އިހުމާލު އޮތް މިންވަރާއި އެކަންކަމުގައި ޒިންމާ ނަގަންޖެހި، ކުށްވެރިވާ މީހުނަށް އޮތް އަދަބެއް ދޭން ޖެހޭނެ އެވެ. އެއީއަކީ އަދި އަނިޔާވެރި ވުމެކޭއެއް ނުބުނެވޭނެ އެވެ. އެކަން ނުބަލައި ފިނަމަ އެއީ ރައްޔިތުންނަށް އަނިޔާވެރިވީއޭ ބުނެވޭނެ އެވެ.
ކޮންމެ އަހަރަކުވެސް ދައުލަތުން އެންމެ ބޮޑު ބަޖެޓެއް ދޭ އެއް ތަނަކީ ސަރުކާރުގެ ހެލްތު މިނިސްޓްރި އެވެ. މި އަހަރު ވެސް އެކަން އޮތީ އެގޮތަށެވެ. މި އަހަަރަށް ފާސްކޮށް ހަރަދު ކުރަން ހެލްތު މިނިސްޓްރީއަށް 2.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ދީފައި ވެއެވެ. ނަމަވެސް މިހާތަނަށް އެންމެ ދޯހަޅި އަދި އެންމެ ފީކަޅާ އެއް މިނިސްޓަރީއަކީ، ހެލްތު މިނިސްޓަރު ކެރަފާ އަހުމަދު ނަސީމް ހިންގަވާ ހެލްތެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ބާނީންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ކެރަފާ ނަސީމް ބަލަހައްޓަވާ މި މިނިސްޓްރީގެ ދަށުން ހިންގާ ރާއްޖޭގެ މުޅި ސިއްހީ ނިޒާމު ވަނީ މި ދައުރުގައި ކުރިއެރުން ނުލިބި ހަމައެކަނި ބޮއްސުންލާފައެއް ނޫނެވެ. ކަންބޮޑުވާންޖެހޭ ދަރަޖައަށް ހަކާލު ވެސް ކޮށްލާފަ އެވެ. ސިއްހަތުން ވައްކަން ކޮށްފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަދަލު ވާން މިދާ ދަނޑިވަޅު އިންތިހާބީ ރައީސްގެ އިންތިގިލީ ކޮމެޓީތަކުން އެއް ކުރާ މައުލޫމާތުތަކުގެ ތެރެއިން ސިއްހީ ދާއިރާގެ ދެރަ ހާލުން މިންވަރެއް އިއްތެ އިންތިގާލީ ތަރުޖަމާނިު ވިދާޅުވި އިރު މި ފަސް އަހަރުވެސް ރައްޔިތުން އައީ މި ވާހަކަ ދައްކަމުންނެވެ.
ސިއްހީ ދާއިރާގެ ދެ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާ މިންވަރު، ތަރުޖަމާން ފިރްޒުލްގެ ޑެއިލީ ބްރީފިންގައި އިއްޔެ އެނގުނު އިރު މި އަހަރުގެ ފަހު ކުއާޓަކަށް ރާއްޖެއަށް ބޭނުންވާ ސިއްހީ ސާމާނަށް ތަކެތި ހުރީ އޯޑަރު ވެސް ނުކޮށެވެ. މިކަން ވެފައި ވަނީ ރައްޔިތުން ހާސްވެ ކަނބޮޑުކޮށްލި ކަމަކަށެބެ. މިއީ ބޮޑެތި ބަލިތަކުގައި އެތައް ބަޔަކަށް ފަރުވާ ދެމުންދާއިރު ގިނަ ބައެއްގެ ހިތް ނުތަވަސްކޮށްލި މައުލޫމާތެކެވެ.
ބޮޑު މާސިންގާ ބަޖެޓެއް ދީފައިވާއިރު ތަކެއްޗަށް އޯޑަރު ނުކުރެވި ހުރީ ކީއް ވެގެން ހެއްޔެވެ؟ ބިލުތަކަށް ފައިސާ ނުދައްކާ ހުރީ ކީއްވެގެން ހެއްޔެވެ؟ މީގެ ކުރިން ވެސް މިކަން މިގޮތަށްވޭ ހެއްޔެވެ؟ މިހާރު އޮތް ހާލަތު ބޮލުއަޅައި އެ ބުރަ އުފުލާން މިޖެހެނީ މުޅީން އާ ސިޔާސަތުތަކެއް ހިފައިގެން އާ ވިސްނުމަކާއެކު އަންނަ މަހު ދައުލަތާ ހަވާލުވާ އިންތިހާބީ ރައީސް / ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށެވެ.
