ތަޖުރިބާއާއެކު: ފަތިހު ފަށާނަން، ނަތީޖާ ނެރޭނަން، ޑެލިވާ ކުރާނަން

ސުވާލު އޮތީ އުމްރާނީ ބިނާ ކުރުމުގެ ގާބިލު ކަމާމެދު އެވެ. ބިނާރު އެނގިވަޑައިގަންނަވާ މިންވަރަކާ މެދު އެވެ. ރައްޔިތުންގެ އެންމެ ބޮޑު އުންމީދު، ބޯހިޔާވަހި ކަމާ މުޅީން ގުޅިފައި އެފްޑީސީ ހިންގަން ހަމްދާންގެ ތަޖުރިބާއަކީ ކޮބައި ހެއްޔެވެ؟

އުމުރުން 32 އަހަރުގެ ހަމްދާން ޝަކީލުއާ، ރައީސް މުއިއްޒު ހަވާލު ކުރެއްވީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް އޮތް، އެންމެ ސަލާމުކަން ދެއްވާނެ ބޯހިޔާވަހިކަމުގެ ވައުދުން ބައެއް ޓާސްކް ލައްވާލާ ފަހި ދިރިއުުޅުން ކޯޕަރޭޝަނެވެ. ހަމްދާން ނިސްބަތްވަނީ މ. ވޭށަށެވެ. އާދައިގެ ދިރިއުޅުމެއް އޮންނަ ސާދާ ބޭފުޅެކެވެ. ދެ ކުދިންގެ ބައްޕައެކެވެ. މީހުނަށް ހަމްދާން ފެންނާން ފެށީ ފްރީލާންސް ނޫސްވެރިއެއްގެ ގޮތުގަ އެވެ. އޭގެ ފަހުން ޕީޕީއެމާއި ކޮންގްރެސް ޕާޓީ - ޕީއެންސީގެ ޕާޓީ ލައިނުގައި ފޮރިން ރިލޭޝަނާ ގުޅޭ ސިޔާސީ ހަރަކާތް ހިންގުމައި އުޅުއްވަނިކޮށެވެ. ޕާޓީ ފިކުރާއެކު ސޯޝަލް މީޑިއާ ލީޑް ކުރުމުގައި ވެސް އުޅުއްވާތީ އެވެ.

ސުވާލު އޮތީ އުމްރާނީ ބިނާ ކުރުމުގެ ގާބިލު ކަމާމެދު އެވެ. ބިނާރު އެނގިވަޑައިގަންނަވާ މިންވަރަކާ މެދު އެވެ. ރައްޔިތުންގެ އެންމެ ބޮޑު އުންމީދު، ބޯހިޔާވަހި ކަމާ މުޅީން ގުޅިފައި އެފްޑީސީ ހިންގަން ހަމްދާންގެ ތަޖުރިބާއަކީ ކޮބައި ހެއްޔެވެ؟ ވާނެ ހެއްޔެވެ؟ ހިންގާލައި ނަތީޖާއެއް ނެރެވޭނެ ހެއްޔެވެ؟

މެނޭޖިން ޑިރެކްޓަރު ހަމްދާން މިހާރު ހުންނެވީ މަސައްކަށް ނުކުންނަވަ އެވެ؛ އޭނާ ވިދާޅުވާ ގޮތުގައި ފޮރިން ރިލޭޝަންސްގެ މަސައްކަތަށް އޭނާ ހާއްސަ ވެގެން އުޅޭން ޖެހުނީ 2018 ގައި ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރު ނިމި އައި މަރުހަލާތަކުގައި ކޮންގްރެސް ޕާޓީ އުފަންވި ދަނޑިވަޅު ކޮންމެހެން އެކަމާ އުޅޭން ޖެހިގެނެވެ. އެއާ ހިލާފަށް އޭނާގެ މުޅި ހަޔާތާ ގުޅިފައި ވަނީ ކޮންސްޓަކްޝަން މަސައްކަތެވެ. ލޯތްބަކީ ވެސް ޝައުގަކީ ވެސް ބިނާރެވެ. .

