ތަފާތު ވަގުތުކޮޅެއް: ގޮޓަބަޔާ އެނބުރި ގައުމަށް ވަޑައިގެންފި

ކުރީގެ ރައީސުންނަށް ބޮޑީގާޑުންނާއި ވެހިކަލަކާއި ބޯހިޔާވަހިކަން ކަށަވަރު ކޮށްދޭން ލަންކާގެ ގާނޫނުއަސާސީން ލާޒިމް ކުރެ އެވެ. ރައީސް ގޮޓާބަޔާ ގައުމަށް ވަޑައިގަތުމުން ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ފޯރު ކޮށްދޭނެ އެވެ. އަދި އެކަމަށް ހާއްސަ ސެކިއުރިޓީ ޑިވިޝަނެއް އުފައްދާފައި އަސްކަރިއްޔާ އާއި ފުލުހުންގެ ކޮމާންޑަކުން ބަލަހައްޓައި ދޭނެ އެވެ.

ކުރީގެ ރައީސް ގޮޓާބަޔާ: ފިއްލަވައިގެން އުޅުއްވުމަށް ފަހު މިރޭ ވަނީ ގައުމަށް ވަޑައިގެންފައި

މިދިއަ ޖުލައި މަހު ގައުމު ދޫކޮށް ފިއްލަވައި ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހު މިހާތަނަށް ތައިލެންޑުގައި ހުންނެވި ސްރީލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕްސާ އެނބުރި މިރޭ ގައުމަށް ވަޑައިގެންފި އެވެ. ކުރީން ލަފާ ކުރެވިފައި އޮތީ މާދަމާ ހެނދުނު ވަޑައިގަންނަވާނެ ކަމަށެވެ.

ގޮޓަބަޔާ ގައުމަށް ވަޑައިގަތީ ސިންގަޕޫރު އެއާލައިންސްގެ ފްލައިޓެއްގަ އެވެ ގޮޓާބަޔާ ވަޑައިގަތް އިރު ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓްގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބައެއް ވަޒީރުން ތިއްބެވި އެވެ. އެ ހިސާބަށް ވާސިލުވާން މީޑިއާއަށް ހުއްދައެއް ނުދެ އެވެ.

ގޮޓާބަޔާ އެނބުރި ގައުމަށް ވަޑައިގަތީ އެކަމާ ބެހޭ ގޮތުން ސިއްރު އިންތިޒާމްތަކެއް ރޭވުމަށް ރައީސް ރަނިލް ވިކްރަމަ ސިންހާއާ ދެމެދު މި ހަފުތާގެ ތެރޭގައި މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. އެ މަޝްވަރާތަކަކީ އަމާން ކަމާއެކު ގޮޓަބަޔާ ގައުމަށް ވަޑައިގަތުމުގެ ޔަގީން ކަމާ ގުޅޭ ޑީލެކެވެ.

އެ މަނިކުފާނު ފިއްލެވީ ގާނޫނީ ޗާޓުގެ ތެރެއިން ކޮށައި ސާފު ކުރި މަގެއްގެ ތެރެއިންނެވެ. އެހެންވެ އެ މަނިކުފާނަކީ ކުށްވެރިއެއް ނޫނެވެ. ބޭނުންފުޅު އިރެއްގައި އަމިއްލަފުޅު ވަޒަނަށް ވަޑައިގެންނެވެ އެވެ. މިހާތަނަށް މައްސަލައަކަށް ވެފައި އޮތީ އެ މަނިކުފާނުގެ ވެރިކަމުގައި ލަންކާއަށް މެދުވެރި ހާލަތާއި ރައްޔިތުން މެދުގައި އޮތް ރުޅިވެރިކަމާއި ސިޔާސީ މަސްރަހު އެނބުރިފައި އޮތް ގޮތެވެ.

