ތިލަމާލެ ބްރިޖް: ފުންކަނޑުގެ ޕައިލިންތަކަށް އުޅަނދެއް

ތިލަމާލެ ބްރިޖްގެ މަސައްކަތް ލަސް ކަމަކަށް ސަރުކާރުން ގަބޫލެއް ނުކުރެ އެވެ. ނަމަވެސް ވިލިމާލެއާ ގުޅިފަޅު އަދި ގުޅިފަޅާއި ތިލަފުށި ގުޅާލާން އޮތް ތާރީހަށް މަސައްކަތް ނިންމައި ތިލަމާލެ ބްރިޖް މަޝްރޫއު ނިމޭނެ ކަމުގެ އުންމީދެއް މިހާރު ނެތެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތުގައި ފުން ކަނޑުގެ ޕައިލިން އަށް ގެނައި ސެލްފް އެލެވޭޓެޑް ޖެކަޕް ޕްލެޓްފޯމް، "މަހަކްސިޔާ" -- ފޮޓޯ: އެފްކޮންސް

ތިލަމާލެ ބްރިޖްގެ މަސައްކަތުން ފުން ކަނޑުގައި ކުރަންޖެހޭ މަސައްކަތްތަކަށް ހާއްސަ އުޅަނދެއް / ޖެކްއަޕް ޕްލެޓްފޯމެއް ގެނެސް މާލޭ ބަނދަރު ޖަހައިފި އެވެ. 

ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް އިން "މި" ނޫހަށް ފޮނުވި މައުލޫމާތުތަކެއްގައި ބުނީ ކުރިން ބްރިޖްގެ މަސައްކަތަށް ގެނައި ސެލްފް އެލެވޭޓެޑް ޕްލެޓްފޯމްސް "މަހާރާނީ" އާއި "މަހާރާޖާ" އަށް ފަހު އެފަދަ ތިންވަނަ ޕްލެޓްފޯމެއް  މިހާރު ރާއްޖެއަށް ފޯރާއި މާލެއަށް ބަނދަރު ކޮށްފައިވާ ކަމަށެވެ. އަދި އެއީ ފުން ކަނޑުގައި ކުރަން ޖެހޭ ޕައިލިންގެ މަސައްކަތަށް ބޭނުން ކުރާނެ ވަރަށް މުހިންމު އުޅަނދެއް ކަމަށެވެ.

އަލަށް އެފްކޮންސް އިން ގެނައި ސެލްފް އެލެވޭޓެޑް ޕްލެޓްފޯމަށް ކިޔަނީ "މަހަކްސިޔާ" އެވެ. 

މީގެ ކުރީން ތިލަމާލެ ބްރިޖްގެ މަސައްކަތުގައި މާލެ އާއި ވިލިމާލެއާ ދެމެދުގެ ޕައިލްތަކުގެ މަސައްކަތަށް "މަހަރާޖާ" ޖެކްއަޕް / ޕްލެޓްފޯމް ޑިޕްލޯއި ކޮށްފައި ވަނީ އޯގަސްޓް 5، 2023 ގައެވެ. އެއީ އެފްކޮންސްގެ އަމިއްލަ ޖެކްއަޕް ޕްލެޓްފޯމެކެވެ. އެއީ މެދު ދިޔައިގައި އެންމެ ފުން ނޫން އަދި އެންމެ ތިލަ ނޫން ހިސާބުގެ ޕައިލިންއަށް ޑިޕްލޯއި ކުރި ހަތަރު ފައިކަށީގެ މައްޗަށް ހުންނަ ޖެކް އަޕް އެކެވެ. މަހަރާޖާ ޖެކްއަޕް، ފްލޯޓިން ޕްލެޓްފޯމަކީ 650 ޓަނުގެ ބަރުދަން ހުންނަ، އަދި 350 ޓަނާ ހަމައަށް ބަރުދަން އުފުލޭނެ މި ފަދަ މަސައްކަތްތަކަށް އެންމެ ފުރިހަމައަށް ތައްޔާރުކޮށްފައިވާ އުޅަނދެކެވެ.