"އަޅުގަނޑުގެ ކާފަ ވެސް ބައްޕަ ވެސް އާއިލާގެ އެންމެން ކަހަލަ ގޮތަކަށް ކުރި އަދި ކުރާ މަސައްކަތަކީ ކޮންސްޓްރަކްޝަން އަޅުގަނޑު މުޅީން އުޅުނީ އޭގެ ތެރޭގައި އެހެންވީމާ ކޮންސްޓްރަކްޝަނަކީ އަޅުގަނޑު ވަރަށް ފަރިތައް އެކަމުގެ ތެރޭގައި އުޅެ ބޮޑުވި، އަޅުގަނޑަށް ފަހި ދާއިރާއެއް،" ހަމްދާން ވިދާޅުވި އެވެ.

އެފްޑީސީ ރަނގަޅަށް ހިންގާލެވިދާނެ ފަދަ ކޮންސްޓްރަކްޝަންގެ ތަޖުރިބާ އާއިލާގެ ތެރެއިން ހަމްދާނަށް ލިބި ވަޑައިގެންފައި ވަނީ އެކަންޏަކު ނޫނެވެ. އޭނާއަކީ އާއިލީ އެ މަސައްކަތުގެ ތަޖުރިބާއާއެކު މެލޭޝިއާގެ އިންފްރާސްސްޓްރާސްޓަރަކްޗާ ޔުނިވާސިޓީ ކުއާލަލަމްޕޫރު (އައިޔޫކޭއެލް) ގައި ސިވިލް އިންޖިނިއަރިންގެ ދާއިރއިން މަތީ ތައުލީމް ހާސިލު ކުރައްވާފައިވާ އެ ދާއިރާ ފަންނުވެރިއެކެވެ. ސައުވީސް ގަޑި އިރު މަސައްކަތުގައި އުޅުއްވާ ބޭފުޅެކެވެ. މަސައްކަތަށް ފޫހި ނުވާ ބޭފުޅެކެވެ. 

ހަމްދާން ޝަކީލް "މި" ނޫހަށް އިންޓަވިއުއެއް ދެއްވަނީ

"ކިޔެވި އިރު ވެސް އަޅުގަނޑު ދިޔައީ މި މަސައްކަތް ކުރަމުން ކިރިޔާ ބަންދެއް ލިބުނަސް މާލެ އައިސް ހަމަ ނުކުމެ ފުލްޓައިމްކޮށް މަސައްކަތުގައި އުޅުނީ ... އަޅުގަނޑުގެ އުމުރުން 15 އަހަރުން ފެށިގެން ބައްޕައާއެކު ކޮންމެވެސް ލެވެލެއްގައި އަބަދުވެސް އައީ ބައިވަރިވަމުން، އެހެންވީމާ މިފަދަ ކުންފުންޏެއް ހިނގާކަށް އަޅުގަނޑަކަށް ތުރާލެއް ނެތް،" ހަމްދާން ވިދާޅުވި އެވެ.

ހަމްދާން ގަބޫލު ކުރައްވާ ގޮތެއް އޮވެއެވެ؛ ދާއިރާއަކުން މީހަކަށް މަސައްކަތުގެ އިލްމު ވެސް ލިބިފައި ހުރެދާނެ އެވެ. އަދި ތަޖުރިބާތަކެއް ވެސް އޮވެދާނެ އެވެ. އެކަމަކު ނަތީޖާއެއް ނެރެން އެންމެ މުހިންމު ކަމަކީ މަސައްކަތުގެ އަހުލާގެވެ. ރީއްޗަށް މަސައްކަތާ ވެގެން އެކަން ކުރުމެވެ. އިހުލާސްތެރިވުމެވެ. 