ގޮޓާބަޔާ އެއާޕޯޓުން ވަރުގަދަ މޮޓޯކޭޑުގައި ވަޑައިގަންނަވާ މަންޒަރުގެ ވީޑިއޯ ފެންނަ ޓްވީޓެއް: މި ޓްވީޓަކީ "ޑެއިލީ މިރާ"ގެ ޑެޕިއުޓީ އެޑިޓަރު ކުރެއްވި ޓްވީޓެއް

ކުރީގެ ރައީސުންނަށް ބޮޑީގާޑުންނާއި ވެހިކަލަކާއި ބޯހިޔާވަހިކަން ކަށަވަރު ކޮށްދޭން ލަންކާގެ ގާނޫނުއަސާސީން ލާޒިމް ކުރެ އެވެ. ރައީސް ގޮޓާބަޔާ ގައުމަށް ވަޑައިގަތުމުން ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ފޯރު ކޮށްދޭނެ އެވެ. އަދި އެކަމަށް ހާއްސަ ސެކިއުރިޓީ ޑިވިޝަނެއް އުފައްދާފައި އަސްކަރިއްޔާ އާއި ފުލުހުންގެ ކޮމާންޑަކުން ބަލަހައްޓާނެ އެވެ.

ގޮޓާބަޔާ އާއި އަނބިކަނބަލުން އަދި އެހީތެރިޔަކު ބެންކޮކްގެ އެއާޕޯޓްގައި

ފިލައްވައިގެން ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު ގޮޓާބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވީ ޖުލައި 9، 2022 ގަ އެވެ. ފިއްލެވީ އިގްތިސޯދު ހަލާކުވެ ގައުމުން ފުން ވަޅުގަނޑަކަށް ވެއްޓުމާއި ނިޒާމްތައް އެކޮޅު ކޮޅުން ޖެހުމުގެ ސަބަބުން އުފެދުނު އާންމު ތަދުމަޑުކަމުގެ ސަބަބުން ރައްޔިތުން ރުޅި އައިސްގެން ފެށި މުޒާހަރާތަކަށް ބިރުން ޖާނުގެ ސަލާމަތަށެވެ. އޭގެ ފަހުން ގޮޓަބަޔާ ސިންގަޕޫރުން ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ހޮޓަލެއްގައި ހުންނެވީ ވަރަށް އާދައިގެ ގޮތަކަށް އަދި ވަރަށް ދަތީގަ އެވެ. އެ މަނިކުފާނާއި އަނބިކަނބަލުން ތައިލޭންޑްގައި ދިރިއުޅުއްވަމުން ހާއްސަ ބޭފުޅަކަށް ވުރެ "ގައިދީއެއްގެ ސިފައިގައި" ބެންކޮކްގެ ހޮޓަލެއްގަ އެވެ.

ގޮޓާބަޔާ ގައުމަށް ވަޑައިގަތުމާ ބެހޭ ގޮތުން ކުރީން "މި" ނޫހުގައި ލިޔުނު ރިޕޯޓެއް

ރައީސް ގޮޓާބަޔާ ގައުމަށް ވަޑައިގެންނެވި އިރު އެ މަނިކުފާނުގެ ވެރިކަމުގައި ލަންކާއަށް ޖެހުނު ހާލަށް އެއްވެސް ބަދަލެއް އަދި އައިސްފައެއް ނުއެވެ. ނަމަވެސް އިގްތިސޯދީ އެ ފުންވަޅުގަނޑުން އަރައިގަތުމަށް ލަންކާއަށް 2.9 ބިލިއަން ޑޮލަރުގެ ލޯނެއް ހަތަރު އަރަށް ބަލައިގެން ދޭން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވަނީ މިހާރު ނިންމާފަ އެވެ.

