މޭ 6 ހަމަލާ؛ ތަހުގީގު އޮތީ އަދިވެސް ހުޅުވާލައިފައި، އާ ހެއްކެއް ނެތް

އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ވެސް އާ ހެއްކެއް ލިބިއްޖެނަމަ ތުހުމަތުވާ މީހުންނަށް ކޮށްފައިވާ ދައުވާ ބަދަލުކޮށް އަދި އާ ދައުވާ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ވިދާޅުވި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި މައުލޫމާތު ދެއްވަނީ

މީގެ ދެ އަހަރު ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގު އަދި ވެސް އޮތީ ހުޅުވާލައިފައި ކަމަށާއި އެކަމަކު އިތުރު އާ ހެއްކެއް ލިބިފައި ނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ނަޝީދަށް ހަމަލާ ދިން މައްސަލައާ ގުޅިގެން ހައްޔަރުކުރި އ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމްގެ މައްޗަށް ސީދާ މައްސަލައާ ގުޅުން ހުރި ދައުވާ ނުކުރީ ހެކި ނެތިގެން ކަމަށް އޭރު ޝަމީމް ވިދާޅުވެފައިވެ އެވެ. 

މޭ 6، 2021 ވަނަ ދުވަހުގެ ރޭ ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގެ ދަށުން ހައްޔަރު ކުރި އަލިމަނިކާއި ތަސްލީމުގެ މައްޗަށް ކުރަނީ ޓްރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާ އެވެ. އަލިމަނިކުގެ މައްޗަށް ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލާން މިދިޔަ މަހު ހުކުމްކޮށްފައިވާއިރު ތަސްލީމުގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެ އެވެ.

މި މައްސަލައިގެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރުމަށް އެ މައްސަލައިގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި ހާއްސަ މަންދޫބު، އައްބާސް ފާއިޒާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ ފުލުހުން އަދިވެސް މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށެވެ. އެކަމަކު މައްސަލައިގެ ދައުވާ ކުރި ފަހުން އިތުރު ކުރިއެރުމެއް ނުލިބޭކަން ފާހަގަކުރެއްވި އެވެ.

މޭ 6 ހަމަލާއާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްގެ ހާއްސަ މަންދޫބު، އައްބާސް ފާއިޒު ވާހަކަ ދައްކަވަނީ

"އިތުރު ބައެއްގެ މައުލޫމާތު އަޅުގަނޑުމެންނާ ހަމަޔަކަށް ނުވެއް އާދޭ. އެހެން ނަމަވެސް ފުލުހުން މި މައްސަލަ ތަހުގީގު ނިންމާ ނުލާ ކުރިއަށް އެބަ ގެންދަވާ. އެހެންވީމަ ތަހުގީގު ކުރިއަށްދާ ގޮތެއްގެ މައްޗަށް ލިބޭ މައުލޫމާތެއްގެ މައްޗަށް އަޅުގަނޑުމެން ދައުވާ ކުރަން، އެ ފުރުސަތު އަދިވެސް އޮންނާނެ،" ޝަމީމް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ އެކަމާ ގުޅިގެން މީގެ ކުރިން ފުލުހުންނާއި އަދި ޕީޖީއާއެކު ވަރަށް ބޮޑަށް މަޝްވަރާ ކުރެއްވި ކަމަށެވެ. މި މައްސަލަ އަބަދުވެސް އޮންނާނީ ތަހުގީގަށް ހުޅުވާލެވިފައި ކަމަށް އެފަރާތްތަކުން އެއްބަސްވެފައިވާ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ވެސް އާ ހެއްކެއް ލިބިއްޖެނަމަ ތުހުމަތުވާ މީހުންނަށް ކޮށްފައިވާ ދައުވާ ބަދަލުކޮށް އަދި އާ ދައުވާ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ވިދާޅުވި އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންނާއި ޕީޖީން ކުރަމުންދާ މަސައްކަތަށް އައްބާސް މިއަދު ވެސް ވަނީ ތައުރީފު ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.