ދަގެނތީ މަހުމޫދުބެ މަރާލިތާ ދެ އަހަރުވީ ދުވަހު ގެއްލުނީ ޔޫސުއްބެ!

މި ރަށު މޮނަލާޒް، މަހްމޫދު އަބޫބަކުރު މަރާލުމަށް ފަހު ގޯންޏަކަށްލާ ވަޅެއްގެ ތެރެއަށް ވައްޓާލާފައި އޮއްވާ ފެނުނީ އޮކްޓޫބަރު 14، 2021 ގައެެވެ. އޭގެ ދެ އަހަރުން މިއަދު މި ރަށު ނޫލައިޓް ޔޫސުފް އިބްރާހިމް (ޔޫސުބެ) މަހަށް ނިކުމެ އުޅެނިކޮށް ވަނީ ގެއްލިފައެވެ.

މިއަދު ގެއްލުނު ޔޫސުފް އިބްރާހިމް /ޔޫސުބެ (ކަނާތްފަރާތުގައި) އަދި މީގެ ދެ އަހަރު ކުރީން މަރާލާފައި ވަޅަކަށް ވައްޓާލާފައި އޮއްވާ ފެނުނު މި ރަށު މޮނަލާޒް، މަހްމޫދު އަބޫބަކުރު

އދ. ދަނގެތީން: އަހްމަދަު ހަމީދު އާދަމް


މީގެ ދެ އަހަރު ކުރީން އޮކްޓޫބަރު 14، 2021 އަކީ އދ. ދަނގެތީގެ ތާރީހުގައި އެންމެ ހިތާމަވެރި ދުވަހެވެ. އެ ރަށުގެ ވިޔަފާރިވެރިޔެއް ކަމުގައިވާ އެ ރަށު މޮނަލާޒް، މަހްމޫދު އަބޫބަކުރު، މަރާލުމަށް ފަހު ގޯންޏަކަށްލައި ވަޅެއްގެ ތެރެއަށް ވައްޓާލާފައި އޮއްވާ ފެނުން ވެގެން ދިޔައީ މުޅި ދަނގެތި ރޮއްވާލި ހިތާމައަކަށެވެ. މިއިން ޒަމާނަކު ވެސް މި ރަށުގައި އެފަދަ ހާދިސާއެއް ހިނގާފައެއް ނެތެވެ. އަދި އެފަދަ ހާދިސާ އެއް ދަނގެތީގައި ހިނގާފާނެ ކަމަށް މީހަކު ހިތަށް ނާރަ އެވެ.

ރަށުގެ އެންމެނާ ވެސް ގުޅޭ ހިތްހޮޔޮ އެންމެންގެ މަހުމޫދުބެއަށް އެވަރު ކޮށްލަން ޖެހޭ ސަބަބެއް އަދިވެސް އޮތީ ނޭނގުމުގެ ތެރޭގަ އެވެ. އެ މައްސަލައިގެ ތުހުމަތު އޮތީ މިރަށުގައި ދުވަސްވީ މީހަކު ބަލަން އަައިސް އުޅުނު ބަންގާޅު ފިރިހެނަކަށެވެ. ތަހުގީގުގެ ފުރަތަމަ މަރުހަލާ ގައި އޭނާ ވަނީ އެކަމަށް އެއްބަސް ވެފަަ އެވެ.

މަހުމޫދުބެ މަރާލި ގޮތް އޭނާ ކިޔައި ދިނެވެ. އެކަން ކުރީ ފައިސާގެ ދަހިވެތި ކަމުގައި ކަަމަށް ވެސް ބުންޏެވެ. އެ ކުށުން ތައުބާ ވެއްޖެ ކަމަށް ބުނެ އޭނާ އެދުނީ މަރުގެ އަދަބު ނުދޭށެވެ. އެކަމަކު މައްސަލަ ނިމުމާ ހަމައަށް ގޮސް ކުއްލިއަކަށް ހުއްޓުނީ ބަނގާޅު ފިރިހެން މީހާގެ ވާހަކަ ބަދަލުވުމުންނެވެ. މަހުމޫދުބެ މަރާލި ކަމަށް މިހާރު އޭނާ އެއްބަހެއް ނުވެއެވެ.

މަހުމޫދުބެ މަރަށް އިންސާފު ނުލިބި ދެ އަހަރު ދިޔައީ އެވެ. އެ ހިތާމަ އަދިވެސް ރަށުގައި އެބަ އޮތެވެ. ބަންގާޅު މީހާ އޭރު ދިރިއުޅުނު "ނެދުންގެ" ކައިރީން ދާއިރު އެ ބިރުވެރި ރޭގެ ހަނދާންތައް އާވެ އެވެ. އިއްޔެ ހިނގި ކަމެއް ފަދައިން މިއަދު ވެސް މި ރަށުގެ ކޮންމެ މީހެއްގެ އެ ހާދިސާ ބިންވަޅު ނެގިފައިވެއެވެ.

