ސްކޫލްގެ ބައެއް ޓީޗަރުންނާއި ފޮތްތައް ހަމަވެފައި ނުވާއިރު ސީނިއާ މެނޭޖްމަންޓްގެ އިސް ބައެއް މަގާމުތައް ހުރީ ހުސްކޮށް ކަމަށް ވެސް ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމަށް ހާއްސަ ހަމައެކަނި ސުކޫލް -- އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ މެނޭޖްމަންޓުގެ ގިނަ މައްސަލަތަކެއް ފާހަގަކޮށް އެޑިއުކޭޝަން މިނިސްޓްރީއަށް ބެލެނިވެރީންގެ ފަރާތުން ޕެޓިޝަނެއް ހުށައަޅައިފި އެވެ.
އަރަބިއްޔާގެ 170 ބެލެނިވެރީން ސޮއިކޮށް އެޑިއުކޭޝަނަށް ހުށައެޅި ޕެޓިޝަންގައި ބުނެފައި ވަނީ 900އާ ގާތް ކުރާ އަދަދަކަށް ދަރިވަރުން ތިބި އަރަބިއްޔާގެ އަލަށް އިންތިހާބު ކުރެވުނު ޕީޓީއޭ އެކުލަވާލެވި ދެމަސް ދުވަސް ވާން ކައިރިވެފައި ވާއިރު އަދިވެސް އެއްވެސް ބައްދަލުވުމެއް ބޭއްވިފައި ނުވާ ކަމަށެވެ.
ސްކޫލު ބޯޑުގެ ޗެއާޕާސަން ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ކަނޑައަޅާފައިވާ ފަރާތުގެ އިތުރުން ބޯޑަށް އިންތިހާބު ވެފައިވާ އެހެނިހެން މެންބަރުން ވެސް ސްކޫލު ބޯޑުގެ ބައްދަލުމެއް ބާއްވައި ދިނުމަށް އެދި ޑެޕިއުޓީ ޕްރިންސިޕަލްގެ އަރިހުން އެދިއެދި ދެތިން މަސް ވާއިރު ވެސް އެކަމުގައި އެކަށީގެންވާ މިންވަރާ ގާތަށް ވެސް އެއްބާރުލުން ނުދެއްވާތާ ގިނަ ފަހަރު މެސެޖުތަކަށް ވެސް ރިޕްލައި ނުކުރާ ކަމަށެވެ. އަދި ކުރީގެ މެނޭޖުމަންޓްތަކާ ހިލާފަށް ޕީޓީއޭގެ ނައިބު ރައީސްގެ ހައިސިއްޔަތުން އަމިއްލައަށް ވަކިން ބައްދަލުވާން އެދިގެން ވެސް ބައްދަލު ނުކުރި އެވެ.
މީގެ އިތުރުން ސްކޫލްގެ ބައެއް ޓީޗަރުންނާއި ފޮތްތައް ހަމަވެފައި ނުވާއިރު ސީނިއާ މެނޭޖްމަންޓްގެ އިސް ބައެއް މަގާމުތައް ހުރީ ހުސްކޮށް ކަމަށް ވެސް ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ. އަދި ސްކޫލު ގައި ކިޔަވައި ދެވޭ ދުވަސްތަކަށް ވުރެ ކުޅިވަރާއި އިރުތު ހަރަކާތްތައް ދުވަސްތައް އިތުރުވެފައިވާ ކަމަށާ އޭގެ ސަބަބުން އެތައް ފިލާވަޅެއް މަޑުޖެހި ފަސްވެގެން ގޮސްފައިވާ ކަމަށެވެ.
"އަދި އެއްވެސް އެކްޓިވިޓީއެއް ބޭއްވޭ އިރު ޕީޓީއޭގެ އެކްޓިވިޓީ ކޮމިޓީގެ ރައީސަށް ވެސް އަންގާ ނުލައެވެ،" ޕެޓިޝަންގައި ވެއެވެ.
ސްކޫލްގެ ކަންކަން ރޭވި ހިނގަމުން ދަނީ އެއްވެސް އިންތިޒާމެއް ނެތި މިވަގުތު ސީނިއާ މެނޭޖްމަންޓުގައި އިންނަވާ އެންމެ ފަރުދެއްގެ ވިސްނުންފުޅަށް ފެންނަ ގޮތަކަށް އެއްވެސް އެހެން ފަރާތަކާއި މަޝްވަރާ ކުރުމެއް ނެތި ކަމަށް ވެސް ޕެޓިޝަންގައި ވެއެވެ.
ބެލެނިވެރީންގެ ޕެޓިޝަންގައި އެދިފައި ވަނީ ޕީޓީއޭ އާއި ސްކޫލް ބޯޑުގެ ބައްދަލުވުންތައް އޭގައި ހިމެނޭ މެންބަރުން އެދޭ ގޮތަށް ލަސްނުކޮށް އަންނަ ހަފްތާގައި ބާއްވާ ދިނުން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލަށް އަންގައި ދިނުމަށެވެ. އަދި ސްކޫލު ހިންގުމުގައި ބެލެނިވެރިންގެ ތެރެއިން އިންތިޚާބު ވެފައިވާ މެންބަރުންނާއި ގުޅިގެން ނަފުރަތާ ދުރު، އެކުވެރި މާހައުލެއްގައި ސްކޫލުގެ ކަންކަން ހިންގާ ދިނުމަށް އަންގައި ދިނުމަށެވެ.