ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވަކީ ޗައިނާއިން އެހެން ގައުމުތަކުގެ އުމްރާނީ ތަރައްގީގައި ބައިވެރިވުން އިތުރު ކުރަން ފެށި މަޝްރޫއުއެކެވެ.
ބެލްޓް އެންޑް ރޯޑް އިނިސިއޭޓިވް / ސިލްކް ރޯޑް ފަންޑަށް އިތުރު 80 ބިލިއަން ޔުއާން (ގާތްގަނޑަކަށް 12.4 ބިލިއަން އެމެރިކާ ޑޮލަރު) އިންޖެކްޓް ކުރައްވާނެ ކަމަށް ޗައިނާގެ ރައީސް ޝީޖިން ޕިން އިއުލާން ކުރެއްވުމާއެކު، އެ ފައިނޭންސްގެ ފައިދާ ދިވެހި ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާން ލިޝިން ވިދާޅުވެއްޖެ އެވެ.
ރައީސް ޝީގެ އެ އިއުލާން ކުރެއްވުން ހިމެނޭ، ޒިންހޫއާގެ ނިއުސްއެޖެންސީގެ ހަބަރެއް އެކްސްގައި ޕޯސްޓް ކުރައްވަމުން އެކަމަނާ ވިދާޅުވީ "އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެއިން [ސިލްކް ރޯޑް ފަންޑަށް އަލަށް ލައިދޭ ފައިސާއިން] ދިވެހިރާއްޖެއަށް ބޮޑު ފައިދާއެއް ކުރާނެ" ކަމަށެވެ.
އެކަމަނާ މިއަދު އެހެން ވިދާޅުވި އިރު މި މަހުގެ ނުވަނަ ވަނަ ދުވަހު ވިދާޅުވެފައި ގޮތުގައި ޒަމާނީ ތަރައްގީގައި ޗައިނާ ކުރިއަރައި ދާނަމަ ދިވެހިރާއްޖެއަށް އޭގެ ހެޔޮ އަސަރުކޮށް ރާއްޖެ ކުރިއަރައިގެން ދާނެ ކަމަށެވެ. އަދި އެ ޔަގީންކަން ދެއްވާ ކަމަށެވެ.
ޗައިނާގެ 74 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި ހާއްސަ ހަފުލާއެއް އެކަމަނާ އެހެން ވިދާޅުވި އިރު ދުނިޔެއިން "ޕްރޯ-ޗައިނާ" ލީޑަރެއްގެ ގޮތުގައި ސިފަ ކުރާ، ރާއްޖޭގެ އިންތިހާބީ ރައީސް / ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އެއް ހާޒިރުގައި ވަޑައިގެން އިންނެވި އެވެ.
އެ ރަސްމިއްޔާތުގައި ސަފީރު ވިދާޅުވި ގޮތުގައި ޗައިނާއިން ބާރު އަޅައި އިސްކަން ދީގެން ކުރިއަރުވަނީ ޒަމާނީ ތަރައްގީ އެވެ. މި އަހަރަށް ބެލި ނަމަވެސް ޗައިނާގެ އިގްތިސޯދު 5.2 ޕަސެންޓްގައި ކުރިއަރާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަނޑް (އައިއެމްއެފް) އިން ލަފާކޮށްފައިވެ އެވެ.
އަދި ޗައިނާގެ އެ ކުރިއެރުންތައް ފާހަގަ ކުރައްވާ އެކަމަނާ ވިދާޅުވީ ޗައިނާއަކީ ބޮޑު އިގުތިސޯދެއް ކަމަށާއި ޗައިނާގެ އިގްތިސޯދު ކުރިއަރައިގެން ދާ ވަރަކަށް ޗައިނާގެ އެކުވެރި ދިވެހި ރާއްޖެއަށް އެ ކުރިއެރުމުގެ ހެޔޮ އަސަރު ރަނގަޅަށް ކުރާނެ ކަމަށެވެ.
"ޗައިނާގެ އިގްތިސޯދު ކުރިއަރައި ތަރައްގީވުން ވެގެން ދާނީ އާ ފުރުސަތުތަކާއި ދޮރުތައް ދިވެހިރާއްޖެ ހިމެނޭ ގޮތުން ހުރިހާ ގައުމަކަށް ވެސް ހުޅުވިފައި އޮންނާނެ ފުރުސަތަކަށް،" އެކަމަނާ ވިދާޅުވި އެވެ.
