އެމްޓީސީސީ އިން މި އަހަރުގެ މެއިގެ ނިޔަލަށް 1.1 ބިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފައިވާ ކަމަށް ފިނޭންސުން ބުނެފައިވެ އެވެ. މިއީ މިހާރު އެންމެ ވަރުގަދަ އެސްއޯއީ އެވެ.
ރާއްޖޭގައި މިހާރު ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ 60 ޕަސެންޓު މަސައްކަތް ހިންގަނީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީ އިންނެވެ.
ސަރުކާރުގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ހިންގާ ތަރައްގީގެ މަސައްކަތްތަކުގެ 60 ޕަސެންޓު މަސައްކަތް ކުރަން ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްޓީސީސީއަށެވެ. އެ ކުންފުނިވެފައިވަނީ ސަރުކާރުގެ މަޝްރޫއުތައް ޑައިރެކްޓް ބިޑިން އުސޫލުން އެންމެ ގިނަ މަސައްކަތް ހަވާލުކޮށް ކުރަމުންދާ ކުންފުންޏެވެ.
އެމްޓީސީސީ އިން 2021 ވަނަ އަހަރު ބިޑްކޮށްފައިވަނީ 10 މަޝްރޫއެވެ. މި މަޝްރޫއުތަކުގެ އަގަކީ 350 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ އަހަރު 20 މަޝްރޫއެއް އަދި މި އަހަރުގެ މެއިގެ ނިޔަލަށް ވެސް 20 މަޝްރޫއެއް ބިޑްކޮށްގެން އެ ކުންފުނިން ނަގާފައިވެ އެވެ.
ބިޑްކޮށްގެން އެވޯޑްކުރި މަޝްރޫއުތަކަށްވުރެ އެ ކުންފުންޏަށް ގިނައިން ހަވާލުވެފައިވަނީ ޑައިރެކްޓް އެވޯޑް ކުރި މަޝްރޫއުތަކެވެ.
ފިނޭންސް މިނިސްޓްރީން ނެރެފައިވާ ދައުލަތުގެ ފިސްކަލް ހާލަތު އަންގައިދޭ ރިޕޯޓުގައިވާ ގޮތުން ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރޭން ބައެއް ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތަށް އެވޯޑް ކުރެވިފައިވަނީ ދައުލަތަށް އެންމެ ރަނގަޅު އަގުގައި ތޯ ސުވާލު އުފެދިދާނެ ކަމަށް ބުނެފައިވެ އެވެ. އަދި އެއް ކޮންޓްރެކްޓަރަކަށް ސަރުކާރުގެ މަޝްރޫއުތައް ހިންގަން ހަވާލު ކުރާއިރު ކޮންޓްރެކްޓަރުގެ ކެޕޭސިޓީ ހުރި މިންވަރަށްވުރެ އިތުރަށް ހަވާލު ކުރުމުގެ ސަބަބުން ތާވަލަށް މަސައްކަތް ކުރިއަށް ގެންދަން ލަސްތަކެއް ދިމާވެ އެ މަޝްރޫއުގެ ސަބަބުން ލިބެން އޮންނަ އިގްތިސޯދީ މަންފާ ލިބެން ލަސްވެގެންދާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ފެނަކަ ކަހަލަ ތަންތަން ހިންގަން ގާބިލް މީހުން ލާފަ ތިބޭނަމަ މިގޮތަށް ކުރިއަރައިގެން ދާނެ. އެމްޓީސީސީ އަކީ ހަމަ މިސާލެއް