"މިހާރު ހޮސްޕިޓަލް / ސިއްހީ ސެންޓަރުތަކުން ތަކެތި މެނޭޖު ކުރަމުން ގެންދަނީ އިމަޖެންސީ ސްޓޮކް ނުވަތަ ބަފާ ސްޓޮކް ތެރޭން މެނޭޖް ކުރައްވައިގެން. މިހާތަނަށް އައިއިރު ތަކެއްޗަށް އޯޑަރު ނުކުރެވި ހުރި ސަބަބެއް ކަމަށް އެނގިފައި އޮތީ ބަޖެޓުގެ ތެރޭން ކޯޑްތަކަށް ލިބެން ޖެހޭ ފައިސާ ހަމަނުޖެހި ހުރުން،" ސިއްހީ ދާއިރާގެ ކަންކަން ބެލުމަށްފަހު އެ މައުލޫމާތުން ބައެއް ހަމަ ކުރައްވަމުން ފިރުޒުލް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި ބަޖެޓުގައި ހެލްތުގެ 2.2 ބިލިއަންގެ ބަޖެޓުން މިހާތަނަށް ހަރަދު ކޮށްފައި ވަނީ 1,4 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ 37 ބިލިއަން ރުފިޔާގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ކަމަށް ދައްކާ އެއް މިނިސްޓްރީއަކީ ވެސް ހެލްތެވެ.
މާލީ ހިސާބު ތަކުން މިގޮތަށް ދެއްކި ނަމަވެސް މިހާރު އެނގިފައި މިއޮތް ހަގީގަތަކީ ބަޖެޓުގެ ގިނަ ކޯޑްތަކުގައި ފައިސާ ނެތް މައްސަލަަތަކެއް ހުރި ކަމެވެ.
ކުރިން ފިނޭންސް މިނިސްޓްރީގެ ޕްރޮމިއުމަންޓުގައި މަސައްކަތް ކުރައްވައި މިހާރު އަމިއްލަ މަސައްކަތް ކުރައްވާ ބޭފުޅަކު ނަން ނުޖެހުމަށް އެދި ވަޑައިގެން ވިދާޅުވި ގޮތުގައި މާލީ ހިސާބުތަކުގައި ހުރި ނަމްބަރުތަކަށް ވުރެ ބަޖެޓުގެ ހާލަތު ހަގީގަތުގައި މިހާރު ހުރީ މާ ބޮޑަށް ގޯސް ކޮށެވެ.
"ކަނޑައެޅިފައިވާ ކޯޑުތަކަށް ބޭނުންވާ ތަކެތި ހޯދަން ފައިސާ ނެތްކަން މި އެނގެނީ. މިއީ ވަރަށް ސީރިއަސް މައްސަލައެއް. ހާއްސަކޮށް ސިއްހީ ސާމާނު. މިއީ ކަނޑައެޅޭ ޝެޑިއުލަކަށް ހޯދައި ގެންނަން ޖެހޭ އެޗެއް. އެހެން ނޫނީ ގެންނައިރު އަގު ވެސް ބޮޑުވޭ. މިއީ ބަޖެޓަށް ކުރިމަތި ވާނެ ގޮންޖެހުމެއް،" އޭނާ ވިދާޅުވި އެވެ.
ބަޖެޓުގައި ފައިސާ ހުރިކަމަށް ދެއްކި ނަމަވެސް އެ ފައިސާ ނެތްކަން އެނގެމުން ދާއިރު، ހިދުމަތް ހޯދައި ފައިސާ ނުދީގެން ސަރުކާރު ފަހާ ގިނަ ބަޔަކު ދަނީ ދުވަމުންނެވެ. އެގޮތުން ސަރުކާރު މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި ހިދުމަތްދޭ ހިތުގެ ޑިޕާޓްމަންޓާއި ނާރުގެ ޑިޕާޓްމަންޓުން ބޭރުގެ ހޮސްޕިޓަލް ތަކަށް ދަރައި ނުދައްކައި ފަސް މިލިއަން ޑޮލަރު، 76 މިލިއަން ރުފިޔާ ހުރިކަން ވަނީ ހާމަވެފަ އެވެ. މިއީ ވަރަށް ސީރިއަސް މައްސަލައެކެވެ.
ރާއްޖޭގައި ކުރިން ނުލިބޭ ހިތުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓެއް 2015 ގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދީ އެތައް ބަޔަކު މިފަދަ ބަލިތަކުގައި ބޭރަށް ދިއުން ނޫން ޗޮއިހެއް ނެތް ވަގުތެއްގަ އެވެ. ނަމަވެސް މި ހިދުމަތް ފެށުމާއެކު ރާއްޖޭން ބޭސް ފަރުވާ ފުރިހަމައަށް ލިބި ފަސޭހަ ވެގެން ދިޔަ އެވެ. އެކަމަކު އޭގެ ފަސް އަހަރު ފަހުން މިކަން ގެއްލި މި ހިދުމަތުގެ ކޮލިޓީއާމެދު މިވަނީ ސުވާލު ކުރަން މަޖުބޫރުވެފަ އެވެ. އެތަން ހިންގާން ދިން ފައިސާއަށް ހެދިގޮތެއް ނޭނގެ އެވެ.