މަހާރާޖާ ޑިޕްލޯއި ކުރި އިރު އެފްކޮންސްގެ "މަހާރާނީ" ޖެކްއަޕް ޕްލެޓްފޯމް ބްރިޖްގެ ތިލަ ހިސާބުގެ މަސައްކަތްތަކަށް ބޭނުން ކުރެ އެވެ.

ތިލަމާލެ ބްރިޖްގެ އެންމެ ފަހުގެ އަޕްޑޭޓަކީ ޕްރީކާސްޓް ސެގްމެންޓްތައް އަޅަން ފެށުމެވެ. ޕްރީކާސްޓް ސެގްމެންޓްތަކަކީ ބްރިޖް އެޅުމަށް ކަނޑު އަޑީގައި ޖަހާފައިވާ ތަނބުތަކުގައި ދުއްވާ ބައެވެ. މި ބައިތައް އަޅަނީ ގުޅީފަޅުގަ އެވެ.  އެ ސެގްމެންޓްތަކަކީ ބްރިޖެއް އެޅުމަށް ދުނިޔޭގައި ބޭނުންކުރާ އެންމެ ދިގު ސެގްމެންޓްތަކަށެވެ. އޭގެ ދިގު މިނުގައި 8.177 މީޓަރު ހުންނާނެ ކަމަށް ބުނެ އެވެ. 

ޕްރީކާސްޓް ސެގްމެންޓްގެ މަސައްކަތް ނިމުމާއެކު ބްރިޖް މަސައްކަތުގެ ވަރަށް ބޮޑުބައެއް ނިމިގެން ދާނެ އެވެ. އެ މަސައްކަތް ކުރިއަށްދާއިރު، ސެގްމެންޓްތައް ނިމެމުންދާ ވަރަކަށް ތަނބުތަކަށް އިންސްޓޯލް ކުރަމުން ދާނެ ކަމަށް އޭރު ބުންޏެވެ. ނަމަވެސް އެ ސެގްމެންޓްތައް އެޅުމުގެ މަސައްކަތް ނިމޭނެ ވަކި ތާރީހެއް އޭރަކު ވެސް ނުބުނެ އެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތް ބައްލަވާނެ: މުއިއްޒު

އިންޑިއާގެ އެހީ އާއި ލޯނު ފައިސާއިން އަޅަމުންދާ ތިލަމާލެ ބްރިޖްގެ ހުއްޓުވުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާ އެކަމަކު ސްޕީޑު ގެއްލިފައިވާ އެ މަޝްރޫއު ހަލުއިކޮށް ނިންމުން އަވަސް ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް / ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ދެ ހަފުތާ ކުރީން ވިދާޅުވެފަ އެވެ. އެމަނިކުފާނު ރައީސުލްޖުމްހުރިއްޔާކަމުގެ ހުވާ ކުރައްވާ ވެރި ކަމުގެ ދައުރު ފައްޓަވާނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

އިންތިހާބީ ރައީސް / ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އެ މަޝްހޫރު ނުހުއްޓުވާނެ ކަމަށާއި ނަމަވެސް ބާރު ސްޕީޑްގައި މަޝްރޫއު ނުހިނގާ މައްސަލަ ބައްލަވާނެ ކަމަށެވެ. އެކަން އެހެން ދިމާވެފައި ވަނީ އެގްރީމަންޓްގެ މައްސަލައަކުންތޯ ނުވަތަ ކޮންޓްރެކްޓަރާއި ކޮންސަލްޓަންޓްގެ މައްސަލައަކުންތޯ ވެސް ބައްލަވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި ހިންގި ތަރައްގީގެ އެންމެ މުހިންމު އެއް މަޝްރޫއު ކަމަށްވާ ސިނަމާލެ ބްރިޖު މަސައްކަތް ހިނގި ދުވަސްވަރު ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒު ވިދާޅުވި ގޮތުގައި މިހާރު ފެންނަން އޮތީ ސަރުކާރުގެ އިހުމާލު ކަަމަށެވެ. ސަރުކާރުގެ މައްސަލައެއް ނޫޅޭނަމަ ތިލަމާލެ ބްރިޖް މަޝްރޫއު ލަސްވާން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ވިދާޅުވެފައި އެވެ. 

