ނޮވެންބަރު ތިން ވަނަ ދުވަހު ދިވެހިންނާ ކުރިމަތިވި ބިރުވެރި ހާދިސާގައި، ދިވެހިންނަށް ނަސްރު ލިބުމުގެ ސިއްރަކީ ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރު ގުޅިގެން ކުރި މަސައްކަތާއި ޖިހާދުގެ ސަބަބުކަމުގައި ވެސް ވިދާޅުވި އެވެ.
ޢަޒުމަކަށް ހަދަންވީ ދިވެހިރާއްޖޭގެ ކަރާމަތާއި ދިވެހިންގެ މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމުގައި ސާބިތުވެ ތިބުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި އިލްތިމާސް ކުރެއްވީ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން ދުރުހެލިވެ ތިބެ ފަރުދީ މަސްލަހަތުގެ މައްޗަށް ގައުމީ މަސްލަހަތު އިސްކުރުމަށެވެ. އަދި އެމަނިކުފާނު ވަނީ ދިވެހިން މަސައްކަތް ކުރަންވީ ދަރިންގެ ހިތްތަކުގައި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ފަރުދީ ގޮތުން މަސައްކަތް ކުރުމުގެ ރޫހު އަށަގެންނެވުމަށް ކަމުގައި ވިދާޅުވެފައެވެ. ކުޑަކުދިންގެ ހިތްތަކުގައި ގައުމީ ލޯބި އާލާކޮށް ގައުމީ މަސްލަހަތު އިސްކުރުމުގެ ސިފަ އެކުދިންގެ ކިބައިގައި ހަރުލެއްވުމަކީ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ވަރަށް މުހިންމު ބޭނުމެއް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ހިތާބުގައި ވީ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމުގައި ސަރުކާރާއި ރައްޔިތުން ގުޅިގެން އެއް ރޫޙެއްގައި އެއް އަޒުމެއްގައި އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. ނޮވެންބަރު ތިން ވަނަ ދުވަހު ދިވެހިންނާ ކުރިމަތިވި ބިރުވެރި ހާދިސާ ގައި ދިވެހިންނަށް ނަސްރު ލިބުމުގެ ސިއްރަކީ ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރު ގުޅިގެން ކުރި މަސައްކަތާއި ޖިހާދުގެ ސަބަބުކަމުގައި ވެސް ވިދާޅުވި އެވެ.
އަދި އެ ދުވަހު ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެވުނީ ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި މިނިވަންކަމަށްޓަކައި ގުރުބާންވުމުގެ ރޫހު ދިވެހިންގެ ކިބައިގައި ވަރުގަދަ ކަމުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ހިތާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނުރައްކާތެރި ލާއިންސާނީ އުދުވާންތަކަކާ ކުރިމަތިލާންޖެހިފައިވާ މުސްލިމް އަހުންނާއި އުހުތުންގެ ހާލަތު ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ފަލަސްތީނުގެ މިނިވަންކަމާއި ސިޔާދަތު ނިގުޅައިގަނެ، ޒަޔަނިސްޓުންގެ އިސްތިއުމާރީ އަޅުވެތިކަމުގައި ފަލަސްޠީނުގެ ރައްޔިތުން ކަސްތޮޅު އަޅުވާފައި ތިބޭތާ 75 އަހަރު ވެގެން ދިޔައިރު، ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން މިއަދު ތަހައްމަލު ކުރަމުން ދަނީ، މިޒަމާނުގެ އިންސާނީ ތާރީހު ނުދެކޭހާ އަނިޔާވެރި ލާއިންސާނީ އަމަލުތަކެއް ކަމުގައި އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. ބައިނަލްއަގްވާމީ މުޖްތަމައުގެ ހުރިހާ ކަންކޮޅެއްގައި ޒަމާނީ ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކުގެ އަޑު ގުގުމަމުންދާ މި ޒަމާނުގައި ފަލަސްތީނުގެ ރައްޔިތުންނަށް ވުރެ ވަކިން ބޮޑަށް އެ ހައްގުތަކުން މަހްރޫމް ކުރެވި ނިކަމެތި ކުރެވިފައިވާ އެހެން ބަޔަކު އަދުގެ ދުނިޔޭގައި ނެތް ކަމުގައިވެސް ރައީސް ހިތާބު ގައި ފާހަގަ ކުރެއްވި އެވެ.