ތިން މީހުންގެ މައްޗަށް ރޭޕްކުރުމުގެ ދައުވާއާ މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ދައުވާ އުފުލާފައެވެ. ދައުވާ ސާބިތުވެއްޖެނަމަ 35 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ގއ. ވިލިގިލީގައި އަންހެނަކު ރޭޕު ކުރި މައްސަލާ ގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި އެވެ.
ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ބުނި ގޮތުގައި މި އަހަރުގެ ޖުލައި މަހުގެ ފަހުކޮޅުގެ ދުވަހެއްގައި ހިނގި މި ހާދިސާއާ ގުޅިގެން ތިން މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާ ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފައެވެ. ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ހުށަހެޅި ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި ކުށުގެ އަމަލު ސާބިތު ކުރުމަށް ހަރުދަނާ ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.
އޭގެ ތެރޭގައި ހެކިބަސްދޭ މީހުންނާއި ސައިކޮލޮޖިސްޓުގެ ރިޕޯޓުތަކާއި މެޑިކޯ ލީގަލް ރިޕޯޓުތަކާއި ޑީއެންއޭ ރިޕޯޓުތައް ހިމެނެ އެވެ.
މި މައްސަލާ ގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންނަކީ؛
މި ތިން މީހުުން ވެސް މި ވަގުތު ތިބީ ފުލުހުންގެ ބަންދުގަ އެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި މި އަހަރުގެ ޖުލައި މަހުގެ ފަހުކޮޅުގެ ދުވަހެއް ގައި މި ތިން މީހުން ގއ. ވިލިނގިލީ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި އަންހެނެއްގެ ނުރުހުމުގައި އޭނާ ހިފަހައްޓައި މި ތިން މީހުން ވެގެން އޭނާ ރޭޕްކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ރޭޕްކުރުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާ ސާބިތުވެއްޖެނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމް ކުރާނެ އެވެ.
މީގެ އިތުރުން މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާ ވެސް މި މީހުންގެ މައްޗަށް އުފުލާފައިވެއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ 7 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލާނެ އެވެ.
މި މީހުންގެ ތެރެއިން އިބްރާހީމް ރިޒާ ހައްޔަރު ކޮށް ކުޑަކަމުދާ ތަކެތި ނަގައި ތަހުލީލު ކުރިއިރު ކެނަބިސް އަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ. އެހެން ކަމުން އޭނާގެ މައްޗަށް ކެނަބިސް ބޭނުން ކުރުމުގެ ދައުވާ ވެސް ވަނީ އުފުލާފައެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އިތުރު ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.