ލާޒިމް ކޮށްފައިވާ ކަންކަން ކަމަށެވެ. އެހެން ކަމުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައާ އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ޖަލްސާއާ ގުޅުމެއް ނެތް ކަމަށް ވަނީ ކަނޑައަޅާފައެވެ. އެ ރައުޔަށް އަނެއް ހަތަރު ފަނޑިޔާރުން ވެސް ވަނީ ތާއީދު ކޮށްފައެވެ.

އެހެން ކަމުން ކޮންމެ ސަބަބަކާ ހުރެ ނަމަވެސް އިތުބާރުގެ މައްސަލަ ނުނިމި ދިގުލައިގެން ދިޔަނަމަވެސް އިންތިހާބީ ރައީސާއި ނާއިބު ރައީސް ހުވާ ކުރުމުގެ ޖަލްސާ އަށް ހުރަސް ނޭޅޭނެ އެވެ. އަދި ދައުލަތުގެ ބަޖެޓް ފާސް ކުރުމާއި ވަޒީރުންނަށް ރުުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.