"އަޅުގަނޑުގަނކީ އަޅުގަނޑުގެ ބައްޕަ ފިޔަވަޅު މަތީގައި ހިނގާ މީހެއް، ބައްޕަގެ ކިބައިގައި ހުރި މަސައްކަތުގެ އަހުލާގު ރަނގަޅަށް ހުރީ އަޅުގަނޑަށް ވާރުތަވެފައި. މަސައްކަތެއް ފަށައިފީ ވިއްޔާ ނަތީޖާ ނެރެފައި ނޫނީ ހުއްޓާ ނުލުން، ކުރާ ކަމެއް ރަނގަޅަށް އިހުލާސްތެރި ކަމާއެކު ކުރުން. އެހެންވީމާ އެ އުސޫލުން ކުޑައިރުއްސުރެ ހުރީ މަސައްކަތުގެ އަހުލާގުގައި ތަރުބިއްޔަތުވެފައި، އޭގެ ފަހުން ތަޖުރިބާއާ އިލްމުވެސް ލިބިގަތީ، އެހެން ވީމާ ފަހި ކަމާއެކު، މި ފަހި ދިރިއުޅުން ކޯޕަރޭޝަން ހިންގާ ލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަށް އެބައޮތް،" 

ޒުވާން އެމްޑީ ވިދާޅުވި ގޮތުގައި ސިޔާސީ މަސައްކަތް ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ ތެރެއިން ކުރަމުން ގޮސް ސިޔާސީ މައި ޕްލެޓްފޯމްގެ ތެރެއަށް އޭނާއަށް ނުކުމެވުނީ އެވެ. އަދި ފަހި ފުރުސަތެއް ލިބުނީ އެވެ. 

ހަމްދާންގެ އާއިލީ ކުންފުނި، "ލަތީފް ކޮންސްޓްރަކްޝަނާ" އެކު މަސައްކަތް ކުރައްވަމުން ޕީޕީއެމާއި ކޮންގްރެސް ޕާޓީގައި ވެސް ވަރަށް މުހިންމު ރޯލެއް ހަމްދާން އަދާ ކުރެއްވެވި އެވެ. މަގާމުތަކެއް ވެސް ފުރުއްވެވި އެވެ. ޕްރޮގްރެސިވް ކޯލިޝަންގެ ސޯޝަލް މީޑިއާގެ މަސައްކަތް ލީޑް ކުރެއްވުމާއެކު ދެ ޕާޓީގެ ފޮރިން ރިލޭޝަންގެ މަސައްކަތްތަކާ ހަވާލުވެ ވަޑައިގެން އެ މަސައްކަތް ފުޅާކޮށް ޕާޓީގެ ފޮރިން ރިލޭޝަން ޑިރެކްޓަރުގެ ގޮތުގައި ވެސް ހުންނެވި އެވެ. ޒުވާނުންގެ ގޮފި އުފައްދާ އެ ގޮފީގެ ޗާޓަރު ލިޔުއްވެވި އެވެ. 

އަބަދުވެސް އަޅުގަނޑުގެ އަމާޒަކަށް ވެފައި އޮތީ ދައުލަތުގެ މިފަދަ ކުންފުންޏެއް އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް ހިންގައި ދިނުން،