ޔޫސުފް އިބްރާހިމް އޭނާގެ ދޯނީގައި އިތުުރު ބަޔަކާ އެކު: މިއަދު ދޯނި ފެނުނުއިރު ޔޫސުބެ އެއް ނެތް

މަހުމޫދުބެގެ މަރަށް މިއަދު ބަރާބަރު ދެ އަހަރު ފުރުނީ އެވެ. މިއީ އަނެއްކާ ވެސް ދަނގެއްޗަށް ހިތާމައިގެ ދުވަހެވެ.

މި ރަށު ނޫލައިޓް ޔޫސުފް އިބްރާހިމް (ޔޫސުބެ) މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނީ އެވެ. އާދަވެ އެކަނި މަހަށް ދާ ޔޫސުބެ ރޭ ފަތިހު މަަހަށް ފުރަން ގެއިން ނިކުތީ 5:30 އެހާކަންހާއިރު އެވެ. އެންމެ ފަހުން ޔޫސުބެ ފެނުނީ ހެނދުނު 9:30 ހާއިރު އެވެ. އޭރު ޔޫސުބެ އުޅުނީ ބޮއި އަޅާށެވެ. ރަށްވެލީ ފަޅާއި އޮރިމަސްފަރު ފަޅު ކައިރީގަ އެވެ. ނަމަވެސް އޭގެ ދެ ގަޑިއެއްހާއިރު ފަހުން ޔޫސުބެ ދަތުރުކުރި ދޯނި ފެނުނުއިރު އޭނާއެއް ނެތެވެ.

"އެއީ ގާތްގަނޑަކަށް 10:50 ހާއިރު. އޮރިމަސްފަރު ފަޅު ކައިރީ ވެލި ނަގަން ތިބި ބަޔަކަށް ދޯނި ފެނުނީ. މަޑުމަޑު ސްޕީޑެއްގައި ދުއްވަމުން އަންނަ ތަން. އެކަމަކު އޭރު ދޯނީގައި މީހަކު ނެތް. ދެން އެ މީހުން ހެދި ގޮތަކީ ކައިރީ އޮތް ރަންވެލި ރިސޯޓަށް ގެންދިޔައީ އެއީ މި ރަށު ބައެއް ނޫން. އެ މައުލޫމާތު ރަށަށް މި ލިބުނީ އޮރިމަސްފަރު ފަޅުގައި ދާ އަޅަން ތިބި މި ރަށު ބަޔަކަށް އެ މީހުން ހަބަރު ދިނުމުން. އޭރު ގަޑިން 11:10 ހިނގީ،"

ޔޫސުބެ ހޯދުމަށް ބޮޑު އޮޕަރޭޝަނެއް

ދަނގެއްޗަކީ ރާއްޖޭގެ ނިސްބަތުން އެންމެ ގިނަ ފުރާ ދުއްވާ އުޅަނދު އޮތް އެއް ރަށެވެ. އަދި މިއީ ޑައިވަރުން އެންމެ ގިނަ އެއް ރަށެވެ.

ޔޫސުބެ ހޯދުމަށް މިހާރު ވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފަ އެވެ. މި ރަށުގެ 13 ވަރަކަށް އުޅަނދު ނިކުމެ ޔޫސުބެ އެންމެ ފަހުން ފެނުނު ސަރަހައްދު އެކަށް ވަނީ ބަލާފަ އެވެ. އެ މަސައްކަތުގައި ވިލަމަންދޫ ރިސޯޓާއި ވައްކަރު އައިލެންޑާއި މާފުށިވަރު ރިސޯޓްގެ އުޅަނދުތަކުން ވެސް ދަނީ ބައިވެރި ވަމުންނެވެ.

ރަށު ކައުންސިލުން މިހާރު ވަނީ ރަށުގައި ނަގާ ކިޔާ މީހުނާއެކު އެ މަސައްކަތަށް ހާއްސަ ޓާސްކު ފޯހެއް އެކުލަވާލާ ޔޫސުބެ ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފަ އެވެ. އެ ގޮތުން 11 މީހުންގެ މައްޗަށް އެކުލެވޭ ޑައިވަރުންގެ ޓީމެއް ދަނީ މުޅި ސަރަހައްދުގައި ފީނަމުންނެވެ. ވަރަށް އަވަހަށް ވިލަމަންދޫ ރިސޯޓާއި ވައްކަރު އައިލެންޑާއި މާފުށިވަރު ރިސޯޓްގެ ޑައިވަރުންގެ ޓީމެއް އެ މަސައްކަތާއި ގުޅޭނެ އެވެ.

ޔޫސުބެއަށް ވީ ކިހިނެތް؟ ޔޫސުބެ ގެއްލެން މެދުވެރިވީ އަސްލު ސަބަބު އޮތީ ނޭންގުމުގެ ތެރޭގައެވެ. ނަމަވެސް ކުރީން ހިނގާފައިވާ ހާދިސާތަކަށް ބަލާއިރު ޔޫސުބެ ގެއްލެން މެދުވެރިވީ ސަބަބު އަންދާޒާ ކޮށްލަން އުނދަގުލެއް ނޫނެވެ. މީގެ ކުރީން ވެސް މަހަށް ނިކުމެ އުޅުމުގެ ތެރޭގައި ދޯނީގެ ތެރެއަށް ވެއްޓުމާއި ކަނޑަށް ވެއްޓުމާއި ފަރަށް ފެރުން ފަދަ ކަންކަން ހުރީ ހިނގާފައެވެ.
ގެއްލިގެން ހޯދަމުންދާ ޔޫސުފް އިބްރާހިމް

"ކޮންމެ ފަހަރަކު އެފަދަ ހާދިސާ ތައް ހިނގަނީ ޔޫސުބެއަށް ނިދިގެން. ކުއްލި އަކަށް އެގޮތަށް ނިދިޖެހުން އެއީ ޔޫސުބެއަށް ދިމާވާ ކަމެއް. ބެލެވެނީ މި ފަހަރު ވެސް އެފަދަ ކަމެއްވެ ކަނޑަށް ވެއްޓުނީ ކަމަށް،" ޔޫސުބެ ހޯދުމުގެ މަސައްކަތަށް އެކުލަވާލި ޓީމުގައި އިސްކޮށް ހިމެނޭ މީހަކު ބުންޏެވެ.

އެހެން ކަމުން އެންމެނަށް ވެސް ގަބޫލު ކުރެވެނީ ޔޫސުބެއަށް ނިދި ޖެހި ކަނޑަށް ވެއްޓުނީ ކަމަށެވެ. އެކަމަކު ކުރީން ވެސް އެފަދަ ހާދިސާއެއް ހިނގުމުން ފަތާފައި ދޯންޏަށް އެރި ކަމަށް ޔޫސުބެ ކުރިން ބުނެފައި ވެއެވެ. އުމުރުން 68 އަހަރުގެ ޔޫސުބެ އަކީ ވަރުގަދަ މީހެކެވެ. ކަނޑަށް ވެސް ގަދަ މީހެކެވެ. އެހެެން ކަމުން މި ފަހަރު ސަލާމަތް ނުވެވޭވަރުގެ އެހެން ކަމެއް ދިމާވީ ކަމަށް ވެދާނެ އެވެ.

ޔޫސުބެ ގެއްލުނު ހަބަރާއެކު ދަނގެތީ އެންމެން ކަހަލަ ގޮތަކަށް ހެނދުނު ބަނދަރު ސަރަހައްދަށް ޖަމާވި އެވެ. ދޭތެރެ ދޭތެރެއިން ރަށުގެ މީހުން އެއްވެ ޔޫސުބުގެ ހަބަރެއް ވޭތޯ ބަލަ އެވެ. މީގެ ދެ އަހަރު ކުރީން މި ދުވަހު ހިނގާދިޔަ މަހުމޫދުބެ މަރުގެ ހަނދާން އިތުރަށް އާވެ މުޅި ރަށް އޮތީ ބޮޑު ހިތާމަ އެއް ގައެވެ. އެންމެންގެ މޫނު މަތީން ފެންނަނީ ހިތާމައާ މޮޅިވެރި ކަމެކެވެ.

ހުރިހާ އެންމެންގެ ދުއާ އަކީ ހެޔޮ ހާލުގައި ސަލާމަތުން ހުރެ ޔޫސުބެ ފެނުމެވެ. 

15 އަހަރު ކުރީން ވެސް މިފަދަ ހާދިސާއެއް

މީގެ 15 ވަރަކަށް އަހަރު ކުރީން ވެސް ދަނގެތީ މީހަކު ކަނޑަށް ގެއްލުމުގެ ހާދިސާ އެއް ވަނީ ހިނގާފަ އެވެ. އެއީ މި ރަށާއި ކައިރީ އޮތް ރަންވެލި ރިސޯޓަށް ބޮއްކުރައެއްގައި ދަތުރު ކުރި މީހެކެވެ. މި ރަށު މީހުންގެ ނަމުން "މުހަަންމަދުބެ" އަކީ އެ ރިސޯޓްގައި މަަސައްކަތުގެ މީހެކެވެ. ޒިންމާއަކީ ރިސޯޓް ކުނި ކެހުމެވެ. 

ކޮންމެ ދުވަހަކު މަސައްކަތަށް ދަނީ ބޮއްކުރައެއް ގައެވެ. ހަވީރު ފަހެއް ޖަހާއިރު ޑިއުޓީ ނިންމާލުމަށް ފަހު އަނެއްކާ ވެސް ބޮއްކުރާ ގައި ރަށަށް އަންނަނީ އެވެ. ނަމަވެސް އެއް ދުވަހު ރިސޯޓުން ރަށަށް އައި މަގުމަތީ ކަނޑަށް ގެއްލުނީ އެވެ. ގެއަށް އައުން ލަސްވެ މުހައްމަދުބެ ހޯދުމުގެ މަސައްކަތް ކުރަނިކޮށް އަނެއް ދުވަހު ހެނދުނު ބޮއްކުރާ ފެނުނީ ކަނޑު އަޑީންނެވެ. މިއަދާ ހަމައަށް ވެސް މުހައްމަދުބެ އަށް ވީގޮތެއް ނޭނގެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.