ރައީސް ސޯލިހްގެ ވެރިކަމުގެ ދައުރު ނޮވެންބަރު 17 އަށް ހަމަވުމުގެ ކުރީން މަގާމުން ރިޓަޔާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ވިދާޅުވީ އެ ތާރީހު ކަަމަށް ލަފާ ކުރެވެނީ ނޮވެންބަރު 11 ވަނަަ ދުވަސް ކަމަށެވެ.
ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފުލުހުންގެ ހިދުމަތުން ޝަރަފުވެރި ކަމާއެކު ވަކިވެވަޑައިގަންނަވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ. ސީޕީ ހަމީދު މިހެން ވިދާޅުވެފައި ވަނީ ފުލުހުންގެ އިސްވެރީން ހިމެނޭ އެ މުއައްސަސާގެ ޕްލެޓްފޯމަކަށް ފޮނުއްވެވި ދިގު މެސެޖެއްގަ އެވެ.
އޭނާގެ އެ މެސެޖް "މި" ނޫހަށް ލިބިފައި ވެއެވެ.
ސީޕީ ހަމީދުގެ މެސެޖުގައި 2012 ވަނަ އަހަރު ފުލުހުންގެ ހިދުމަތުން އޭނާ ވަކި ކުރެއްވުމާއި އަލުން ހިދުމަތާއި ގުޅިވަޑައިގެންނެވުމަށް ފުރުސަތު ލިބިވަޑައިގަަތުމާއި އަދި މިދިޔަ ހަތަރު އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި އޭނާގެ ލީޑާޝިޕްގައި ފުލުހުންގެ ހިދުމަތް ތަރައްގީ ކުރުމަށް ކުރެއްވި މަސައްކަތްތައް ފާހަގަ ކުރައްވާފައި ވެއެވެ.
ހަމީދުގެ މެސެޖު ފައްޓަވާފައި ވަނީ ފުލުހުންގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާ ކުރައްވަމުންނެވެ. އަދި އޭނާ މިހާރު ތައްޔާރުވަމުން ދަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގަންނަވަން ކަމަށް ވިދާޅުވެފައި ވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ދައުރު ނޮވެންބަރު 17 އަށް ހަމަވުމުގެ ކުރީން މަގާމުން ރިޓަޔާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އެ ގޮތުން ވިދާޅުވެފައި ވަނީ އެ ތާރީހެއް ކަަމަށް ލަފާ ކުރެވެނީ ނޮވެންބަރު 11 ވަނަަ ދުވަސް ކަމަށެވެ.
ހަމީދު ވިދާޅުވި ގޮތުގައި އޭނާ އަކީ ކަންކަމާމެދު އޭނާ ދެކެވަޑައިގަންނަވާ ގޮތެއް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވާ ބޭފުޅެކެވެ. މުހިންމު ކަންކަމުގައި ހިޔާލު ފާޅު ކުރައްވާ ވާހަކަ ދައްކަވާ ބޭފުޅެކެވެ. އަދި އެކަން ކުރައްވަނީ އޭނާ ގަބޫލު ކުރައްވާ ޕްރޮފެޝަނަލް މިންގަނޑުގައި ޕޮލިސީ ލެވެލްގަ އެވެ. އެ ގޮތަށް އޭނާ އަމަލު ކުރައްވާތީ ބައެއް ބޭފުޅުންނަށް އޭނާއަކީ ގޯސް ބޭފުޅެއްގެ ގޮތުގައި ސިފަ ކުރެވިފައިވާކަން އެނގިވަޑައިގަންނަވަ އެވެ.
ކޮމިޝަނަރު އެ ކަން ފާހަގަ ކުރެއްވީ ރައީސް ޑރ. މުހައަމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި 2012 ވަނަ އަހަރު އޭނާ ވަޒީފާ އިން ވަކިކުރެއްވި ކުރެއްވުން އެއީ ރަނގަޅު ނިންމުމެއް ނޫން ކަން ވިދާޅުވެ ދިފާއު ވުމުގެ ގޮތުން ކަމަށް ބެލެވެއެވެ.
ރައީސް ވަހީދުގެ ވެރިކަމުގައި ހަމީދު، ފުލުސް ވަޒީފާއިން ވަކި ކުރެެއްވީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް އާންމު ކުރެެއްވުމުގެ ތުހުމަތު ގައެވެ. ފުލުހުންގެ އެތެރޭގެ ކަންކަމާއި ސިއްރު މައުލޫމާތު ހަމީދު، އޭރުގެ އިދިކޮޅު ޕާޓީ އެމްޑީޕީއާ ހިއްސާ ކުރުމުގެ ތުހުމަތު އޮވެއެވެ. -- ހަމީދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުންގެ ކޮއްކޯފުޅުގެ ފިރިކަލުންނެވެ. --
އެކަން އެހެން ވެފައި އޮތް ނަމަވެސް އަލުން ފުލުހުންގެ ހިދުމަތާއި ގުޅި ވަޑައިގެން އެ މުއައްސަސާ ލީޑު ކުރަން ފުރުސަތު ލިބި ވަޑައިގަތުމަކީ އުމުރުން 17 އަހަރުން ފެށިގެން ފުލުހުންގެ ހިދުމަތަށް އޭނާގެ ހިދުމަތުގައި އޮތް ލޯބި އިތުރުވި ކަމެއް ކަމަށް ވެސް ހަމީދުގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ. އަދި ސީޕީ ވިދާޅުވެފައިވާ ގޮތުގައި ކަންކަން ދިމާވި ގޮތުން ފުރަތަމަ 2018 ވަނަ އަހަރު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ވަޑައިގަންނަވަން ބޭނުންފުޅުވެވަޑައި ނުގެންނެވި އެވެ.
ފުލުހުންގެ ހިދުމަތާއި އޭނާ ހަވާލުވެ ވަޑައިގެންނެވިއިރު އެ މުއައްސަސާ ނަން އޮތީ ފުދޭ ވަރަކަށް ކިނބަލުވެފައި ކަމަށާއި އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑަައިގަތީ ފުލުހުންގެ ސަފުތައް އެކުވެރިކޮށް އެއްބައިވަންތަ ކުރަން ކަމަށެވެ. ބައެއް ކަންކަމުގައި އަމިއްލަ ވިސްނުންތަކާއި ހިޔާލުތައް އެއް ފަރާތްކޮށް މުއައްސަސާގެ ކުރިމަގުގެ މަސްލަހަތަށް ނިންމުންތައް ނިންމާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފުލުހުންްގެ ހިދުމަތާމެދު އާންމު ރައްޔިތުންގެ އުންމީދުތައް އަދިވެސް އެބަހުރި ކަން ފާހަގަ ކުރައްވާ ކުށުގެ ވެށި އަމާންކޮށް ސަލާމަތްތެރި މުޖްތަމައުއެއް ގާއިމު ކުރަން ކުރަން ޖެހޭ އިތުރު ކަންކަން ހުރިކަން ވެސް ހަމީދު ވަނީ ފާހަގަ ކުރައްވާފަ އެވެ.
ސީޕީ ހަމީދުގެ މެސެޖުގައި ފުލުހުންގެ ހިދުމަތުގައި އޭނާއަށް ކުރަން ޖެހި ވަޑައިގަތް ތަޖުރިބާތައް ކުރިއަށް އޮތް ދުވަސްތަކުގައި އިތުުރު މެސެޖުތަކާއި ޕޯސްޓްތަކުން ހިއްސާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.