ހަމްދާން ޝަކީލް | މެނޭޖިން ޑިރެކްޓަރު، އެފްޑީސީ

"އެ މަސައްކަތް ކުރި އިރު މިހާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަރަށް ބޮޑަށް އަޅުގަނޑު ގައިޑްކޮށް ދެއްވެވި އަޅުގަނޑުގެ މަސައްކަތްތައް ޕީޕީއެމްގެ ތެރެއިން ފޮރިން ރިލޭޝަނާ ހާއްސަވެފައި އޮވެ ގިނަ މަސައްކަތަކެއް ވެސް ކުރެވިފައި އޮތުމުން މީހުނަށް ހީވެފައި އޮތީ ޕީޕީއެމާއި ޕއެންސީގެ ސަރުކާރެއްގައި އަޅުގަނޑު ސިޔާސީ މަސައްކަތް ކުރާނީ ފޮރިން ރިލޭޝަންސްގެ ދާއިރާގައޭ. އެކަމަކު އަޅުގަނޑުގެ އެކްސްޕީރިއެންސެއް ހުރީ، ކެޕޭސިޓީ ވެސް ހުރި ދިމާއަކީ މިއީ. ކޮންސްޓްރެކްޝަން އިންޑަސްޓްރީގައި އެކްޓިވްކޮށް މަސައްކަތް ކުރާތާ 15 އަހަރު ވެއްޖެ އެކި ކޭޕޭސިޓީގައި... އަބަދުވެސް އަޅުގަނޑުގެ ސިންގިއުލާ ޓާގެޓަކީ ދައުލަތުގެ މިފަދަ ކުންފުންޏެއް ރައްޔިތުންނަށް ހިންގައި ދިނުން،"

މާލޭ ސިޓީގެ މޭޔަރު ކަމުގައި ރައީސް މުއިއްޒު ހުންނެވި އިރު ހަމްދާން ވަނީ އެ މަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރައްވާފަ އެވެ. ވަރަށް ގާތުން ރައީސް މުއިއްޒަށް، ހަމްދާން މަސައްކަތް ފެނި ވަޑައިގެންފައި އޮތުމުން ހަމްދާނުގެ ކެޕޭސިޓީ ވަރަށް ރަނގަޅަށް ރައީސަށް އެނގި ވަޑައިގަންނަވަ އެވެ.

"އަޅުގަނޑަށް ހީވަނީ މި މަސްއޫލިއްޔަތު ބޮޑު ޓާސްކް، އަދި މި އުނދަގޫ މަސައްކަތް އަޅުގަނޑާ ހަވާލު ކުރެއްވީ އެކަން ކަމަށް ބައްލަވާފައިހެން،" 

އަޅުގަނޑު ފަތިހު ތެދުވާނަން ގިނަ ސްޓާފުންނަށް ވުރެ ކުރީން ހުންނާނީ ނުކުމެ މަސައްކަތުގައި، އަޅުގަނޑު ކަންނެތެއް ނުވާނެ،

ހަމްދާން ޝަކީލް | އެފްޑީސީގެ އެމްޑީ

ވަރަށް ޒުވާން އުމުރުފުޅުގައި ކޮންސްްޓްރަކްޝަންގަ ބޮޑު ތަޖުރިބާއެއް އޮތް ހަމްދާން އިސްވެ ހުންނަވައި ވަރަށް ތާރީހީ ވަރަށް މުހިންމު އެހެން މަސައްކަތެއް ވެސް ކުރައްވަފައި އޮވެއެވެ. އެންމެ ޓޮޕް އޮފީސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސަށް ހާއްސަ ކޮޓަރިކޮޅާއި އަދި މިހާރު ބޭނުން ކުރާ ކެބިނެޓް ރޫމް / އުތީމް މާލަމާ އުތީމް ކޮޓަރިކޮޅު ވެސް އެއީ ހަމްދާން އިސްވެ ހުންނަވާ ފުރިހަމަ ކޮށްފައިވާ މަސައްކަތެކެވެ. އޭނާ އެކަން ކުރައްވާފައި ވަނީ ރައީސް ޔާމީންގެ ދައުރުގަ އެވެ. 

