"ކުރިއަށް މި އޮތީ ވަރަށް މުހިންމު ހައްސާސް ދުވަސްތަކެއް. އަޅުގަނޑުމެންގެ ގައުމު ހަމަމަގަށް އެޅުވުމުގައި މި ފެށޭ މަސައްކަތުގައި އަޅުގަނޑުމެން އެންމެން އެކަތިގަނޑެއްގެ ގޮތުގައި އެކުވެރި ކަމާ އެކީގައި ކުރިއަށް ދާން ޖެހޭ،"
ކުރިއަށް އޮތީ ގައުމު ހަމަމަގަށް އެޅުވުމުގެ ހައްސާސް މަސައްކަތް ކުރުމުގެ ދުވަސްތައް ކަމަށް ވިދާޅުވެ ހުރިހާ މެންބަރުން ވެސް އެކުވެރިވެ އެކަތިގަނޑެއްގެ ގޮތުގައި ދެމި ތިބުމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.
އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި މާލޭގައި މަަަސައްކަތް ކުރި ޓީމުތަކާއި ބައްދަލު ކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލްވުމުގައި ވާހަކަ ދައްކަވަމުންނެެވެ.
ވަރަށް ކުރުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް، މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން ޓީމުތަކާއި މެންބަރުން ކޮށްފައި ވަނީ ގައުމީ މަަސައްކަތެއް ކަމަށެވެ. ކަމެއް ހާސިލު ކުރުމަކީ އެކަމެއް ދެމެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތަށް ވުރެ ފަސޭހަ ކަމެއްކަން ފާހަގަ ކުރައްވާ ކުރިއަށް އޮތް ދުވަސްތަކުގައި ސާބިތު ކަމާ އެކު ގައުމީ މަސައްކަތުގައި ދެމި ތިބުމަށް އިލްތިމާސް ކުރެއްވި އެވެ.
"ގައުމީ މަސައްކަތެއް، ވަރަށް އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހޭ. އަޅުގަނޑު އެދެނީ އަޅުގަނޑުމެން އެންމެންނަކީ މި ކެމްޕެއިން ކާމިޔާބު ކުރުމަށް މި ދެއްކި އެކުވެރިކަން އެ ގޮތުގައި ދައްކާ އަޅުގަނޑުމެންގެ މި ގައުމު ސަލާމަތް ކުރުމުގައި އެ އެކުވެރިކަން މަތީގައި އަދި އެއަށް ވުރެ ވެސް ނުގުނޑާ އަޒުމެއްގައި ގައުމައިގެން ކުރިއަށް ދިއުމުގައި އަތުކުރި އޮޅާލާ ބަޔަކަށް ވެގެންދާން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ކުރިއަށް އޮތީ ވަރަށް ހައްސާސް ދުވަސް ތަކެއް ކަމަށެވެ. އެ މަަސައްކަތަކީ ގައުމު ސަލާމަތް ކުރުމުގެ މަސައްކަް ކަމަށް ވިދާޅުވެ ހުރިހާ ޓީމުތަކުން ވެސް ނުގުޑާ ފަދަ އަޒުމެއްގައި ތިބުމަށް އިލްތިމާސް ކުރެއްވި އެވެ.
"ކުރިއަށް މި އޮތީ ވަރަށް މުހިންމު ހައްސާސް ދުވަސްތަކެއް. އަޅުގަނޑުމެންގެ ގައުމު ހަމަމަގަށް އެޅުވުމުގައި މި ފެށޭ މަސައްކަތުގައި އަޅުގަނޑުމެން އެންމެން އެކަތިގަނޑެއްގެ ގޮތުގައި އެކުވެރި ކަމާ އެކީގައި ކުރިއަށް ދާން ޖެހޭ،"
"އެކުވެރި ކަމަކީ ގަދަފަަދަ ބާރެއް،" ގައުމަށް އޮތީ އުޖާލާ މުސްތަގުބަލެއްް ކަމަށް ވިދާޅުވެ ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.