ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުން މިހާރު ކުރަމުންދާ މަސައްކަތްތަކާއި ފަލަސްތީނުގެ މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
އިސްލާމީ އުންމަތަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ކާރިސާ -- ފަލަސްތީނުގެ މައްސަލާ ގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، ރާއްޖޭގެ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޝްވަރާ ކުރައްވައިފި އެވެ.
އުރުދުޢާންއާ މުއިއްޒު މަޝްވަރާ ކުރެއްވިކަން އެ ގައުމުންގެ މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ. އިސްލާމީ އުންމަތުގެ ދިފާއު ގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ އެކި ގައުމުތަކުގެ ލީޑަރުންނާއި ރައީސުންނާއި ޖަމާއަތްތަކުގެ އިސްވެރީންނާއި މަޝްވަރާ ކުރައްވާފައެވެ.
އެ ގޮތުން ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުން މިހާރު ކުރަމުންދާ މަސައްކަތްތަކާއި ފަލަސްތީނުގެ މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އެ މަޝްވަރާ ރާއްޖޭގެ އިންތިހާބީ ރައީސާއެކު ކުރެއްވި ކަމަށް އެ ގައުމުން ބުނެ އެވެ.
ރައީސް މުއިއްޒަކީ އިސްލާމީ ގައުމުތަކާއި ވަރަށް ހާއްސަ ގާތް ގުޅުމެއް ބާއްވަވާނެ ލީޑަރެއް ކަމަށް ބެލެވެ އެވެ. ރާއްޖޭގައި ރައީސަކު ހުންނަވަނިކޮށް އިންތިހާބީ ރައީސާ އެކު އުރުދުޣާން މުހިންމު މަޝްވަރާ އެއް ހިންގެވީ އެހެން ވެގެން ކަމަށް ބެލެވެ އެވެ. ރައީސް މުއިއްޒާއި ތުރުކީއާ ހާއްސަ ގުޅުންތަކެއް އޮންނަ ކަމަށް ކެމްޕެއިން ތެރޭގައި ވެސް ވާހަކަ ދެކެވުނެވެ.
ފަލަސްތީނާއި ދެކޮޅަށް ވަޒަނެއް ނެތް ޔަހޫދީން ހިންގަމުންދާ ޖަރީމާތަކުގައި ހަތަރުހާހަށް ވުރެ ގިނަ މުސްލިމުން ވަނީ ޝަހީދު ކޮށްލާފައެވެ. ޔަހޫދީންގެ ޖަރީމާތައް ހައްދެއްނެތް ގޮތުގައި ހިންގަމުންދާއިރު ތުރުކީ ހިމެނޭހެން އިސްލާމީ ބައެއް ގައުމުތަކުން ގެންދަނީ ޔަހޫދީންގެ އަނިޔާވެރިކަން ހުއްޓާލަން ތަކުރާރުކޮށް ގޮވާލަމުންނެވެ.
ނަމަވެސް މިދިޔަ މުއްދަތު ގައި އެ މީހުންގެ އަނިޔާވެރި ކަމަށް ބަދަލެއް ނާދެ އެވެ. ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުން ވެސް ދަނީ އާދަޔާ ހިލާފު ގަދަ ހިތްވަރެއް ގައި އިޒްރޭލަށް ހަމަލާ ދެމުންނެވެ.
ހައްދުފަހަނައަޅާފައިވާ ޔަހޫދީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތައް ހުއްޓާލުމަށް ގޮވާލެއްވުމާއެކު ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދުނިޔެއަށް ވަނީ ގޮވާލައްވާފައެވެ.
ހައްދެއް ނެތް ގޮތުގައި ޔަހޫދީން ހިންގަމުންދާ އަނިޔާވެރި އަމަލުތަކާއި ގުޅިގެން މި މަހުގެ ހަތްވަނަ ދުވަހު، ފަލަސްތީނުގެ މުޖާހިދުން ވަނީ ރޮކެޓް ހަމަލާތައްދީ އިޒްރޭލް ސިއްސުވާލާފައެވެ. އެ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެ އިޒްރޭލުން ވަނީ ޣައްޒާއަށް ބޮން އަޅަން ފަށާ ބޮޑެތި ޖަރީމާތައް ހިންގަން ފަށާފައެވެ.
އެ ދުވަހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއް ގައި ވަނީ ފަލަސްތީނުގެ ބިިންތަކަށް ގަވާއިދާ ހިލާފަށް ވެރިވެގަނެ އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ އަތުން ގަދަ ކަމުން / ބައިނަލްއަގްވާމީ ގާނޫނުތަކާއި ވެސް ހިލާފަށް އަތުލައިގެންފައިވާ ބިންތައް އަލުން އަނބުރާ ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމުގައި ބަލައިގަނެ ހިފާ ފައިވާ ބިންތަކުން ނެރެލެވުނު އަދި މިހާރު ރެފިއުޖީންގެ ގޮތުގައި އެހެން ތަންތަނަށް ދިޔަ ރައްޔިތުންނަށް އަނބުރާ އައުމުގެ ހުއްދަ ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި 1976 ވަނަ އަހަރާ ހަމައަށް ފަލަސްތީނުގެ ބިމުގެ ގޮތުގައި އޮތް މިންވަރު އެ ގައުމަށް ލިބޭން ޖެހެއެވެ. އެހެން ކަމުން އެ ހިސާބަށް އިޒްރޭލް ފަހަތަށް ޖެހެން ގޮވާލެއްވި އެވެ.
އިންތިހާބީ ރައީސްގެ މި ޓްވީޓް ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ.
މީގެ އިތުރުން ފަލަސްތީނު މިނިވަން ކުރަން ގޮވާލައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތުގެ އުސް އިމާރާތަށް ފަލަސްތީނުގެ ބޮޑު ދިދައެއް ވެސް ވަނީ ނަގާފައެވެ.
ދިގަށް 40 ފޫޓު އަދި ފުޅަލަށް 10 ފޫޓު ހަމަވާ އެެ ބޮޑު ދިދަ އަކީ ރާއްޖޭގައި ނަގާފައިވާ ފަލަސްތީނުގެ އެންމެ ބޮޑު ދިދަ އެވެ. އިންތިހާބީ ރައީސްގެ ގެކޮޅު، 12 ބުރީގެ ދިމްޔާތުގައި "ފްރީ ފަލަސްތީނު" ޝިއާރާއެކު ފަލަސްތީނުގެ ބޮޑު ދިދަދައެއް ނަގައި އެލުވީ ފަލަސްތީނާއިއެކުގައި ބައިވެރިވާކަން ހާމަކޮށް ދޭށެވެ.
މުސްލިމް ގައުމުތައް އެކުގައި މިކަމާ އުޅގެންފިނަމަ ކާމިޔާބު ވާނެ. އެކަމު ކޮންމެ ވެރިޔަކު ވެސް ދެތިން ޓްވީޓް ކޮއްލީމަ އެވީ.