އަދި ގޮޓާބަޔާ ގައުމަށް އެނބުރި ވަޑައިގެންނެވި އިރު ހަގު ކޮއްކޯފުޅު ބަސިލް ރާޖަޕަކްސާ ގައުމުން ބޭރަށް ދަތުރު ކުރުމަށް ހުއްދަ ސުޕްރީމް ކޯޓުން މިހާރު ވަނީ ދީފަ އެވެ. އޭނާ ވަރަށް އަވަހަށް ބޭސްފަރުވާއަށް އެމެރިކާއަށް ވަޑައިގަންނަވާނެ އެވެ.

މުޒާހަރާ މީހުން ބުނަނީ ޒާތީވުމެއް ނެތްކަމަށް

ގޮޓާބަޔާ އާ ދެކޮޅަށް ފެށި މުޒާހަރާތަކުގައި މަޝްހޫރުވެ ފަހުން ލީޑަރަކަށް ބަދަލުވެފައިވާ ޖީވަންތާ ޕެއިރިސް ބީބީސީއަށް ވިދާޅުވި ގޮތުގައި ރައީސް ގޮޓާބަޔާ ރާޖަޕަކްސާ އެނބުރި ގައުމަށް ވަޑައިގަތަސް އިތުރު މުޒާހަރާތަކެއް ކުރަން ބޭނުމެއް ނުވެއެވެ. އަދި އާ ސަރުކާރަށް އޮތް ނާޒުކު މައްސަލައަކަށް އެކަން ނުހަދައި އެމަނިކުފާނުގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭނެ އެވެ.

"ގޮޓާބަޔާ ރާޖަޕަކްސާ އެނބުރި ވަޑައިގަތުމާ އަޅުގަނޑުމެން ދެކޮޅެއް ނުހަދަން. މި ގައުމުގެ ކޮންމެ ރައްޔިތަކަށްވެސް އެނބުރި ގައުމަށް ދެވޭނެ،" ޖީވަންތާ ޕެއިރިސް ވިދާޅުވި އެވެ. "މަގުމައްޗަށް މީހުން ނުކުތީ އެމަނިކުފާނުގެ ސަރުކާރުން ހިންގާފައިވާ ކަމާއި ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ސަބަބުން. އަޅުގަނޑުމެން އެމަނިކުފާނާ ދެކޮޅަށް އެއްވެސް ޒާތީ ދުޝްމަންކަމެއް ނެތް."

މުޒާހަރާތަކުގައި ބައިވެރިވި އެހެން ގިނަ މީހުން ބުނާ ގޮތުގައި ގޮޓާބަޔާ ރާޖަޕަކްސާ އަލުން ސިޔާސީ ކަންކަމާއި ނުވަތަ ސަރުކާރާ ގުޅެން މަސައްކަތް ކުރާ ނަމަ އެކަމާ ދެކޮޅު ހަދާނެ އެވެ.

"އެމަނިކުފާނު އެނބުރި ވަޑައިގަތުމުން ރައީސްގެ މަގާމުގައި ހުންނަވައިގެން ކުރެއްވި ގޯސްތަކަށް ގާނޫނީ ފިޔަވަޅު އެޅުމާއެކު މައްސަލަތައް ހުށަހަޅަން ޖެހޭ،" އެކްޓިވިސްޓެއް ކަމަށްވާ ރަޖީވް ކާންތު ބުންޏެވެ.

ރައީސް ގޮޓާބަޔާ ހުންނަވާނީ ކޮންތާކު؟

ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސަރުކާރުން ގޮޓަބަޔާ ރާޖަޕަކްސާއަށް ކޮލަމްބޯގެ މެދުތެރޭގައި ހުރި ގެއެއް ފާހަގަކޮށްފައިވެ އެވެ. ނަމަވެސް އެ މަނިކުފާނު ސީދާ އެގެއަށް ވަޑައިގަންނަވާނެ ކަމެއް ނުވަތަ ފުރަތަމަ ރައްކާތެރި އަސްކަރީ ފެސިލިޓީއަކަށް ވަޑައިގަންނަވާނެ ކަމެއް ސާފެއް ނުވެ އެވެ.

ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނަކު ރޮއިޓާސްއަށް ވިދާޅުވީ ގޮޓާބަޔާ ރާޖަޕަކްސާއަށް "ކުރީގެ ރައީސްގެ ހައިސިއްޔަތުން ގޮޓަބަޔާއަށް ފުރިހަމަ ސެކިއުރިޓީ ދެއްވާނެ" ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޑިފެންސްގެ ބެލުމުގެ ދަށުގައި ގޮޓާބަޔާ ބަލަހައްޓައި ދޭނީ އެ މަނިކުފާނަށް ފުރިހަމަ މިނިވަންކަން ލިބޭ ގޮތަށް އެކަމަކު ސިޔާސީ ކަންކަމުގައި ވެރިވެ ވަޑައި ނުގެންނެވޭނެ ގޮތަކަށެވެ.

ސްރީލަންކާއަކީ ދެކުނު އިންޑިއާގެ އައްސޭރީފަށުގައި އޮންނަ ރީތި ގައުމެކެވެ. އިނގިރޭސި އަޅުވެތި ކަމުގެ ދަށުން އެ ގައުމު މިނިވަންވީ 1948 ވަނަ އަހަރު އެވެ. އެ ގައުމުގައި ތިން ނަސްލެއް އޮވެ އެވެ. އެއީ ސިންގަޅައިންނާއި ތަމަޅަ އަދި މުސްލިމުންނެވެ. ގައުމުގެ 22 މިލިއަން މީހުންގެ އާބާދީއެއް އޮވެއެވެ،

ލަންކާގައި ބާރުގަދަ އާއިލީ ވެރިކަމެއް އަންނަތާ އަހަރުތަކެއް ވެފައި ވެ އެވެ. މަހިންދާ ރާޖަޕަކްސާ ވެގެން ދިޔައީ 2009 ވަނަ އަހަރު ގިނަ ސިންގަޅަ މީހުންގެ ތެރޭގައި ބަތޮލަކަށެވެ. އެއީ އަހަރުތަކެއް ވަންދެން އެ ގައުމުގައި ހިތި ލޭއޮހޮރުވުންތަކެއް އޮތް ދާޚިލީ ހަނގުރާމައަށް ފަހު ވަކިވެ ގަންނަން މަސައްކަތް ކުރަމުން ދިޔަ ތަމަޅަ ބާޣީންނާއި ކުރިމަތިލައި މަހިންދަ ރާޖަޕްކަސަގެ ސަރުކާރުން ބަޣީން ބަލިކޮށްލައި އަމާންކަން ހޯދައި ދެއްވުމުންނެވެ. އޭރު ޑިފެންސް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ކޮއްކޯފުޅު ގޮޓަބަޔާ ފަހުން ރައީސް ކަމަށް ވަޑައިގެންނެވި ނަމަވެސް ހިޔާނާތާއި ފަސާދަ އާއި ހިންގަން ނޭނގުމުގެ ސަބަބުން ލަންކާގެ ނިޒާމު ގެއްލި ދުވަހަކުވެސް އެގައުމުގެ ތާރީޙު ނުދެކޭ ފަދަ ހަޑި ވެރިކަމަކަށް އޭނާގެ ވެރިކަން ބަދަލުވެގެން ދިޔައެވެ.

އިގްތިސޯދީ ދަތިކަމާއި އިންފްލޭޝަން މައްޗަށް ދިއުމާއި ކާނާއާއި ބޭހާއި ތެލުގެ ދަތިކަން ކުރިމަތިވުމާއެކު އަދި ކަރަންޓް ކެނޑުމުގެ ތެރެއިން އެތައް މައްސަލަތަކެއް ކުރިމަތިވާން ފެށުމުން މަގުމަތީގައި ރުޅިވެރިކަން އުފެދި 22 މިލިއަން މީހުން އެކީ އެކައްޗަކަށް ބޭނުންވީ ރައީސް ގޮޓަބާގެ ސަރުކާރު ބަދަލު ކުރާށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.