އިންޑިއާ ސިފައިން ތިބި އަދަދު އަދިވެސް ނޭނގެ

އެކަމަކު، އޭގެ ތެރެއިން ވެސް ގައުމީ ސަލާމަތަށް ނުރައްކާވާ މައުލޫމާތެއް ހުރެއްޖެނަމަ އެ މައުލޫމާތު އަމާނަތްތެރިކަމާއެކު ރައްކާކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިހާބީ ރައީސްގެ ތަރުޖަމާން މުހައްމަދު ފިރުޒުލް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭނު ތެރޭގައި ވެވަޑައިގަތް އެންމެ މުހިންމު އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލައި، އިންޑިއާގެ ނުފޫޒުން ގައުމު އެއްކިބާ ކުރުމެވެ. އިދިކޮޅުގައި ތިއްބެވިއިރު އިންޑިއާ ސިފައިން ބޭލުމަށް "އިންޑިއާ އައުޓް"ގެ ނަމުގައި ބޮޑު ކެމްޕޭނެއް ހިންގައި، އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަށް ވެސް ގޮވާލާފައިވެ އެވެ.

މިހާރު އިންތިގާލީ މަރުހަލާ ކުރިއަށްދާއިރު އެކި މުއައްސަސާތަކުން މައުލޫމާތުތައް ދަނީ އެއްކުރަމުންނެވެ. އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވީ އަދިވެސް ބައެއް މުއައްސަސާތަކުން މައުލޫމާތު ހޯދަން ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ. އެހެން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ދެނެގަނެވިއްޖެތޯ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެންނެވެ.

ފިރުޒުލް ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ރާއްޖެ އާއި އިންޑިއާ ދެމެދު ހަދާފައިވާ ބައެއް އެއްބަސްވުންތަކުގައި ކަންބޮޑުވާ ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށެވެ. އެފަދަ ކަންބޮޑުވުންތަކެއް ހުރެއްނަމަ އެކަން ހާމަކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ވިދާޅުވެފައިވާކަން ވެސް ފިރުޒުލް ފާހަގަކުރެއްވި އެވެ.

އެކަމަކު، އޭގެ ތެރެއިން ވެސް ގައުމީ ސަލާމަތަށް ނުރައްކާވާ މައުލޫމާތެއް ހުރެއްޖެނަމަ އެ މައުލޫމާތު އަމާނަތްތެރިކަމާއެކު ރައްކާކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅުން ކުރިން ބޭއްވި އިންޑިއާ އައުޓް ހަރަކާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވަނީ --

"އޭގެ ތެރެއިން ނިޔާ ކުރާ އެއް ކަމަކީ ގައުމީ ސަލާމަތާ ގުޅުންހުރި ބައެއް މައުލޫމާތުތައް މިވަގުތު ހާމކުރުމަކީ އެއީ ގައުމީ ސަލާމަތަށް ސީދާ ގޮތުންނާ ނުސީދާ ގޮތުން ގެއްލުން ހުރި ކަމެއް ކަމަށްވާނަމަ އެ މައުލޫމާތު އަޅުގަނޑުމެން ހާމަކުރުން މަޑުޖައްސާލަން ހާލަތު ބައްދަލުކޮށްފާނެ،" ފިރުޒުލް ވިދާޅުވި އެވެ.

އިންޑިއާއާ އެކު ހަދާފައިވާ ބައެއް އެއްބަސްވުންތައް ހާމަކުރަން އިދިކޮޅު ފަރާތްތަކުން އެދުމުން ސަރުކާރުން ނަގާފައިވާ ސްޓޭންޑަކީ ގައުމީ ސަލާމަތަށް ނުރައްކާވާ މައުލޫމާތު ހުރުމުން އާންމު ނުކުރެވޭނެ ކަމަށެވެ. އަދި އިންޑިއާ ސިފައިންގެ އަދަދު ވެސް ހާމަކޮށްފައެއް ނުވެ އެވެ.

ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ކުރައްވަން ޖެހިވަޑައިގަންނަވާނެ އެންމެ މުހިންމު އެއް ކަމަކީ އިންޑިއާ ސިފައިން ގައުމުން ބޭރުކުރުން ކަމަށް ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން ވެސް ދާދި ފަހުން ވިދާޅުވެފަ އެވެ. ޔާމީން ވިދާޅުވީ އިންޑިއާ ސަރުކާރާ އެކު ރަހްމަތްތެރި ގޮތުގައި ވާހަކަ ދައްކައިގެން އިންޑިއާ ސިފައިންގެ މައްސަލަ ހައްލު ކުރަން ޖެހޭ ކަމަށެވެ. އިންޑިއާ މައްސަލާގައި ކުރީން ގެންގުޅުއްވި ހަރުކަށި ސިޔާސަތު ބަދަލު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ރުޅިއަރުވާލަން ބޭނުން ނުވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.