އިންޑިއާ ސިފައިން ތިބި އަދަދެއް ސާފެއް ނުވޭ: އަބްދުއްރަހީމް

"މިހާތަނަށް އައިއިރު [ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ] ސާފު އަދަދެއް އޮޅުންފިލާފައެއް ނެތް. [އިންޑިއާ ސިފައިން] ތިބި ކަމުގެ ޔަގީންކަން އެބަ އޮތް،"

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ނޫސްވެރީންނާއި ބައްދަލު ކުރައްވަނީ

ރާއްޖޭގައި ތިބި އިންޑިއާގެ އަދަދު ސާފު ވެފައި ނުވާ ކަމަށް ޕީއެންސީގެ ޗެއާޕާސަން / ޓްރާންސިޝަނަލް ކޮމިޓީގެ ވެރިޔާ އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން މިއަދު އައްޑޫއަށް ދަތުރު ފެއްޓެވުމުގެ ކުރީން ވީއައިއޭގައި ނޫސްވެރީންނާއި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިބި ކަމަށާ އެއީ މި ސަރުކާރުން ވެސް ފަހުން އެއްބަސް ވެފައިވާ ކަމެއް ކަމަށެވެ.

ނަމަވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސީދާ އަަދަދެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

"މިހާތަނަށް އައިއިރު [ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ] ސާފު އަދަދެއް އޮޅުންފިލާފައެއް ނެތް. [އިންޑިއާ ސިފައިން] ތިބި ކަމުގެ ޔަގީންކަން އެބަ އޮތް،"

އަބްދުއްރަހީމް މިއަދުވެސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާ ސިފައިން އެބަތިބި ކަމަށެވެ. އެ ގޮތުން މާލެ ސަރަހައްދުން އުތުރުތިލަފަޅާއި ދެކުނުން އައްޑޫއާއި ލާމު ގަމުގައި އަދި އުތުރުގައި ހދ. ހަނިމާދޫ ގައި އިންޑިއާ ސިފައިން ގާއިމުވެ ތިބި ކަމަށެވެ.

"ކަނޑައެޅިގެން އެތައް ސަތޭކަ އެކޭ ދަންނަވަން ފަސޭހައެއް ނޫން،" އިންޑިއާ ސިފައިންގެ އަދަދު ވަރަށް ގިނަ ވާނެތޯ ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

މުއިއްޒުގެ އިސްކަން އިންޑިއާ ސިފައިން ބޭލުމަށް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެންމެ އިސްކަން ދެއްވާނީ އެކަމަކަށް ކަމަށް ވިދާޅުވި އެވެ. ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ތިބުމަކީ ގައުމުގެ މިނިވަން ކަމާއި އިސްތިގުލާލަށް އޮތް ހުރަހެއް ކަމަށް ވެސް މުއިއްޒު ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މިދިޔަ ހަފްތާ ގައި ބްލޫމްބާގް ނިއުސްއާ ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަޝްވަރާތައް އެ ގައުމާ އެކު މިހާރު ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. އެ މަޝްވަރާތައް ކުރިއަށް ގެންދާ ގޮތުގެ ތަފްސީލެއް ހިއްސާ ކުރައްވާފައެއް ނުވެ އެވެ. އިންތިހާބީ ރައީސް ވިދާޅުވީ މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ޗައިނާ ނުވަތަ އެ ނޫން ގައުމެއްގެ އަސްކަރިއްޔާގެ ބަޔަކަށް ރާއްޖޭގައި ތިބެން ފުރުސަތު އޮތުން ނޫން ކަމުގެ ޔަގީންކަން ވެސް އިންތިހާބީ ރައީސް ދެއްވި އެވެ.

"އަޅުގަނޑު ބޭނުން ވަނީ ދެ ގައުމުގެ [އިންޑިއާ-ރާއްޖެ] ގުޅުމަކީ ވެސް އެ ފަރާތަށް ފައިދާ ހުރި ގުޅުމަކަށް ވުން،" އިންޑިއާ ސިފައިން ބޭލި ނަމަވެސް ރާއްޖެއާ އިންޑިއާގެ ގުޅުން ބޭއްވިދާނެ ކަން ހާމަ ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.  

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ބްލޫމްބާގް ނިއުސްއާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި މި ވާހަކަފުޅު އިންޑިއާގެ ގިނަ ނޫސްތަކުން ވެސް ވަނީ ރިޕޯޓް ކޮށްފައެވެ. އިންޑިއާގެ ނޫސްތަކުގައި ބުނާ ގޮތުން ރާއްޖޭގައި ތިބީ އިންޑިއާ ސިފައިންގެ 70 ވަރަކަށް މީހުންނެވެ.

އެ މީހުންނަކީ އިންޑިއާގެ އެހީގައި ރާއްޖޭގައި ގާއިމުކޮށްފައިވާ ރާޑަރު ސްޓޭޝަންތަކާއި ސަވައިލެންސް ހަރަކާތްތަކަށް ބޭނުން ކުރާ ހެލްކޮޕްޓަރާއި ޑޯނިއާ ދުއްވާ އެ ތަކެތި ބަލަހައްޓަން ތިބި މީހުންނެވެ. އަދި އިންޑިއާގެ ހަނގުރާމަ މަތީ މަނަވަރުތަކުން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ބެލެހެއްޓުމުގައި އެހީތެރިވެދޭ ކަން ވެސް ނޫސްތަކުގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އަޑުއުފުއްލަވާ ލީޑަރުން ވިދާޅުވާ ގޮތުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަަދަދު 300 ވުރެ އިތުރުވާނެ އެވެ. އަދި އިންޑިއާގެ އެހީގައި ސަރުކާރުން ހިންގާ އެކި މަޝްރޫއުތަކު ގައި އިސްކޮށް މަސައްކަތް ކުރުމަށް އަންނަނީ ވެސް އިންޑިއާގެ އަސްކަރިއްޔާގައި ކުރީން މަސައްކަތް ކޮށްފައިވާ މީހުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.