ހަމްދާނާއި ޓީމް އޮތީ 100 ޕަސެންޓް ރެޑީވެފައި

ރައީސު މުއިއްޒު ވަނީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ވަރަށް ބޮޑު ވައުދެއް ވެވަޑައިގެންފަ އެވެ. އެއީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެއްވުމެވެ. ރައްޔިތުންނަށް ބުރައަކާ ނުލައި ސަރުކާރުން ފްލެޓާއި ބިން ދީ، ނުހެދި ހުރި ބިންތަކުގައި އިމާރާތް ކުރަން ލުއި ގޮތްކެއް ހަމަޖައްސައި ދެއްވުމެވެ. އެ ބޮޑު ވައުދުން ޓާސްކްތަކެއް ލައްވާލަނީ އެފްޑީސީއަށެވެ. އެފްޑީސީން އެ ނަތީޖާ ނެރެ ޑެލިވާ ކުރަން ހުންނެވީ ހަމްދާނެވެ. އެހެންވެ އޭނާ މަގާމާ ހަވާލުވެ ވަޑައިގަތުމާއެކު ޕޮލިސީތައް ވެސް ޑިޒައިން ކުރައްވަނީ ރައީސްގެ ވައުދުތަލަށް ރިފްލެކްޓް ވާނެ ގޮތަކަށެވެ.

"އަޅުގަނޑު ޓީމާ ބައްދަލުކޮށް މިހާރު ހުންނާނީ ބައެއް އިންސްޓްރަކްޝަންތައް ދީފައި ޕްރޮޖެޓްތައް ހިނގާއިރު ހުންނަންޖެހޭ ކަންކަމާ ގެންނަންޖެހޭ ބަދަލުތަކަށް... މިސާލަކަށް އިމާރާތް ކުރާއިރު އާންމު ރައްޔިތަކަށް އަދި ހަމަ ހަތަރު ފާރު ރާނާލާފައި ދިނީމާ އެ ވަރަކުން ނުފުދޭ... އިންޖިނިއަރިން ޓީމާ ވާހަކަ ދައްކައިގެން އިންސްޓްރަކްޝަނެއް ދީފައި އޮންނާނީ ދެން ޑިޒައިން ކުރާއިރު ޔުނިޓްތަކަށް ދިރިއުޅުން ބަދަލު ކުރީމާ ހާސް ކަމެއް އިހުސާސް ވެގެނެއް ނުވާނޭ! ވެންޓިލޭޝަން ހުންނަންޖެހޭނީ އިންސާނަކަށް ނޭވާލެވޭ ހާލަތުގައޭ އިމާރާތުގައި ހަމައެކަނި ޑިސަލާއި ޕެޓްރޯލަކުން ނޫނޭ ކަރަންޓް ނެގެން ޖެހޭނީ... ގްރީން ޑިވެލޮޕްމަންޓްގެ އިލެމެންޓްތައް ވެސް ހިމަނަން ވާނޭ" 

"ކުރިޔަށް އޮތްތާނގައި ރައްޔިތުންނާ ހަމައަށް ޔުނިޓް ޑެލިވާ ކުރާއިރު މީގެ ކުރީން ރާއްޖޭގެ ދިވެހި ރައްޔިތަކަށް ސޯސަލް ހައުސިން ސްކީމެއްގެ ދަށުން ނުލިބޭ ވަރުގެ ފުރިހަމަ ހިތްގައިމު ހައުސިން ޔުނިޓެއް ލިބޭނީ... ވަރަށް ބޮޑަށް އެބަ ބާރު އަޅަން ހިއުމަން އެލެމެންޓަށް... އާންމު މީހާއަށް އުފުލަން ޖެހޭ ބުރަތައް ކުޑަ ވެގެން ދާނެ ގޮތަކަށް އެޕާޓްމަންޓްތަކަކީ ޖާގަ ތަނަވަސް އަތް ފޯރާ ފަށުގައި ހުންނަ އަދި އުޅެން ހެޔޮވާރުގެ ތަންތަން ހަދަން... ރައީސް މުއިއްޒުގެ އޮތީ ފަހި ބޯހިޔާވައްސެއް ހޯދައި ދިނުމުގެ ނިޔަތް،" 

އެފްޑީސީ އަކީ ދައުލަތުގެ އީ ކެޓަގަރީގެ ކުންފުންޏެކެވެ. ހަމްދާން ވިދާޅުވި ގޮތުގައި އޭނާގެ އަމާޒެއް އެބައޮތެވެ. އެއީ މި ފަސް އަހަރު ތެރޭގައި އެންމެ ދަށް ވެގެން ކެޓަގަރީ ސީއަށް އެފްޑީސީ އަޕްގްރޭޑް ކުރުމެވެ. އެކަން ކުރެވޭނީ ކުންފުނީގެ ރެވެނިއު މަތިކޮށް އެސެޓް ގިނަ ކޮށްގެން މުވައްޒަފުން އިތުރުކޮށް ސާފު ފައިދާ ވެސް އިތުރު ކޮށްގެނެވެ. 