ސިނަމާލެ ބްރިޖް މަޝްރޫއު ހިންގިއިރު އެކަމުގައި މަސައްކަތް ކުރި ޓީމު މިހާރުވެސް މިނިސްޓްރީގައި އެބައޮތް ކަމަށާ މި ސަރުކާރާއެކު ބަދަލުވީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެކަނި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"ގައިމު ވެސް ސަރުކާރުގެ މައްސަލަ އޮތްކަން އެނގޭ. ސަރުކާރުގެ ހިންގުމުގެ ގާބިލްކަން ނެތީމަތާ ނުހިނގާ އެ އޮތީ،"   

ތިލަމާލެ ބުރިޖްގެ މައުލޫމާތު ކުރުކޮށް:

  •  ތިލަމާލެ ބްރިޖް އަޅަން އެފްކޮންސްއަށް ދިނީ އޮގަސްޓް 26، 2021 ގައި
  •  ކޯޒްވޭ ތަކާއެކު ބްރިޖްގެ ދިގު މިން 6.7 ކިލޯ މީޓަރު
  •  ސުޕަ ބްރިޖްގެ ދިގު މިނަކީ 3.6 ކިލޯ މީޓަރު
  •  ބްރިޖަށް 400 މިލިއަން ޑޮލަރުގެ ލޯނު ދެނީ އިންޑިއާގެ އެގްޒިމް ބޭންކުން
  •  މުޅި މަޝްރޫއުގެ އަގަކީ 500 މިލިއަން ޑޮލަރު
  •  އިންޑިއާގެ ހިލޭ އެހީގައި 100 މިލިއަން ޑޮލަރު
  •  220،000 ކިއުބިކް މީޓަރުގެ ސަރަހަދެއް ހިއްކާ ތޮށިލާން
  •  ބްރިޖާ ގުޅިފައިވާ ތިން ކިލޯމީޓަރުގެ މަގާއި ފާލަން ހިމެނޭ
  •  މަޝްރޫއުއަށް ލޯނު ދިނީ އިންޑިއާގެ އެގްޒިމް ބޭންކުން

ފިނޭންސް މިނިސްޓްރީގެ މައުލޫމާތުތަކުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ތިލަމާލެ ބްރިޖަށް މި އަހަރުގެ މިހާތަނަށް 543.8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި އަންނަ އަހަރު 1,181.7 ބިލިއަން ހޭދަވާނެ ކަމަށް އަންދާޒާކޮށް ބަޖެޓް ކޮށްފައިވާއިރު 2025 ގައި މި އަދަދު ހުންނާނީ 2.3 ބިލިއަން ރުފިޔާގަ އެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސްއަށް ޖުމްލަ 500 މިލިއަން ޑޮލަރަށް ހަވާލު ކޮށްގެންނެވެ. 

ބްރިޖް މަސައްކަތުގެ ތާވަލް:

  •  މާލެ-ވިލިމާލެ ބްރިޖު ނިންމުން - ޖުލައި 2023 ނުވަތަ އެންމެ ލަސްވެގެން އޮގަސްޓް 2023 އަށް
  •  ވިލިމާލެ-ގުޅިފަޅު - ޑިސެމްބަރު 2023އަށް
  •  ތިލަފުށި-ގުޅިފަޅު ގުޅާލައި މުޅި ބްރިޖު ނިންމުން - ނޮވެމްބަރު 2024އަށް

މިދިއަ މޭހުގެ ތެރޭގައި ރައްޔިތުން މަޖިލީހުގައި މެންބަރަކު ސުވާލެއް އަމާޒު ކުރެއްވުމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހުގައި ވަނީ ތިލަމާލެ ބްރިޖްގެ މަސައްކަތް ލަސްވެފައިވާ ކަމަށް އިއުތިރާފުވެ ވަޑައިގެންފަ އެވެ. އެ ދުވަހު އޭނާ ވިދާޅުވީ އިތުރު ވަގުތެއް ދީފައި ނުވާނެ ކަމަށާ ޕްރޮޖެކްޓްގައި ޑީލޭތަކެއް އުޅޭ ކަމަށެވެ. އެކަމަކު އިތުރަށް "ޓައިމް އެކްޓެންޝަނެ"އް ދޭން ގަސްތު ނުކުރައްވާ ކަމަށެވެ.

