ޕީޕީއެމް-ޕީއެންސީގެ ޓިކެޓްގައި ހޮވޭ އަންހެން މެމްބަރުންނަށް ޕާޓީ އެލަވަންސެއް

މަޖިލީހަށް އަންހެން ބޭފުޅުން ހޮވަން ބާރު އަޅުއްވާ އިސްކަން ދެއްވާނެ ކަމަށް މީގެ ކުރިން ވެސް ތަކުރުރާކޮށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އިންތިހާބީ ރައީސުލްޖުމްްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ޕީޕީއެމް-ޕީއެންސީގެ ޓިކެޓްގައި ހޮވޭ އަންހެން މެމްބަރުންނަށް ޕާޓީގެ ފަރާތުން އެލަވަންސެއް ދިނުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައި
  •  މަޖިލިސް20 ގައި ގިނަ އަންހެނުން ބައިވެރިކޮށް ހޮވައިދޭން އެދި ވަޑައިގަތް

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވީހާވެސް ގިނަ އަންހެނުން ބައިވެރިކޮށް ހޮވައިދިނުމަށާއި، އެ ދެ ޕާޓީން ހޮވޭ އަންހެން މެމްބަރުންނަށް ޕީޕީއެމް-ޕީއެންސީގެ ފަރާތުން ހާއްސަ އެލަވަންސެއް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ކުރިއަށް އަންހެނުން" ގެ ޝިއާރުގައި މަޖިލީސް އިންތިހާބުގެ ޕޯސްޓަރެއް ހިއްސާ ކުރައްވަމުން އެކްސްގައި ރައީސް މުއިއްޒު ގޮވައިލެއްވީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމް-ޕީއެންސީއަށް ނިސްބަތްވާ 20 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަށެވެ. 

އެގޮތުން މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު އަންހެނުންނަށް ދީ، އެ މީހުން ހޮވައިދޭން މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގެންފައި ވެ އެވެ.

މުއިއްޒު ވިދާޅުވެފައި ވަނީ އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ޕީޕީއެމާއި ޕީއެންސީގެ ކޯލިޝަންގެ ޓިކެޓްގައި މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެމްބަރަކަށް ދެ ޕާޓީގެ ފަރާތުން ހާއްސަ އެލަވަންސެއް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

"މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން، ޕީޕީއެމް / ޕީއެންސީ އިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރައާއި އެލަވަންސްގެ އިތުރުން ޕާޓީއިން ހާއްސަ އެލަވަންސެއް ދޭ ގޮތަށް ހަމަޖައްސަން އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

އަންހެނުންނަށް ވީހާވެސް ގިނަ ގޮނޑި ކާމިޔާބުކޮށްދިނުމަށް މުއިއްޒު ގޮވާލައްވާފައިވާއިރު މިދައުރުގައި މަޖިލީހުގައި ތިއްބެވީ ހަތަރު އަންހެން މެމްބަރުންނެވެ. އަންހެން މެމްބަރުންނަށް ވަކި ޕަސެންޓެއް ކަނޑައެޅުމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ވަނީ ބިލެއް ވެސް ހުށަހަޅާފަ އެވެ.

މަޖިލީހަށް އަންހެން ބޭފުޅުން ހޮވަން ބާރު އަޅުއްވާ އިސްކަން ދެއްވާނެ ކަމަށް މީގެ ކުރިން ވެސް ތަކުރުރާކޮށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

ސުޕަ މެޖޯރިޓީއަކަށް މުއިއްޒު އުންމީދު ކުރައްވާ

މަޖިލިސް20 ގައި 60 ވުރެ ގިނަ ގޮނޑި ޕީޕީއެމް - ޕީއެންސީން ކާމިޔާބުކޮށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯއްދެވުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.   

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ކުރިމަތިލާއިރު އޮތް އެންމެ ބޮޑު ޔަގީން ކަމަކާއި ހިތްހަމަޖެހުމަކީ ޕީޕީއެމް / ޕީއެންސީ އަށް ފުރުސަތު ދިނުމަށް ރައްޔިތުން ބޭނުންވުމެވެ. އެކަން ނިމިގެންދިޔަ ރިޔާސީ އިންތިހާބުން ސާފުވެފައިވުމެވެ.

އެ މަނިކުފާނު ވިދާޅުވީ ދިވެހި އިގްތިސޯދު ރަނގަޅުކޮށް ދިވެހިންގެ ހާރިޖީ ސިޔާސަތު ހަމަ މަގަށް އަޅުވާ ރައްޔިތުން އެދޭ ފަދަ ވެރިކަމެއް ގާއިމު ކުރެއްވުމަކީ އެމަނިކުފާނު ވެވަޑައިގެންފައިވާ އެންމެ މުހިންމު ވައުދުތައް ކަމަށެވެ. އެކަން ކުރުމުގައި ރާއްޖޭގެ ނިޒާމު ހަމަޖެހިފައި އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް ކްރިޓިކަލް ވެފައި އެހާމެ މުހިންމު ކަމަށެވެ. އަދި ވިހިވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯއްދެވުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. ވިދާޅުވީ އަލަށް އުފެދޭ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 60 ގޮނޑި ހޯދުމުގެ އަމާޒެއް އެބައޮތް ކަމަށެވެ.

"އެންމެ ބޭނުން ވަނީ ޓޫތާޑް މެޖޯރިޓީއެއް ލިބޭ ވަރަށް މެންބަރުން ހޮވުން،" މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

2
450
ލއޝ
10 months ago

އަޅުގަނޑަށް ކުރިން ނުލިބުނު ހިއްވަރެއް މުއިޒް ހޮވުނުފަހުން ލިބިއްޖެ. ކިޔަވައިގެން ހުއްޓަސް މަޖިލިސް ކުރިމަތިލާނެ ހިއްވަރު އަދި މި ލިބުނީ. ޝުކުރިއްޔާ ޑރ މުިޒް

ތަރައްޤީ ގައުމު
10 months ago

މިކަންވާނީ އެންމެންގެ އެއްބާރު ލިބިގެން. އެއް އާއިލާ އަކުން ޕްރައިމަރީގަ ވާދަ ކުރޭ އެބަ ހައެއްކަ މީހުން. ޕްރައިމަރީ ނިމޭ އިރު އޮންނާނީ މުޅި އާއިލާ ޖެހި ހަފްސްވެފަ. ދެން ޕްރައިމަރީން ބަލި ވި މީހުން ނުދޭނެ ދެން ވޯޓްވެސް. ތަރައްޤީ ގައުމު

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.