ޗައިނާއަކީ ރާއްޖެއާ ގުޅުން ބޮޑު އަދި ގިނަ އެހީތަކެއް ވެދޭ ރާއްޖޭގެ ތަރައްގީގައި ވަރަށް ބޮޑު ބައިވެރިއެކެވެ. ހާއްސަކޮށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާއިން ވަނީ ރާއްޖެ ތަރައްގީ ކޮށްދޭން ބޮޑެތި ޕްރޮޖެކްޓްތައް ހިންގައި ދީފަ އެވެ.
އަލަށް ރާއްޖޭގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންފައިވާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އެ ޕްރޮޖެކްޓްތައް ބެލެހެއްޓެވި ވިލަރެސްވެރިޔާ އެވެ. އެ މަނިކުފާނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން ބައިނަލްއަގުވާމީ މީޑިއާއިން ސިފަ ކޮށްފައި ވަނީީ އެ މަނިކުފާނަކީ "ޗައިނާ ޕްރޯ" ބޭފުޅެއް ކަމަށެވެ. އަދި ރާއްޖޭ މިހާރު އޮތް "އިންޑިއާ ފަސްޓް" ސަރުކާރުގެ މައްޗަށް "ޗައިނާ ޕްރޯ" ލީޑަރަކު ކާމިޔާބު ހޯއްދެވީ ކަމަށެވެ. އިންޑިއާގެ މިއުޒިކުގެ އަޑަށްވުރެ ޗައިނާގެ ރާގުގެ އަޑު ދިވެހިރާއްޖޭގައި ގުގުމީ ކަމަށެވެ. -- ނަމަވެސް އިންތިހާބީ ރައީސް / ރައީސް މުއިއްޒު މުޅި ދުނިޔެއަށް އިއުލާން ކުރައްވާފައިިވާ ގޮތުގައި އެ މަނިކުފާނު ހިންގާވަނީ "ޕޯރޯ-މޯލްޑިވްސް" ސިޔާތަކެވެ.
އިންތިހާބީ ރައީސް ޗައިނާގެ ޒިންހޫއާ ނިއުސް އޭޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި އިއްޔެ ވިދާޅުވެފައިވާ ގޮތުގައި "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް" ރާއްޖޭގެ ތަރައްގީގައި ވަރަށް ބޮޑު ދައުރެއް އަދާ ކުރެ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ތެރެއިންލާފައި ރާއްޖެ ކުރިއަށް އޮތްތަނުގައި ތަރައްގީވަމުން ދާނެ އެވެ.
"ޗައިނާގެ އެހީގައި ރާއްޖޭގައި ވަރަށް ގިނަ މަޝްރޫއުތަކެއް ވަނީ ކުރިއަށް ގެންދެވިފައި. އެންމެ ފާހަގަ ކުރެވޭ މަޝްރޫއަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަޝްރޫއު" މުއިއްޒު ފާހަގަ ކުރެއްވި އެވެ. -- ސިނަމާލެ ބްރިޖް މަޝްރޫއަކީ އިންތިހާބީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އިރު އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ ބިޔަ މަޝްރޫއެކެވެ.
"މިއީ ގިނަ ބަޔެއްގެ ދިރިއުޅުމަށް ގިނަ ފަސޭހަތަކެއް ގެނެސްދިން މަޝްރޫއުއެއް. ހަމައެކަނި މާލެ ސަރަހައްދުގައި އުޅޭ މީހުންނެއް ނޫން. ރާއްޖެ ޒިޔާރަތްކުރާ އެތައް ހާސް ބަޔަކަށް ފަސޭހަކަން ގެނެސްދިން ޕްރޮޖެކްޓެއް،" މުއިއްޒު ވިދާޅުވިއެވެ. "ރާއްޖެއަށް އެހީތެރިކަން ބޭނުންވޭ މިފަދަ ޕްރޮޖެކްޓުތައް ކުރިއަށް ގެންދަން. ޗައިނާގެ އިތުރުން އެހެން ގައުމުތަކުގެ އެހީއާއެކު މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަކީ ރާއްޖެ އަށާއި މި ސަރަހައްދުގެ ތަރައްގީއަށް ވެސް މުހިއްމު ކަމެއް... މި މަޝްރޫއުއާ މެދު [ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް] ބޮޑު އުއްމީދެއް ކުރެވޭ. މި މަޝްރޫއުގެ ބައިވެރިންގެ ތަރައްގީއަށް މިއީ މުހިއްމު ފިޔަވަޅެއް،"
ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގައި ރާއްޖެއިން ބައިވެރިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައެވެ.