"ލިޔެކިޔުންތައް ނައްތާލާނީ ގޯސްތައް ހަދައިގެން ތިބުމުން"

ސިނާއީ ރަށް، ތިލަފުށީގެ އެފްއެސްއެމްގެ ޖެޓީ ކައިރީގައި ކޮންކްރީޓް ގަށާ މެޝިނަކަށް އެފްއެސްއެމްގެ ގިނަ އަދަދެއްގެ ލިޔެކިޔުންތައް އަޅައި ގަށާލައި އެ ލިޔުންތައް ނައްތައިލި ތަން އެ ކުންފުނީގެ މުވައްޒަފަކުވަނީ ވިޑިއޯކޮށްފަ އެވެ.

މެންބަރު އިލްޔާސް ލަބީބް

ސަރުކާރެއް ނިމި އާ ސަރުކާރަކަށް ބަދަލުވާންދާ އިންތިގާލީ މަރުހަލާގައި ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކުގައި ހުރި ލިޔެކިޔުންތަކަށް އެ ގޮތް މިގޮތް ހަދައި ފޮރުވައި ނައްތާލުމުގެ މަސައްކަތް ކުރަނީ ބަލަން ޖެހޭވަރުގެ ގިނަ ގޯސްތައް ހަދައިގެން ތިބުމުން އެ ގޯސްތައް ފޮރުވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ. 

ދަ ޑިމޮކްރެޓްސްގެ މެންބަރު، މާފަންނު އުތުރު ދާއިރާގެ އިމްތިޔާޒު ފަހުމީ މިދިއަ ރިޔާސީ އިންތިހާބުގެ ކުރިން ހުށަހަޅުއްވާފައިވާ ގަރާރަކީ އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓުވުމަށް ގޮވައިލާފައިވާ ގަރާރެކެވެ. އެ ގަރާރުގެ ބަހުސް އޮތީ މިއަދު އެވެ.

ގަރާރަށް އޮތް ބަހުސްގައި ބައިވެރި ވަޑައިގެން ޑިމޮކްރެޓްސްގެ އިލްޔާސް ވިދާޅުވީ ދައުލަތުގެ ބައެއް ކުންފުނިތަކުގައި ހުރި ލިޔެކިޔުންތައް މާލެ އަތޮޅު ތިލަފުއްޓަށް ގެންގޮސް ކޮންކުރީޓް ގަށާ މެޝިނަށް އަޅައިގެން ގަށާލައި ނައްތާލުމާއި ސަރުކާރުގެ ބައެއް އޮފީސްތަކުގައި ވެސް ހުރި އެފަދަ ލިޔެކިޔުންތައް ޕިކަޕްތަކުގައި ބަރުކޮށްގެން ގެންގޮސް ނައްތާލުމާއި ނައްތާލަން އުޅޭ ވާހަކަތައް އާންމުންގެ ތެރޭގަ އާއި ރަސްމީ މީޑިއާގައި ވެސް އެބައޮތް ކަމަށެވެ.  

"ސަރުކާރުގެ ހަވާލުގައި ހުންނަ ދައުލަތުގެ ޑޮކިއުމެންޓްތަކަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ހުންނަ ވެސް އެފަދަ ޑޮކިއުމެންޓަކީ އަމާނާތްތެރި ކަމާއެކު ރައްކާތެރި ކުރަންޖެހޭ ތަކެތި. ބަލަހައްޓަންޖެހޭ ތަކެތި، އެހެން ނައްތައެއް ނުލެވޭނެ،" މެންބަރު އިލްޔާސް ވިދާޅުވިއެވެ. -- އޭނާ ވިދާޅުވީ އިންތިހާބީ ރައީސް / ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާ ސަރުކާރަށް ބަދަލުވެ ހަމަޖެހިގެން ދަލަތުގެ މަސައްކަތްތައް ކުރަން ސަރުކާރަށް ފުރުސަތު ލިބެން މުހިއްމު ކަމަށާއި ސަރުކާރު ކުންފުނިތައް ހިންގުމަށް ހާއްސަ ގާނޫނެއް އޮވެގެން ސަރުކާރު ކުންފުނިތަކުގެ މައްޗަށް ސަރުކާރުގެ ސިޔާސީ ނުފޫޒު އޮންނަ މިންވަރު ކުޑަ ކުރެވޭނެ ގޮތަށް ގާނޫނީ އޮނިގަނޑު ބައްޓަން ކުރުން ވެސް މުހިއްމު ވެއްޖެ ކަމަށެވެ.

