މިދިއަ 12 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އަރަބިއްޔާ އަބަދުވެސް އޮންނަނީ އެތައް ބައިވަރު މައްސަލަ އާއި އަރައިރުމުގެ ތެރޭގަ އެވެ.
އަރަބިއްޔާ ސްކޫލްގެ މައްސަލަތަކެއް ފާހަގަކޮށް ސަރުކާރުގެ އިދާރާތަކަށާއި މުއައްސަސާތަކަށް ސިޓީ އާއި ލިޔުން ނުފޮނުވާން އެ އަރަބިއްޔާގެ ޕީޓީއޭގެ މެންބަރުންނަށް ސްކޫލުން އަންގައިފި އެވެ.
އަބަދުވެސް މައްސަލަގަނޑެއްގެ ތެރޭގައި އޮންނަ އަރަބިއްޔާގެ ޑެޕިއުޓީ ޕްރިންސިޕަލް އައިޝަތު އަޒުމާ ސޮއި ކުރައްވާ އިއްޔެ ތާރީހުގައި ޕީޓީއޭގެ މެންބަރުންނަށް ސިޓީއެއް ފޮނުވާފައި ވެއެވެ. އެ ސިޓީ ބައެއް މެންބަރުން އާންމު ވެސް ކޮށްފައި ވެއެވެ.
އަޒުމާ، އެ ސިޓީއެއް ފޮނުއްވީ އަރަބިއްޔާގެ ހިންގުމަށް ދިމާވެފައިވާ މައްސަލަތަކެއް ހުރި ކަމަށް ބުނެ ސަރުކާރުގެ އެކި އެކި މުއައްސަސާތަކަށް ސްކޫލަށް ކޮޕީ ޕީޓީއޭގެ މެންބަރުން ސިޓީ އާއި ލިޔުން ފޮނުވާތީ އެކަމާ ވަރަށް ހިތްހަމަ ނުޖެހިގެނެވެ.
އެ ސިޓީގައި ބުނަނީ ޕީޓީއޭގެ މެންބަރުންގެ ގޮތުގައި ހޮވިވަޑައިގެންފައިވާ އެއްވެސް ބޭފުޅަކު ރަސްމީކޮށް އައްޔަން ކޮށްފައި ނުވަނީސް -- ހޮވާފައި ތިބި ބަޔަކު އައްޔަން ކުރާ ގޮތް ސާފު ކޮށްދީފައެއް ނުވޭ -- އަދި ޕީޓީއޭގެ ރައީސާ ވެސް މަޝްވަރާ ކުރުމަކާ ނުލައި މަގާމުގެ ހައިސިއްޔަތު ބޭނުން ކޮށްގެން ސަރުކާރުގެ އެއްވެސް މުއައްސަސާއަކަށް އެއްވެސް ލިޔުމެއް ނުފޮނުވަން އެދޭ ކަމަށެވެ.
އަދި ސަރުކާރުގެ މުައްސަސާތަކަށް ފޮނުވާފައިވާ ސިޓީތަކުގައި ހިމަނާފައިވާ ކަންކަން އެޑިއުކޭޝަނާއި ގުޅިގެން ވަރަށް ފުރިހަމައަށް ކުރިޔަށް ދާކަން އިލެޓެޑް މެންބަރުންގެ މައުލޫމާތަށްޓަކައި ހިއްސާ ކުރާ ކަމަށެވެ. ޕީޓީއޭގެ މެންބަރުން މުއައަސާތަކަށް ފޮނުވާފައިވާ ސިޓީތަކުގައި ފާހަގަ ކޮށްފައިވާ ހުރިހާ ކަންކަމަކީ މިނިސްޓަރީން އެޓެންޑް ކުރަމުން އަންނަ އަދި ސްކޫލާ ގުޅިގެން ނިންމަމުން އަންނަ ކަންކަން ކަމަށެވެ. އެއީ ކޮން ކަންތައްތަކެއް ކަމެއް ސާފެއް ނުވެއެވެ.
އަރަބިއްޔާގެ ޕީޓީއޭގެ މެންބަރުން މިފަހަރު މައްސަލައަކަށް ނަގައިގެން އުޅެނީ ޕީޓީއޭއަށް މެންބަރުން އިންތިހާބު ކުރުމަށް ފަހު ބައްދަލުވުމެއް ބާއްވައި ދޭން އެދޭތާ ތިން މަސްވާއިރު ވެސް އެކަން ނުވެ އޮވެގެނެވެ.
އަދި 173 ބެލެނިވެރިންގެ ސޮޔާއެކު ސްކޫލްގެ މައްސަލަތަކެއް އެޑިއުކޭޝަނަށް ލިޔެ ސިޓީއެއް ލުމުން ބައްދަލުވުން ބާއްވައި ދޭނެ ކަމަށް ޑެޕިއުޓީ ޕްރިންސިޕަލް ވިދާޅުވެފައި އެ ބައްދަލުވުން ލަސް ވެއްޖެ ކަމަށް އަންގައި އަދި ފަހުން ބީޒީކަމުން ކަމަށް ވިދާޅުވެ ބައްދަލުވުން ފަސް ކޮށްފައިވާތީ އެވެ.
މި މައްސަލ ނުކުތް އިރު އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް މަގާމުން ވަކިކޮށް، އެހެން މަގާމަކަށް ބަދަލު ކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، އެ މަގާމު އަލުން އޭނާއަށް ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މީގެ ހަތަރަު ދުވަސް ކުރީން ވަނީ އަމުރެއް ކޮށްފަ އެވެ.
މިދިޔަ ނޮވެމްބަރު މަހު އަރަބިއްޔާގް ޕްރިންސިޕަލްކަމުން ޝުޖާއު ވަކި ކުރުމަށް ފަހު އޭނާ ބަދަލުކުރީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ މަގާމަކަށެވެ. އޭރު އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޝުޖާއު އެހެން މަގާމަކަށް ބަދަލު ކުރީ ސިވިލް ސާވިސް ގަވާއިދުގެ ތެރޭ ކަމަށެވެ.
މިދިއަ 12 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އަރަބިއްޔާ އަބަދުވެސް އޮންނަނީ އެތައް ބައިވަރު މައްސަލަ އާއި ނުތަނަވަސް ކަމާއި އަރައިރުމުގެ ތެރޭގަ އެވެ. އަރަބިޔާއާ މެދު ސަރުކާރު ތަކުން އިހުމާލުވުން ބޮޑު އިރު އަރަބިއްޔާގެ ބެލެނިވެރިންނަށް ވެސް ރަނގަޅު ގޮތަކާ ދިމާވާ ކަމަކަށް ނުވެއެވެ. ކޮންމެ ދުވަހަކުހެން އަރަބިއްޔާ ސްކޫލްގެ މައްސަލައެއް މީޑިއާގައި ތިލަވެފައި އޮވެއެވެ.