ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން އާ ސަރުކާރުން ދޭނެ: މުއިއްޒު

މިއަދަކީ ރާއްޖޭގެ ނަސްރުގެ ދުވަހެވެ. ނޮވެންބަރު 3، 1988 އެއީ ފަހުގެ ތާރީހުގައި ދިވެހިން ތަޖުރިބާކުރި އެންމެ ހިތްދަތި / އެންމެ ބިރުވެރި އެންމެ ހިތާމަވެރި ދުވަހެވެ.

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން އާ ސަރުކާރުން ދޭނެ ކަމުގެ ޔަގީންކަން އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ނަސްރުގެ ދުވަހުގެ ތަހްނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވާ ރައީސް މުއިއްޒު ކުރެއްވި ޓްވީޓެއް ގައި ވިދާޅުވީ ނަަސްރުގެ ދުވަހުގެ ޒިކުރާ އާކޮށް އެ ދުވަހާއި ބެހޭ މައުލޫމާތު ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުން މުހިއްމު ކަމަށެވެ. ހާއްސަކޮށް ޒުވާނުންނަށް އެ މައުލޫމާތު ދިނުން މުހިންމު ކަމަަށް ވިދާޅުވި އެވެ.

އެހެން ކަމުން އަންނަ އަހަރުން ފެށިގެން ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމަ އަަށް ދޭނެ ކަމަަށް ވިދާޅުވި އެވެ.

މިއަދަކީ ރާއްޖޭގެ ނަސްރުގެ ދުވަހެވެ. ނޮވެންބަރު 3، 1988 އެއީ ފަހުގެ ތާރީހުގައި ދިވެހިން ތަޖުރިބާކުރި އެންމެ ހިތްދަތި / އެންމެ ބިރުވެރި އެންމެ ހިތާމަވެރި ދުވަހެވެ.

ނިމޭން މިދާ ސަރުކާރުން ނޮވެންބަރު ތިނަކަށް ދޭ ސަމާލުކަން ކުޑަ ކަމުގެ ތުހުމަތު އޮއްވާ މިދިއަ އަހަރު ދައުލަަތުގެ މީޑިއާއިން އެ ދުވަހާ ގުޅޭ އެއްވެސް ޕްރަގްރާމެއް ގެނެސް ނުދޭން ނިންމި އެވެ. އަދި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވަނީ ނަސްރުގެ ދުވަސް ހިމެނެނީ "ބީ ކެޓަގަރީ" ގައި ކަމަށް ވިދާޅުވެފަ އެވެ.

އަދި މީގެ 34 އަހަރު ކުރީން ފެށިގެން ނަސްރުގެ ދުވަހާއި ގުޅުވައިގެން ގެނެސްދޭ "ކިޔާ ދޫތަކުން މީ" މި ލަވައިގެ ބައެއް މަންޒަރުތަކާއި ކަޑިއެއް އުނި ކުރަންވެސް ސަރުކާރުން އެނގި އެވެ. ސަރުކާރުގެ އެ އެންގުން ތަންފީޒު ވެސް ކޮށްފައި ވެއެވެ. މި ލަވައިގައި "ބާޣީ" ހިމެނޭ ބައި ކަނޑާލި ކަން ޕީއެސްއެމްގެ މުވައްޒިފުން ވެސް ޔަގީން ކޮށްދެ އެވެ.

މީގެ އިތުރުން މިފަދަ މުނާސަބަތުތަކުގައި މާލޭގެ މުހިންމު ސަރަހައްދުތަކުގައި ގައުމީ ދިދަ ޖަހައެވެ. އެ ޒިންމާ އޮންނަނީ ސިޓީ ކައުންސިލަށެވެ. އެކަމު އެކަން އެ ކައުންސިލުން ކުރަނީ ސަރުކާރުން އެންގީމަ އެވެ. މިދިޔަ އަހަރު ނޮވެންބަރު މަހު ދިދަ ޖަހަން ޖެހޭ ދުވަސްތައް ރައީސް އޮފީހުން އޮތީ ސިޓީ ކައުންސިލަށް އަންގާފަ އެވެ. އެ ލިސްޓްގައި ވެސް ނަސްރުގެ ދުވަހެއް ނެތެވެ. ރައީސް އޮފީހުން އެދިފައި ވަނީ ނަސްރުގެ ދުވަހަށް ފަހު އޭގެ އަށް ދުވަސް އަންނަ ޖުމްހޫރީ ދުވަހަށް ހާއްސަކޮށް ދިދަ ޖަހާށެވެ. އެކަން ސިޓީ ކައުންސިލުން މިދިޔަ އަހަރު ޔަގީން ކޮށްދިނެވެ.

ނޮވެމްބަރު ތިނެއްގައި ރާއްޖޭގައި އޮތް ގާނޫނީ ސަރުކާރު ބަދަލު ކޮށްލުމަށް ދިވެހީންގެ މަދު ބަޔަކާއި ސްރީލަންކާގެ ހަތިޔާރު އެޅި ހަނގުރާމަވެރި ޖަމާއަތެއް ގުޅިގެން ވެރިރަށް މާލެއަށް އަރާ ރަހުމެއް ނެތި ބަޑީން ދިން ހަމަލާތަކުގަައި 19 ދިވެހީން ޝަހީދުކޮށްލި އެވެ. އެތައް ބަޔަކު ރަހީނުކޮށް ބިރުވެރި ކަމުގައި ބައިތިއްބިއެވެ.

ނަމަވެސް އެ ދުވަހު ދިވެހީންނަށް ނަސްރު ލިބުނެވެ. އޭގެ ފަހުން ކޮންމެ އަހަރެއްގެ ނޮވެންބަރު ތިން ވަނަ ދުވަސް ފާހަަގަ ކުރަނީ ނަސްރުގެ ދުވަހުގެ ގޮތުގައެވެ. ކުލަގަދަކޮށް / ހާއްސަ އިސްކަމެއް ދީގެން ފާހަގަ ކުރަމުން އައި އެ ދުވަސް އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި 2009 އިން 2011 އަށް ފަނޑު ކުރި އެވެ. އެމްޑީޕީގެ މި ސަރުކާރު އައި ފަހުންވެސް އެ ދުވަހަށް އޮތް އިސްކަން ކުޑަކޮށްފައިވާ ކަމަށް އާންމުން ދެކެ އެވެ. ނޮވެމްބަރު 3 ގެ ހަމަލައާ ގުޅިގެން ޝަރީއަތް ހިންގާ އަދަބު ދިން މީހުންގެ ތެރޭގައި ރައީސް ސޯލިހުގެ އަނބިކަނބަލުންގެ ބައްޕާފުޅު ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.