އަދި އިލްޔާސް ވިދާޅުވީ ދައުލަތުގެ އެއްވެސް ލިޔުމެއް ސަރުކާރެއް ބަދަލުވާ އިންތިގާލީ މަރުހަލާގައި ނައްތާލުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަންނަ ނޮވެމްބަރު 17 ގައި ދައުލަތާ ހަވާލުވާ ސަރުކާރުން ބަލަން ބޭނުންވާ ހާލަތެއްގައިު ބެލޭނެ ގޮތަށް ދައުލަތުގެ ހުރިހާ ލިޔުމަކާއި ވަސީލަތް ހުންނަން ޖެހޭނެ ކަމަށެވެ. 

"ސަރުކާރުގެ އޮޑިޓުތަކާއި ތަހުގީގުތަކުގައި ކުންފުނިތައް އިތުރަށް ކުރިއަރުވަން ބޭނުންވާ ހާލަތުގައި ބޭނުންކުރެވޭ ގޮތަށް އެ ހުރިހާ ލިޔެކިޔުންތައް ހުންނަންޖެހޭނެ... ލިޔެކިޔުންތައް ނައްތައިލަން މަސައްކަތްކުރާ ކުރުމަކީ ގޯސްތަކެއް ހަދާފައިހުރިކަން އަދި އެ ގޯސްތައް ފޮރުވައި ސިއްރު ކުރަން މަސައްކަތްކު ރާކަން ދޭހަވާ ކަމެއް" 

މި މައްސަލަ ނަންގަވާ އިލްޔާސް މިއަދުގެ ބަހުސްގައި ފާހަގަ ކުރެއްވުމުން ސަރުކާރަށް ނިސްބަތްވާ މެންބަރުންގެ ފަރާތްޕުޅުން ވަނީ އިލްޔާސަށް ފާޑު ކިޔާފަ އެވެ. 

އިލްޔާސް މި މައްސަލަ ނެންގެވި އިރު ސިނާއީ ރަށް، ތިލަފުށީގެ އެފްއެސްއެމްގެ ޖެޓީ ކައިރީގައި ކޮންކްރީޓް ގަށާ މެޝިނަކަށް އެފްއެސްއެމްގެ ގިނަ އަދަދެއްގެ ލިޔެކިޔުންތައް އަޅައި ގަށާލައި އެ ލިޔުންތައް ނައްތައިލި ތަން އެ ކުންފުނީގެ މުވައްޒަފަކުވަނީ ވީޑިއޯކޮށްފަ އެވެ. އަދި އޭނާ ވަނީ އެކަން މަންޒަރުތައް ނޫސްތަކާ ހިއްސާކޮށްފަ އެވެ. އެކަމާ ގުޅިގެން އެ މުވައްޒަފު ވަޒީފާއިން ސަސްޕެންޑު ވެސް ކޮށް އެ މައްސަަލައާ ބެހޭ ގޮތުން މީޑިއާއަށް ވާހަކަ ދައްކަން ވެސް އެފްއެސްއެމް އިން ވަނީ ދެކޮޅު ހަދާފަ އެވެ. 

މީގެ އިތުރުން އިންތިގާލީ ކޮމެޓީތަކަށް މައުލޫމާތު ނުދިނުމާއި ޗުއްޓީ ނެގުމާއި ޖެއްސުން ކުރުން ފަދަ ކަންކަން ވެސް ހިނގަމުންދާ ކަމަށް ވެއެވެ. 

ކޮމެންޓް

1
450
ހަމް
10 months ago

މަޖާ ކަމެއް މީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.