"އޭގެ ތެރޭން [ލަސްވާ] ކަންތައް ތަކުން ކޮންމެ ވެސް މިންވަރެއް ކެޗަޕް ކުރެވޭނެ. ތަފްސީލްތައް އަޅުގަނޑަށް އެނގޭ. ބްރިޖުގެ މަސައްކަތުއި ލަސްވުމެއް އުޅޭ. އެކަމަކު ކުރިއަށް އެބަދޭ،" އަސްލަމް ވިދާޅުވި އެވެ.   

އަސްލަމް އެހެން ވިދާޅުވި ފަހުން ވެސް ސަރުކާރުން ބުނަމުން އައީ ޝެޑިއުލާ އެއްގޮތަށް ބްރިޖްގެ މަސައްކަތް ހިނގާ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ސަރުކާރުން ފެށި އެންމެ ބިޔަ މަޝްރޫއު، ތިލަމާލެ ބްރިޖު ނިމުނު ނަމަ، ރިޔާސީ އިންތިހާބުގެ ނަތީޖާއިން ތަފާތު ފެނުނީހެވެ. 

"ތިލަމާލެ ބްރިޖު މަޝްރޫއު ނުނިމުމަކީ އަޅުގަނޑު ދެރަވާ ކަމެއް. އެކަން ކުރެވުނު ނަމަ، ކޮށް ނިންމުނު ނަމަ، އަޅުގަނޑުމެންގެ މި އިންތިހާބުގެ ނަތީޖާއަށް ހެޔޮ އަސަރެއް ކުރީސްކަން އަޅުގަނޑަށް ފާހަގަކުރެވޭ. އެހެން ނަމަވެސް، ޓެކްނިކަލް އެތައް މައްސަލައަކާ ހެދި އެކަން ފަސްވެގެން ގޮސްފައި އޮތްކަން ފާހަގަކުރެވޭ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތް ލަސް ކަމަކަށް ސަރުކާރުން ގަބޫލެއް ނުކުރެ އެވެ. ނަމަވެސް ވިލިމާލެއާ ގުޅިފަޅު އަދި ގުޅިފަޅާއި ތިލަފުށި ގުޅާލާން އޮތް ތާރީހަށް މަސައްކަތް ނިންމައި ތިލަމާލެ ބްރިޖް މަޝްރޫއު ނިމޭނެ ކަމުގެ އެއްވެސް އުންމީދެއް މިހާރު ނެތެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތަށް ގުޅީފަޅު ސައިޓާއި މާލެ ސައިޓުގައި ޖުމުލަ 1500 މީހުން މަސައްކަތް ކުރެ އެވެ. މަސައްކަތުގެ ތަޖުރިބާގައި ބައި ގަރުނަށްވުރެ ދިގު މާޒީއެއް އޮތް އަދި ދުނިޔޭގައި މަސައްކަތުގެ ވަރުދަ ނެޓްވޯކެއް އުފައްދައި ރަނގަޅު ޓްރެކް ރިކޯޑެއް ވެސް އޮތް ބްރިޖް / މެރިން ޕޯޓް ފެސިލިޓީ އޮތް ކުންފުންޏަށް ތިލަމާލެ ބްރިޖް މަޝްރޫއު ކުރިއަށް ގެންދެވެނީ ވަރަށް ސްޕީޑް ލަސް ކޮށެވެ. މިހާތަނަށް ދިން އެއްވެސް ތާރީހަކަށް އެއްވެސް މަސައްކަތެއް ނުނިމެވެ. 

ކޮމެންޓް

2
450
ނަންނި
1 year ago

އިސާހިތަކު ތިލަމާލޭ ބްރިޖްއާއި އަމީނީމަގު ނިމިދާނެ. މުއިޒް އަށްވާނީ

ޖާނޭ
1 year ago

މިއަކީ ދުވަހަކު ޕައިލްކޮށް ނުނިމޭ ބްރިޖެއްތަ؟ އިރުއިރުކޮޅާ މަހާރާނީ އާއި މަހާރާޖާ އައިސްގެ އުޅޭތާވެސް ދެ އަހަރު، މިހާރު ދެން މުއިއްޒަށް ކުޅިވަރު ދައްކަންވެގެން އަނެއް ޕްލެޓްފޯމް އެގެނައީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.