ދިވެހީންގެ ވަރަށް ބޮޑު ރުޅިވެރިކަމަކާ ނަފްރަތެއް އޮންނަ ޝަހީދު ވަނީ އޭނާގެ މި ވީޑިއޯ ޓްވީޓާ އިން ފަހުން ފުހެލާފައެވެ. އެ ވީޑިއޯ ފުހެލީ ދިވެހީންގެ ރުޅި އޭނާއަށް އަމާޒުވާނެތީ އެވެ.
ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ހަމާސް ޖަމާއަތަށް ނިސްބަތް ކޮށް އެއީ "ޓެރަރިސްޓް" ޖަމާއަަތެއް ކަމަށާ އެ ޖަމާއަތުގެ ސަބަބުން ފަލަސްތީނުގެ ބިމަށް ގަދަ ކަމުން ވެރިވެގެން ތިބި ޔަހޫދީންނަށް ޖެހިފައިވަނީ ނިކަމެތި ހާލަތެއް ކަމަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
އޭނާ ވަނީ ވީޑިއޯއެއް މެދުވެރިކޮށް ފަލަސްތީނު-އިޒްރޭލް މައްސަލާގައި ވާހަކަ ދައްކާފައެވެ. އދ. ގެ ދީނީ މިނިވަން ކަމަށް މަސައްކަތް ކުރާ ހާއްސަ މުޝީރުގެ މަގާމުވެސް އަދާކޮށްފައިވާ އަދި އެ މަގާމު ހުރުމަށް ޔަހޫދީ ދައުލަތްތައް ރުއްސަން މުސްލިމުންނާއި ދެކޮޅަށް ވާހަކަ ދެއްކުމުގެ ތާރީހެއް އޮތް ޝަހީދު ވަނީ ޔަހޫދީންގެ ދިފާއުގައި ވަރުގަދައަށް ވާހަކަ ދައްކާފައެވެ.
ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް އެ ބައިމީހުންގެ ވަޒަނަށް އަތް ގަދަކޮށްގެން ތިބި ޔަހޫދީން ހިންގާ އަނިޔާވެރި އަމަލުތައް ފޮރުވާ ޝަހީދު ވިދާޅުވީ ޔަހޫދީނާމެދު ގެންގުޅޭ ނަސްލީ ތަފާތު ކުރުންތައް ނައްތާލަން ޖެހޭ ކަމަށެވެ. މިހާރު ފެށިފައިވާ ހަނގުރާމާ ގައި ޔަހޫދީންގެ އެތައް ބަޔަކު ހަމާސް ޖަމާއަތުގެ މުޖާހިދުންގެ އަތުގައި ރަހީނުވެފައިވާ ކަމަށާ އެ މީހުން ވަގުތުން ވަގުތަށް ދޫކޮށްލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަމިއްލަ ދައުލަތެއް ކަމަށް ދައުވާ ކުރާ އިޒްރޭލްގެ ރައްޔިތުން މިހާރު ތަހަންމަލު ކުރަމުން ދަނީ އިހުސާސް ކުރަން ވެސް ދަތި ތަޖުރިބާތަކެއް ކަމަށް ޝަހީދު ވިދާޅުވި އެެވެ. އޭނާ ވަނީ ޔަހޫދީންނަށް ހެޔޮ ދުއާކޮށް އޭނާ ހުރީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ޔަހޫދީންނާ އެކު ކަމަށް ވެސް ވިދާޅުވި އެވެ.
ދިވެހީންގެ ވަރަށް ބޮޑު ރުޅިވެރިކަމަކާ ނަފްރަތެއް އޮންނަ ޝަހީދު ވަނީ އޭނާގެ މި ވީޑިއޯ ޓްވީޓާ އިން ފަހުން ފުހެލާފައެވެ. އެ ވީޑިއޯ ފުހެލީ ދިވެހީންގެ ރުޅި އޭނާއަށް އަމާޒުވާނެތީ އެވެ. ނަމަވެސް އޭނާ އެ ވީޑިއޯ ޑިލީޓް ކުރުމުގެ ކުރީން އެތައް ބަޔަކު ވަނީ އެ ވީޑިއޯ ސޭވްކޮށް އަލުން އަޕްލޯޑް ކޮށްފައެވެ.
ފަލަސްތީނުގެ ހަގީގީ ވަޒަންވެރީންނާއި ދެކޮޅަށް ހަރުކަށި / އަނިޔާވެރި ޔަހޫދީން ގެންދަނީ އިންސާނިއްޔާ ހިލާފު އެތައް ޖަރީމާތަކެއް ހިންގަމުންނެވެ. ހޮސްޕިޓަލްތަކާއި ސުކޫލުތަކާއި ފެންވަޅުތަކާއި އިންޖީނުގެތަކަށް ބޮން އަޅާ ދަނީ ގޮވަމުންނެވެ. ރަހުމުގެ ކަންފުޅެއް ނެތި ކުށެއް ނެތް ޅަ ދަރީންނާއި އަންހެނުން ދަނީ ޝަހީދު ކުރަމުންނެވެ. އެ ހާލަތުގައި ވެސް ބައިމަދު / ވަޒަނެއް ނެތް ޔަހޫދީންނާއި ދެކޮޅަށް ފަަލަސްތީނުގެ ރައްޔިތުންނާއި ހަމާސްގެ މުޖާހިދުން ދަނީ އާދަޔާ ހިލާފު ގަދަ ހިތްވަރެއް ދައްކަމުންނެވެ. އެ ހިތްވަރުގެ ސަބަބުން އިޒްރޭލާއި އެ މީހުންނަށް މަދަދުދޭ އެމެރިކާއާ އިނގިރޭސިން އަދި ވިލާތުގެ ގައުމުތަކުގެ ވެރީން ތިބީ ރުޅިގަދަވެ ކަންބޮޑުވެފައެވެ.
ޢޭނާ މާލެ ގެނެސް އަދަބު ދޭން ޖެހޭ... ނޫނީ ޕާސްޕޯޓު ކެންސަލް ކުރަން ގޮވާލަން..
ހާދަ ދެރަ ކަމެކޭ. ދިވެއްސެކޭ ބުނާތީ ވެސް ލަދު ގަނެ.