މިދިޔަ އަހަރު ސަރުކާރުގެ ވުޒާރާތަކަށް އެއް ބިލިއަން ރުފިޔާއާ ގާތް ކުރާ އަދަދަކަށް އިމްޕޯޓް ޑިއުޓީގެ އިނާޔަތް ލިބިފައިވެ އެވެ.
އެކި ސިޔާސަތުގެ ދަށުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި ކޮންމެ އަހަރަކުވެސް ބޮޑު ލުޔެއް ދެ އެވެ. މިދިޔަ ދެ އަހަރު ވެސް ބޮޑުތަނުން އެ ލުއި ދީފައިވެ އެވެ. މިދިޔަ ދެ އަހަރަށް ބަލާއިރު މިގޮތަށް ދިން ލުއިގެ ބޮޑު ފައިދާ ލިބުނީ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކަށެވެ.
ތަފާސް ހިސާބުތަށް ދައްކާ ގޮތުގައި މިދިޔަ ދެ އަހަރު އެކި ސިޔާސަތުތަކުގެ ދަށުން ޖުމްލަ ދެ ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ ލުއި ސަރުކާރުން ވަނީ ދީފަ އެވެ. އެގޮތުން 2021 ވަނަ އަހަރު މުދާ އެތެރެ ކުރާ ފަރާތްތަކަށް ޖުމްލަ 1.1 ބިލިއަން ރުފިޔާގެ ލުއި ދިންއިރު މިދިޔަ އަހަރު މިއަދަދު ވަނީ 1.6 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.
މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު 44 ޕަސެންޓުގެ އިތުރުވުމެކެވެ. މިއީ ނޮމިނަލް ޖީޑީޕީގެ ނިސްބަތުން ބަލާނަމަ 1.7 ޕަސެންޓެވެ.
މިގޮތުން އެންމެ ބޮޑު ލުޔެއް ދައުލަތުން ދެނީ ސަރުކާރުގެ އިދާރާތަކަށް ކަމަށް ދައްކަ އެވެ.
މި މައުލޫމާތުތަށް ދައްކާ ގޮތުގައި މިދިޔަ ދެ އަހަރުވެސް އިމްޕޯޓް ޑިއުޓީއަށްދޭ އިސްތިސްނާ އާއި ލުއި އެންމެ ގިނައިން ލިބިފައިވަނީ ސަރުކާރަށެވެ. މިދިޔަ އަހަރު އެއް ބިލިއަން ރުފިޔާއާ ގާތް ކުރާ އަދަދަކަށް ދައުލަތުގެ ވުޒާރާތަކަށް މި ލުއި ލިބިފައިވެ އެވެ. އަދި ދެވަނައަށް ޑިއުޓީގެ އިނާޔަތުގެ ލުއި ލިބިފައިވަނީ ފޮރިން އިންވެސްޓްމަންޓްތަކެވެ. ރާއްޖޭގައި ކޮށްފައިވާ ބޭރުގެ އިންވެސްޓްމަންޓްތަކަށް 259.1 މިލިއަން ރުފިޔާގެ ލުއި ދީފައިވެ އެވެ.
ޑިއުޓި ރޭޓްތަކަށް އަންނަ މި ބަދަލާއެކު ދައުލަތަށް ލިބޭ އާމްދަނީއަށް ބަދަލު އާދެ އެވެ. އިމްޕޯޓް ގާނޫނުގެ ދަށުން މިފަދަ އިސްތިސްނާ ނުވަތަ ޑިސްކައުންޓް ދޭ ހާލަތްތަކެއްވެ އެވެ. ޓެކްސް އެކްސްޕެންޑިޗާ ހިސާބު ކުރުމުގައި މިފަދަ މިފަދަ އިސްތިސްނާތަށް ހިމެނިފައި ނުވިނަމަވެސް މިއީ ސަރުކާރަށް ނުލިބި ދޫކޮށްލާ އާމްދަނީ އެކެވެ.