ހަމްދާން ޝަކީލް

"އެކަން ކުރަން އަޅުގަނޑު މިހުރީ ތައްޔާރަށް އަޅުގަނޑާއެކު ޓީމް އޮތީ ތައްޔާރަށް،" ހަމްދާން ވިދާޅުވި އެވެ.

ގާތްގަނޑަކަށް 140 އަށްވުރެ ގިނަ މުވައްޒަފުންގެ މައްޗަށް އޮތް އެފްޑީސީގެ ޓީމަށް ހަމްދާން ވަނީ ވަރަށް ބޮޑަށް ތައުރީފު ވެސް ކުރައްވާފަ އެވެ. ވިދާޅުވި އެވެ:

"ހަގީގަތުގައި ވަރަށް ޒުވާން ވަރަށް ކޭޕަބަލް ވަރަށް އެނެޖެޓި ޓީމެއް... މި ޓީމާމެދު އެއްވެސް ޝަކުވާއެއް ސުވާލެއް ވެސް ނެތް! މި ޓީމަށް މަދީ އެންމެ ކަމެއް އެއީ މަސައްކަތް ކުރާނެ ފުރުސަތު އެކަން އަޅުގަނޑު ފަހި ކޮށްދޭނަން، ޓީމް އޮތީ މަސައްކަތް ކުރަން ކެތް މަދުވެފައި! އެފްޑީސީގައި އޮތީ އެހެން ކުންފުނިތަކާ އަޅާ ކީ ނަމަވެސް ފާހަގަ ކޮށްލެވޭނެ ވަރުގަދަ ޓީމެއް،"

ހަމްދާން ވިދާޅުވި ގޮތުގައި އޭނާގެ ތަޖުރިބާ އާއި މަސައްކަތަށް ލިބި ވަޑައިގެންފައިވާ ޓީމާއެކު ރައީސް މުއިއްޒުގެ ރައްޔިތުން އެދޭ އަމާޒަށް ވާސިލު ވެވޭނެ އެވެ.

"އަޅުގަނޑަށް 100 ޕަސެންޓް ޔަގީންކަން އެބައޮތް ޑެލިވާ ކުރެވޭނެ އަދި އަޅުގަނޑު ދަންނަ ކޮންމެ މީހަކަށް އެނގޭނެ ކިތަންމެ ބުރަ މަސައްކަތެއް ނެގިޔަސް ނަތީޖާ ނެރޭނެކަން. އެ ނަތީޖާ ނެރެފައި ނޫނީ މަސައްކަތެއް ހުއްޓާ ނުލާނެކަން... ނަތީޖާ ނެރެން ކުރަން ޖެހުނު ކޮންމެ ކަމެއް އަޅުގަނޑު ކުރާނަން އެގޮތަށް ޓީމް ވެސް އޮތީ 100 ޕަސެންޓް ރެޑީގައި! ރައީސް މުއިއްޒުގެ ހައުސިން ވައުދުގެ ތެރޭން އަޅުގަނޑާ ހަވާލުވެ އޮތް ހުރިހާ ކަމެއް ޑެލިވާ ކުރާނަން... އަޅުގަނޑު ފަތިހު ތެދުވާނަން ގިނަ ސްޓާފުންނަށް ވުރެ ކުރީން ހުންނާނީ މަސައްކަތުގައި، އަޅުގަނޑު ކަންނެތެއް ނުވާނެ،" 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.