މިހާރު ސިއްހީ ހިދުމަތުގައި އޮތީ ހަމައެކަނި ފައިސާ ނުދިނުމާއި ތަކެތި ނުގަނެވުމުގެ ޝަކުވާ އެކަންޏެއް ވެސް ނޫނެވެ. ހޮސްޕިޓަލްތަކުގެ ފެންވަރު ދަށްވެ ހިދުމަތުގެ ކޮލިޓީ ދަށްވުމުގެ ޝަކުވާއާއެކު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި މިހާރުވެސް ދަނީ އަޑު އުފުލަމުންނެވެ.
ރާއްޖޭގައި މި ސަރަހައްދުގައި ނެތްވަރުގެ ބޮޑު ހޮސްޕިޓަލެއް، ދަރުމަވަންތަ ހޮސްޕިޓަލުގެ ނަމުގައި ނަން ބޯޑެއް ޖަހައި ހެދި ނަމަވެސް އެތަންވެސް ވީ އުސް ފަރުބަދައަކަށެވެ. އުސް އެ އިމާރާތެއް ހުރުން ފިޔަވައި އެތަނުން ސިއްހީ ދާއިރާއަށް އައި ލުޔެއް ނުފެނުވެ. މިއަކީ އިމާރާތުގެ މައްސަލައެއް ނޫނެވެ. މިއީ ސިއްހީ ވުޒާރާ އާއި ސަރުކާރުން ޒިންމާ ނަގަން ޖެހޭ ބޮޑު މައްސަލައެކެވެ. ފޮތެއް އޮތަކަސް އެދުރެއް ނުވާނެއޭ ބުނާ ގޮތަށް އިމާރާތެއް ހުއްޓަސް އެތަނުގެ ބޭނުން ކުރަން ނޭނގޭނަމަ އެވާނީ ނެތް ތަނަކަށެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ޒަމާނީ މެޝިނަރީ ނެތީއެއް ނޫނެވެ. އެބަހުއްޓެވެ. އެތަން ބޭނުން ކުރުމުގެ ޝައުގުވެރިކަން ސަރުކާރުގައި ނެތީ އެވެ. އެ ޝައުގުވެރިކަން ނެތީ ކީއްވެގެން ކަން ވެސް އެއީ އެނގޭ ހަގީގަތެވެ.
ސަރުކާރުން ދަރުމަވަން ހޮސްޕިޓަލޭވެސް ކިޔާކަށް ބޭނުމެއް ނުވެއެވެ. އެ އިމާރާތް ދިއްލާލާން ވެސް ބޭނުމެއް ނުވި އެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލަށްވުރެ ތިރީގައި ހުރި އިންޑިއާއިން ކުރީ މާ ކުރީ ޒަމާނެއްގައި އަަޅައިދިން އައިޖީއެމްއެޗާ ގުޅޭ، އިންޑިއާގެ ނުފޫޒުގަ ކުރި ކަމަކަށް ވުން ވަރަށް ކައިރި އެވެ.
ކޮންމެ ގޮތަކަށް ކަން ހިނގާފައި ވިޔަސްމިހާރު މުޅި ސިއްހީ ނިޒާމު މިއޮތީ ބޮއްސުންލައި ހާލުދެރަވެ ކުއްލި ފަރުވާއަށް ބޭނުންވެފައެވެ. ކުޑަ އެއް މިސާލަކީ ތަކެއްޗަށް އޯޑަރު ނުކުރެވި ސިއްހީ އެންމެ އާދައިގެ ސާމާނު އިމަޖެންސީން ނަގައިގެން ބޭނުން ކުރާ ހިސާބަށް ރާއްޖޭގެ ހާލަތު ވައްޓާލާފައި އޮތް އޮތުމެވެ. މި މައްސަލަތައް އަވަހަށް ބަލަން ޖެހޭނެ އެވެ. ވީގޮތަކާ އިހުމާލު އޮތް މިންވަރާއި އެކަން ކަމުގައި ޒިންމާ ނަގަން ޖެހި، ކުށްވެރިވާ މީހުންނަށް ދޭން ޖެހޭ އަދަބެއް ދޭން ޖެހޭނެ އެވެ. އެއީއަކީ އަދި އަނިޔާވެރި ވުމެކޭއެއް ނުބުނެވޭނެ އެވެ. އެކަން ނުބަލައި ފިނަމަ އެއީ ރައްޔިތުންނަށް އަނިޔާވެރިވީއޭ ބުނެވޭނެ އެވެ.
އަތުޖެހޭހާ ބަޔަކަށް ޙަރާމް ޙުކުމް ކުރުމަށް ރެޑީ ވާހެންހީވެ. އަންނަނީ ގޮއްމުށުގެ ސަރުކަާރެއްކަމާއިމެދު ޝައަކު ނުކުރަނަޖެހޭވަރަށް ބަސްމަޣު ދަނީ ބަދަލުވަމުން.
ހަމަ އެެއްވަނައިގެ ސުރުހީއެއްތީ.